ކުރާ ދުޢާ ޢިޖާބަ ކުރެއްްވެވުން އެދި އިތުރަށް ކުރެވޭނީ ކޮން ކަމެއްތޯ؟

ކިޔުމަށް ހޭދަވާނީ 3މ 7ސ
ކުރާ ދުޢާ ޢިޖާބަ ކުރެއްްވެވުން އެދި އިތުރަށް ކުރެވޭނީ ކޮން ކަމެއްތޯ؟

ކިޔުންތެރިއަކު ސުވާލުކުރައްވާފައިވަނީ ކުރާ ދުޢާ ޢިޖާބަކުރެއްވެވުން އެދި އިތުރަށް ކުރެވޭނީ ކޮންކަމެއްތޯއެވެ.

ޖަވާބުގައި ބުނެވެން އޮތީ އަޅެ ނިކަން މިލިޔުމުގައިވާ ގޮތަށް ނިކަން ދުޢާކުރަން ފަށައިބަލާށެވެ! އަދި ދުޢާކޮށް ނިމިގެން ތިމާ ކުރި ދުޢާ ޢިޖާބަ ކުރެއްވެވުން އެދިގެންވެސް ނިކަން ދުޢާކޮށްބަލާށެވެ. ތިރީގައި މިވާ ޝައިޚް ޙަސަން ޢަލީގެ ބަސްފުޅުން ތިބާއަށް ރަނގަޅު ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ.

ކޮންމެ ކަމެއް ކުރިމަތިވެގެން ދުޢާކުރިނަމަވެސް ފުރަތަމަ ކަމަކަށް ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. ތިމާއަކީ ކުށްވެރިއެއްކަން ޤަބޫލުކޮށް އެކަން ބަޔާންކުރަންވާނެއެވެ. އެއީ ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައި ރަޙްމަތް ލެއްވެވުން އެދިއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް އެދިއެވެ. ދުޢާޢިޖާބަ ކުރެއްވެވުން ވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުންލިބުމާއިގުޅި ލާމެހިފައިކަމަށްވާތީއެވެ.

ކޮންމެ މުސްލިމަކީވެސް ތަފާތު ކަންކަމަށް އެދި ދުޢާކުރާ މީހުންނެވެ. އެކި މީހުންނަށް ކުރިމަތިވާނީ އެކި ކަންތަކެވެ. އެހެންކަމުން ދުޢާކުރާނީ އެކި ކަންކަމަށް އެދިއެވެ. ތަފާތު ބޭނުންތަކަށެވެ. ދުޢާކުރުމުގައި އަދިވެސް ގިނަ ބައަކު ވަރަށް ބޮޑަށް ހަނދާން ނައްތައިލާ އެއް ކަމެއް އޮވެއެވެ. އެއީ އެމީހެއްގެ ކުށަށް އިއްތިރާފްވުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދުމެވެ. ތައުބާވެ އަމަލުތައް އިޞްލާޙް ކުރުމެވެ.

ދުޢާ: لَّاۤ اِلٰهَ اِلَّاۤ اَنۡتَ سُبۡحٰنَكَ اِنِّىۡ كُنۡتُ مِنَ الظّٰلِمِيۡنَ

މިދުޢާގެ މާނައީ:

އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ. (އަލްއަންބިޔާ: 87) މިއީ ޔޫނުސްގެފާނު މަހުގެ ބަނޑުގައި އޮންނަވައިގެން ކުރެއްވެވި ދުޢާއެވެ.

މިދުޢާ ކުރެއްވެވުމުން ﷲ ތަޢާލާ ޔޫނުސްގެފާނުގެ ދުޢާ ޢިޖާބަކުރެއްވެވިކަންވެސް ވަނީ ވަޙީ ކުރައްވަވައިފައެވެ.

" ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ މުއުމިން ތަކުން ސަލާމަތްކުރައްވަމެވެ." (އަލްއަންބިޔާ: 88)

މިއާޔަތުން އެނގިގެންދަނީ މިމޭރުމުން ދުޢާ ކުރުމުން މުއުމިންތަކުންނަށް ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކޮށްދެއްވަވާނެ ކަމެވެ. އެކަން މިއާޔަތުގައި އެވަނީ ވަޙީކުރައްވަވައިފައެވެ.

މިދުޢާއަށް ބަލައިފިނަމަ ފުރަތަމަ ޔޫނުސްގެފާނު އެވަނީ ﷲ ތަޢާލާ މަތިވެރިކުރައްވަވައިފައެވެ. ދެން އެވަނީ ކުށަށް އިޢްތިރާފްވެވަޑައިގެންފައެވެ. އާދަމްގެފާނު ވެސް ދުޢާ ކުރެއްވެވީ ހަމަ މިފަދައިންނެވެ.

"އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފުސް ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ތަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލްއައްރާފް: 23)

އާދަމްގެފާނު ވެސް އެވަނީ ފުރަތަމަ ކުރެއްވެވުނު ކުށަށް އިޢްތިރާފްވެވަޑައިގެންފައެވެ. ފާފދަ ފުއްސަވައި ދެއްވެވުމަށް އެދިވަޑައިގެންފައިވަނީ އެއިގެ ފަހަތުންނެވެ.

ވީމާ ދުޢާ ކުރުމުގެ ކުރިން ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރަންޖެހޭނެއެވެ. ރޮއި ލޮލުން ކަރުނައަޅައި އާދޭސް ދަންނަވާށެވެ! ތިބާގެ ދުޢާ ﷲ އިޖާބަކޮށް ދެއްވަވާނެތެވެ! އިންޝާ ﷲ.

ފާފަ ފުއްސަވައި ދެއްވެވުން އެދި ދަންނަވަން ޖެހެނީ ވަކި ޚާއްޞަ ފާފައެއް ކުރެވުމަކުން އެކަންޏެއް ނޫނެވެ. އަބަދުވެސް މިތިބެވެނީ ފާފަތައް ކުރެވި ކުރެވިއެވެ. ފާފަތައް ކުރެވުންމަތީގައެވެ. އެނގިގެންނާއި ނުއެނގިވެސް މެއެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދަންނަވަން ޖެހެނީ އެ ސަބަބަށްޓަކައެވެ.

--ޝައިޚް ޙަސަން ޢަލީގެ ދަރުސަކުން

 

މިއަދު އޮންލައިން