سليمان عليه السلام އެތައް އަހަރުތަކެއްވަންދެން ވެރިކަން ކުރެއްވެވި އެވެ. داؤود عليه السلام بيت المقدّس عمارات ކުރައްވަން ފައްޓަވާފައިވާ ވަރަށްވުރެވެސް ބޮޑަށް سليمانގެފާނު އެރަށް عمارات ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ إرشاد އާއި އެއްގޮތަށް ދެޔޯ އިން މިމަސައްކަތް ކުރަމުން ގެންދިޔައެވެ. عمارات ގެ ތަނބު ތައް ހަދާފައި ވަނީ ހުދު ހިލައިންނެވެ. އެއިން ތަނބެއްގެ ދިގުމިނަކީ ސާޅީސް ގަޒެވެ. ދޮރުތަކުގެ ދޮރުފަތްތައް ހަދާފައި ވަނީ آبنـوس ގެ ލަކުޑިންނެވެ. އެއްދޮރުގެ ނަމަކީ باب داؤود އެވެ. ދެވަނަދޮރުގެ ނަމަކީ باب طوبى އެވެ. ތިންވަނަ ދޮރުގެ ނަމަކީ باب رحمة އެވެ. ހަތަރުވަނަ ދޮރުގެ ނަމަކީ ياب نبي العربيّ آخرالزَّمان (صَلَّى اللهُ عَلَيْهِ وَآلِهِ وَصَحْبِهِ وَسَلَّمَ) އެވެ.
بيت المقدّس ގެ މިސްކިތުގެ މަތި ހަދާފައި ވަނީ ساج ގެ ލަކުޑިންނެވެ.
މިސްކިތުގެ قنديل (ބައްތި) ތައް ވަނީ ރިހިންނެވެ. އަދި މިބައްތިތަކަށް ތެޔޮ އަޅައިގެން ދިއްލުމުގެ ބަދަލުގައި އެބައްތިތަކުން އަލިކޮށް ދެނީ އޭގައިވާ شب جراغ ތަކެވެ. އާދެ! އަނދިރި ތަންތަނަށް އަލިކުރާ ހީރާ ތަކެވެ. އޭގެ އަލިން އެކީ އެކައްޗަކަށް އަލި ވެފައި ވެއެވެ.
އެއްދުވަހަކު سليمان عليه السلام محراب ގެ ދޮރުމަތީގައި އެކަލޭގެފާނުގެ އަސާކޮޅުގެ މައްޗަށް ބުރަވެ ވަޑައިގެން ހުންނެވިއެވެ. އެދޮރު ވަނީ ބިއްލޫރިންނެވެ. އެވަގުތު الله تعالى ގެ حكم ފުޅަށް مَلكَ الْمَوْت އެތަނަށް ވަޑައިގަންނަވައިފި އެވެ.
سليمان ގެފާނު سؤال ކުރެއްވި އެވެ. ތިޔަވަޑައިގެންނެވީ އަޅުގަނޑާއި ބައްދަލު ކޮށްލައްވަންތޯއެވެ. ނުވަތަ އަޅުގަނޑުގެ ފުރާނަ ހިއްޕަވަންތޯއެވެ.
مَلَكَ الْمَوْت ވިދާޅުވި އެވެ. އަޅުގަނޑު އައީ ކަލޭގެފާނުގެ ފުރާނަފުޅު ހިފާށެވެ. سليمان عليه السلام ވިދާޅުވި އެވެ. އެންމެ ރަނގަޅެވެ.މިހެން ވިދާޅުވެފައި محرابގެ ތެރެޔަށް ވެދެވަޑައިގެން އެކަލޭގެފާނުގެ އަސާކޮޅު ބިމުގައި ޖައްސަވާ ލައްވައި އޭގެ މައްޗަށް ބުރަވެ ވަޑައިގެން ކޮޅަށްހުންނަވައިފި އެވެ. އެވަގުތު މާތް الله ގެ حكم ފުޅަށް އެކަލޭގެފާނުގެ ފުރާނަފުޅު ހިއްޕަވައިފިއެވެ.
އަދި ނުނިމޭ