(وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ ۗ مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا ﴿١٧﴾ ) " އިރުއަރައިގެން އަންނަހިނދު، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެތެވެ. އަދި އިރުއޮއްސެންދާހިނދު، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ، اللَّه ގެ آية ތަކުގެތެރެއިންނެވެ. اللَّه ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ."
(ذَٰلِكَ مِنْ آيَاتِ اللَّـهِ ) " އެކަންތައްވަނީ، (އެކުދިންގެ ޙާލަތު ބަދަލުވެގެން ދިޔަގޮތް ވަނީ) اللَّه ގެ آية ތަކުގެތެރެއިންނެވެ." އޭގެ ތެރޭގައި:
1. އެކުދިންގެ ގައުމުން ނިކުތުން.
2. ހޮހޮޅައިގެ ތެރެއަށް ވަނުން.
3. އެހޮހޮޅައިގެ ތެރޭގައި ހުރިހާ ކަމެއްވެސް އެކުދިންނަށް ފަހިވާ ގޮތަށް ކަންކަން މެދުވެރި ކުރައްވާފައިވުން.
މިއީ ﷲ ގެ އާޔަތްތަކެވެ. މި އާޔަތްތަކުން ދޭހަވަނީ އެކަލާންގެ ޙިކްމަތްވަންތަކަމާއި، އެކަލާންގެ ރަޙްމަތުގެ ތަނަވަސްކަމެވެ. މިއީ ﷲ އެކުދިންނަށް ދެއްވި ކަރާމާތެކެވެ.
(مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا ) "اللَّه ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ."
މި އާޔަތުން ދޭހަވަނީ ހިދާޔަތަށް އެދި ދަންނަވަން ޖެހޭނީ ހަމައެކަނި ﷲ ގެ ޙަޟްރަތަށް ކަމެވެ. އަދި މަގުފުރެދިފައިވާ މީހަކު ފެނިއްޖެނަމަ އެމީހަކު އެގޮތުގައި ދޫކޮށްނުލާ، އެމީހަކަށް ތެދުމަގު ހޯދައިދެވޭތޯ މަސައްކަތްކޮށް ދުޢާ ކުރަން ޖެހޭނެއެވެ.
(وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ ۖ وَكَلْبُهُم بَاسِطٌ ذِرَاعَيْهِ بِالْوَصِيدِ ۚ لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا ﴿١٨﴾ )
(وَتَحْسَبُهُمْ ) އެކުދިން ނިދާފައި ތިއްބާ ބަލާމީހަކު ހީކުރާނެއެވެ.
(أَيْقَاظًا ) ހޭލާ ތިބިކަމުގައި، ސަބަބަކީ ނިދީގެ އެއްވެސް އަޘަރެއް ފެންނަން ނެތުމެވެ.
(وَهُمْ رُقُودٌ ) އޮށޯވެ ތިބިއިރު،
(وَنُقَلِّبُهُمْ) ތިމަން ﷲ އެބައިމީހުން ފުރޮޅުއްވަމުއެވެ. މިއިން ދޭހަވަނީ ނިދާފައި އޮންނަ މީހާ ކުރާ ޙަރަކާތްތައް އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަންތަކެއް ނޫންކަމެވެ. ސަބަބަކީ އެކުދިން ހޮހޮޅައިގާ ނިދާފައިތިބިއިރު ފުރޮޅޭ ފުރޮޅުން ﷲ ނިސްބަތް ކުރައްވާފައިވަނީ އެކަލާންގެ އަމިއްލަ ޛާތުފުޅަށް ކަމަށްވާތީވެއެވެ. އެހެންކަމުން މީހަކު ނިދީގައި "ތިމަންނާގެ އަންހެނުން ވަރިކޮށްފީމޭ" ނުވަތަ "މިވެނި މީހަކަށް މިވެނި ވަރަކަށް ދަރާފައި އޮންނާނެޔޭ" ބުނިނަމަވެސް، އެކަމެއް ޘާބިތެއް ނުވާނެއެވެ. ސަބަބަކީ އެއީ އޭނާގެ އަމިއްލަ ބާރުގައި ބުނާބަހަކަށް ނުވާތީވެއެވެ.
( وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ ) " އަދި ތިމަންރަސްކަލާނގެ އެއުރެން ކަނާތްފަރާތަށާއި، ވާތްފަރާތަށް ފުރޮޅުއްވަމެވެ."
މި ކަމުގެ ޙިކްމަތަކީ: އަބަދު އެއްފަޅި އެއް ބިންމަތީގައި ޖެހިފައި އޮންނަނަމަ ބިންގަނޑު އެބައި ހަލާކުކޮށްލަފާނެތީވެއެވެ. މީގެ އިތުރުން އަބަދު އެއްފަޅި އަކަށް ނިދާފައި އޮންނަނަމަ އެދިމާލަށް ލޭގަނޑުވެ އެހެން ފަޅިތަކުގައި ލޭ ހިނގުން ދަތިވެ ޞިއްޙީ މައްސަލަތަކެއް ދިމާވެދާނެތީވެއެވެ. އެހެންކަމުން އެކުދިން ނިދީގައި އެކި ފަޅިފަޅި އަށް ފުރޮޅުން އެއީ ﷲ ގެ ޙިކްމަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
(وَكَلْبُهُم بَاسِطٌ ذِرَاعَيْهِ بِالْوَصِيدِ ) "އަދި އެއުރެންގެ ކުއްތާ އޮތީ، އޭގެ ދެއަތް ދަމާލައިގެން (ހޮހަޅައިގެ) ދޮރުމަތީގައެވެ." މިތަނުން ދޭހަވަނީ ކުއްތާ އޮތީ ނުނިދާ ކަމަށެވެ.
( بِالْوَصِيدِ ) ހޮހޮޅައިގެ ދޮރުމަތި، ނުވަތަ ވަންނަ ދިމާލުގައި، މިގޮތަށް ކުއްތާ އެތަނުގައި އޮތުމުގެ ބޭނުމަކީ އެކުދިންގެ ހަށިފާރަވެރިއެއްގެ ގޮތުންނެވެ.
މިއިން ދޭހަކޮށްދެނީ ހަށިފާރަވެރިއެއްގެ ގޮތުން ކުއްތާ ގެންގުޅުން ހުއްދަ ކަމެވެ. ނަމަވެސް ގޭތެރެއަށް ވައްދާ ތަށިތަކާއި ހެދުންތައް ނަޖިސްކުރިޔަ ދީގެން ނުވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދޘް ކުރައްވާފައިވެއެވެ. ( مَنْ أَمْسَكَ كَلْبًا ، فَإِنَّهُ يَنْقُصُ مِنْ عَمَلِهِ كُلَّ يَوْمٍ قِيرَاطٌ ، إِلَّا كَلْبَ حَرْثٍ ، أَوْ مَاشِيَةٍ ) މާނައަކީ: "ދަނޑުގޮވާން ކުރާ ދަނޑުގެ ރައްކަލަކަށް ނުވަތަ ހަށިފާރަވެރިޔަކަށް ނޫން ގޮތަކަށް ކުއްތާ އެއް ގެންގުޅޭ ނަމަ، ކޮންމެ ދުވަހަކުވެސް އެމީހެއްގެ ހެޔޮ ޢަމަލުތަކުން ގީރާޠެއްގެ މިންވަރު އުނިވާނެއެވެ."
( لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا ) "އެއުރެންނަށް ތިބާ ބަލާލައިފިނަމަ، ހަމަކަށަވަރުން، ތިބާ އެއުރެންނާ ދުރަށްދުވެ ފިލާނެތެވެ. އަދި ހަމަކަށަވަރުން، ތިބާ އެއުރެންދެކެ ބިރުން ފިތްކަނޑައިގެން ހިނގައިދާނެތެވެ."
(وَكَذَٰلِكَ بَعَثْنَاهُمْ لِيَتَسَاءَلُوا بَيْنَهُمْ ) ތިމަން ﷲ އެބައިމީހުންނަށް ޢިނާޔަތްތެރިކަން ދެއްވާ، ހޮހޮޅައިގެން ކަންކަން ފަސޭހަކޮށްދެއްވާ، ދިގު މުއްދަތަކަށް އެމީހުން ނިދާފައި ތިބޭނެގޮތް މެދުވެރި ކުރައްވާ، އަދި އެބައިމީހުން ނިދިން ހޭލެއްވީ،
(لِيَتَسَاءَلُوا بَيْنَهُمْ ) މީސްތަކުންގެ ޢާދައަކީ ނިދިން ހޭލައިފިނަމަ އެކަކު އަނެކަކަށް ސުވާލު ކުރާނެއެވެ. ހުވަފެނުގައި ފެނުނީ ކޮން އެއްޗެއް ހެއްޔެވެ؟ ނުވަތަ ރަގަޅަށް ނިދުނު ހެއްޔެވެ؟ ނުވަތަ އެނޫންވެސް ސުވާލުތައް ކުރެއެވެ.
(قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ ) "އެއުރެންކުރެ ބުނިމީހަކު ބުންޏެވެ. ތިޔަބައިމީހުން (މިތާނގައި) ތިބީ، ކިތައްދުވަހުހެއްޔެވެ؟"
(قَالُوا لَبِثْنَا يَوْمًا) "އެއުރެން ބުނޫއެވެ. ތިމަންމެންތިބީ، އެއްދުވަހު އެވެ."
(أَوْ بَعْضَ يَوْمٍ) "ނުވަތަ ދުވަހެއްގެ ބައެއްގައެވެ." ސަބަބަކީ އެމީހުން ހޮހޮޅައގެ ތެރެއަށް ވަނީ ދުވާލުގެ ކުރީކޮޅުގައެވެ. ހޭލެވުނު އިރުގައި އެއީ ދުވާލުގެ ފަހުކޮޅެވެ.
ހޭލެވުނީ އަނެއް ދުވަހު ކަމަށް ވަނީނަމަ، ހޮހޮޅައިގާ ތިބީ އެއް ދުވަހެވެ. ހޭލެވުނީ ހަމަ އެދުވަހު ކަމަށްވަނީނަމަ ހޮހޮޅައިގާ ތިބީ ދުވަހެއްގެ ބަޔެކެވެ. މިއިން އެނގެނީ އެމީހުން ތިބީ ވަރަށް ގަދަޔަށް ނިދިފައި ކަމެވެ.
(قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ) "އެމީހުން ބުނޫއެވެ. ތިޔަބައިމީހުންތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ." ވަރަށް ދިގު މުއްދަތަކަށް ނިދީގައި ތިބި ކަމަށް އެމީހުންނަށް އިޙްސާސްކުރެވުނީ އެވެ. އެހެންކަމުން، ނިދީގައި ތިބީ ކިހާ އިރަކު ކަމެއް ކަނޑައަޅަން ނޭގުނީ އެވެ.
(فَابْعَثُوا أَحَدَكُم بِوَرِقِكُمْ هَـٰذِهِ إِلَى الْمَدِينَةِ) "ފަހެ، ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމީހުންކުރެ އެކަކު، ރަށުތެރެއަށް ފޮނުވައިބަލާށެވެ!" މިއިން ދޭހަވާ ގޮތުގައި:
1. ގަނެ ވިއްކުމުގައި މީހަކާ ޙަވާލު ކުރުމަކީ ހުއްދަ ކަމެއްކަން ދޭހަވެއެވެ. އެއްފަހަރެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޟްޙިޔާ އެއް ބައްލަވައިގަތުމަށްޓަކައި، އެކަލޭގެފާނުގެ ޞަޙާބީ އެއްގެ އަތްޕުޅަށް ދީނާރެއް ދެއްވިއެވެ. ދެން އެޞަޙާބީ ކަންކުރެއްވި ގޮތަކީ އެދީނާރަށް ދެބަކަރި ގަތެވެ. އަދި އެތަނުން އެއް ބަކަރި ދީނާރަކަށް ވިއްކާލާފައި އަނެއްބަކަރި ހިއްޕަވައިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގާތަށް ވަޑައިގެން ބަކަރި އާއި ދީނާރު ޙަވާލު ކުރެއްވިއެވެ. އެހިނދު އޭނާގެ ވިޔަފާރީގައި ބަރަކާތް ލެއްވުން އެދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރެއްވިއެވެ. މި ޙާދިޘާ އަށް ބައްލަވާފައި ޢިލްމުވެރިން ވިދާޅުވަނީ ތިމާގެ އަތުގައި މީހެއްގެ ފައިސާހުރެ، އެމީހާ ރުހޭނެ ކަމުގެ ޔަގީންކަން އޮތްނަމަ އެއިން ވިޔަފާރި ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.
2. މި އާޔަތުން ދޭހަވާ ގޮތުގައި އެންމެ ރަގަޅު ކާނާ ހޯދުމަށް އެދުމަކީ ހުއްދަ ވެގެންވާ ކަމެކެވެ. (فَلْيَنظُرْ أَيُّهَا أَزْكَىٰ طَعَامًا ) "އެންމެ ރަގަޅު ޙަލާލު ކާނާ އެއް ހޯދާށެވެ."
(فَلْيَأْتِكُم بِرِزْقٍ مِّنْهُ ) ގަނެގެން ހިފައިގެން އަންނާށެވެ. ވީމާ، އެބައިމީހުން އެވަނީ ގަތުމަށާއި، ގެނައުމަށް ބަޔަކާއި ޙަވާލުކޮށްފައެވެ.
( وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا ) " އަދި އެމީހަކު ރައްކާތެރިކަމާއެކު، މަޑުމައިތިރިވެ އުޅޭހުށިކަމެވެ! އަދި އެއްވެސް މީހަކަށް ތިޔަބައިމީހުންގެ خبر އެނގުނަދީގެން ނުވާނެއެވެ." މިއިން ދޭހަވަނީ އެބައިމީހުން އެހާ ދިގު މުއްދަތަކަށް ނިދާފައި ހޭލެވުނު ކަމުގެ އިޙްސާސް އެއްވެސް މީހެއްގެ ކިބައިގާ ނެތް ކަމެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން