ސުލައިމާންގެފާނުގެ ސިޔަރަތު 20: ޖިންނިންނަށް ޣައިބުގަވާ އެއްވެސް ކަމެއް ނޭނގޭނެ ކަމުގެ އެންމެ ސާބިތު ދަލީލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 8ސ
ސުލައިމާންގެފާނުގެ ސިޔަރަތު 20: ޖިންނިންނަށް ޣައިބުގަވާ އެއްވެސް ކަމެއް ނޭނގޭނެ ކަމުގެ އެންމެ ސާބިތު ދަލީލު-

خبرގައި އައިސްފައި ވެއެވެ. الله تعالى ގެ ކުޅަދުން ވަންތަ ކަމުން سليمان عليه السلام ގެ ފުރާނަފުޅުނެތް ހަށިކޮޅު އަސާކޮޅުގެ ބާރުގައި އެއްއަހަރު ދުވަސްވަންދެން (އެގޮތަށް) ކޮޅަށް ލެހެއްޓެވި އެވެ. އެކަލޭގެފާނު އަވަހާރަ ވުމަށްފަހު އެއް އަހަރު ދުވަހުން  بيت المقدس ގެ ހުރިހާ މަސައްކަތެއް ނިމިއްޖެ އެވެ. އެހާތަނުން އެކަލޭގެފާނުގެ عصا ކޮޅު ކަތުރުފަނި ކެއުމުގެ ސަބަބުން އެކަލޭގެފާނުގެ ފުރާނަފުޅު ނެތް ހަށިކޮޅު ބިންމައްޗަށް ވެއްޓިއްޖެއެވެ. ދެން ޖިންނީންނާއި ހުރިހާ مخلوقން އެތަންދޫކޮށް ގޮސް ނިމިއްޖެ އެވެ. 

ބައެއް ރިވާޔަތުގައި ވަނީ  سليمان ގެފާނު އަވަހާރަ ވީކަން އެއްވެސް مخلوق އަކަށް ނޭނގި ދެމަސްދުވަސް ވޭތުވެ ދިޔަކަމުގައެވެ. ކޮންމެ އަކަސް މިކަމުގައި ވަރަށް ފުރިހަމަ إلهى حكمة އެއްވެއެވެ. އެހެނީ ޖިންނީންގެ މީސްތަކުން (އެމީހުންނަށް) غيبގެ ކަންތައްތައް އެނގޭކަމަށް ބުނެ فخر ވެރިވެ އެވެ. މިހެންވެ الله تعالى  އެމީހުން إمتحان ކުރެއްވެވި އެވެ. އެގޮތަކީ އެބައިމީހުންނަށް غيبގެ ކަންތައްތައް ކުޑަކޮށްވެސް އެނގޭނަމަ سليمان عليه السلام އަވަހާރަވީކަން އެނގުނީހެވެ. އަދި އެކަން އެނގިފައިވާނަމަ މިފަދަ ނިކަމެތި އަޅުވެތި ކަމެއްގައި އެންމެ ހިނދުކޮޅެއްގައިވެސް އެބައިމީހުން ނޫޅުނީހެވެ. މާތް الله އިރާދަ ކުރައްވާފައިވަނީ ޖިންނީންނަށް سليمان ގެފާނު އަވަހާރަވީ  خبرނުލިބުމަށެވެ. އެހެން ވެއްޖިއްޔާ بيت المقدّس ގެ މިސްކިތް ތައްޔާރުވެ ނިމުމުގެ ކުރިންއެބައިމީހުން އެތަން ނުނިންމާ ހިނގައިދާނެ އެވެ. 

الله سُبْحَانَهُ وَتَعَالى وَحِى ކުރައްވާފައި ވެއެވެ. فَلَمَّا قَضَيْنَا عَلَيْهِ الْمَوْتَ مَادَلَّهُمْ عَلَى مَوْتِهِ إلاَّ دَابَّةُ الْأَرْضِ تَأْكُلُ مِنْسَأَتَهُ فَلَمَّا خَرَّ تَبَيَّنَتِ الْجِنُّ أَنْ لَوْ كَانُوْ يَعْلَمُوْنَ الْغَيْبَ مَالَبِثُوْا فِيْ الْعَذَابِ الْمُهِيْن (سورة السبإ 14) ދެންފަހެ ތިމަން الله އެކަލޭގެފާނުގެ މައްޗަށް މަރު ނިޔާކުރެއްވިހިނދު އެކަލޭގެފާނުގެ އަސާކޮޅު ކަމުންކަމުންދިޔަ ކަތުރުފަންޏެއްގެ ކިބައިންނޫނީ އެމީހުންނަށް އެކަލޭގެފާނު އަވަހާރަ ވެއްޖެ ކަމުގެ خبرނުލިބެއެވެ. ދެން އެކަލޭގެފާނު ވެއްޓި ވަޑައިގެންފިހިނދު ތިމާމެންނަށް غيب އެނގޭނަމަ ތިމަންމެންނަކު މިނިކަމެތި  مصيبات ގެ ތެރޭގައި ލަސްވެ ނުތިބީހެވެ. މިފަދައިން ޖިންނީންނަށް އެނގި ފާޅުވިއެވެ.

ފަހެ سليمان ގެފާނުގެ ޒަމާނުގައި އެކަލޭގެފާނުގެ އަރިހުގައި މަސައްކަތް ކުރާން އުޅުނު ޖިންނީންގެ މީސްތަކުން دعواى ކޮށްއުޅުނީ އެމީހުންނަށް غيب އެނގޭކަމުގައެވެ. އެޒަމާނުގައި އުޅުނު إنسان ންވެސް ތިބެނީ އެޖިންނީން ކޮށްއުޅުނު دعواى އަކީ ތެދު އެއްޗެއްކަމަށް ބަލަބަލައެވެ. އަދި ކީއްހޭ إنسانންގެ ތެރޭގައިވެސް އެހާރާއި މިހާރުވެސް އެ  دعواى قبول ކޮށްއުޅޭ މީހުންނަކީ މަދުބައެއްނޫނެވެ.  

ވީމާ، މި آية  ގައި އެވަނީ މާތް الله އެބައިމީހުންގެ  دعواى   باطل ކުރައްވާ މީސްތަކުންނަށް އެގޮތް އަންގަވާފައެވެ. 

ފަހެ އެކަލޭގެފާނު އަވަހާރަ ވެއްޖެހިނދު އަވަހާރަ ވެއްޖެކަން އެތައް ދުވަހެއްގެ ފަހުގައި ނޫނީ އެއްވެސް ޖިންނިއަކަށް ނުވަތަ إنسان އަކަށް ވިޔަސް އެއީ އެނގިފައިވީ ކަމެއްނޫނެވެ. އަދި ކީއްހޭ (އޭގެ ފަހުގައިވެސް) އެކަލޭގެފާނު ދިރިހުންނެވިކަމަށް ހީކޮށް ޖިންނީންނާއި مارد ން شيطان ންނާއި عفريت ން ތިބީ އެކަލޭގެފާނު حوال ކުރެއްވި މަސައްކަތް ކޮށްކޮށެވެ. އެމީހުންނަށް އެކަލޭގެފާނު އަވަހާރަވީކަން އެނގުނީ އޭގެ އެތައް ދުވަހެއް ވޭތިވެ ދިއުމަށް ފަހުގައެވެ. ޝައްކެއް ނެތެވެ. އެކަލޭގެފާނު އަވަހާރަވެއްޖެކަން އެނގުނުނަމަ އެޖިންނީންގެ ތެރެއިން އެއްވެސް މީހަކު އެކަލޭގެފާނު ދެއްކެވި މަސައްކަތް ކޮށްކޮށެއް ނުތިބީހެވެ. 

އަދިވެސް رواى ވެގެންވެއެވެ. سليمان عليه السّلام  އެމީހުންގެ ތެރޭ بيت المقدّس عمارات ކުރެއްވުމުގައި ހުންނަވަނިކޮށް  އެކަލޭގެފާނު އެވަހާރަވުމުގެ ވަގުތު އަތުވެއްޖެކަން އެނގިވަޑައިގެންފި އެވެ. 

އެހިނދު عمارات ކުރަންވީގޮތް އެބައިމީހުންނަށް ވިދާޅުވެދެއްވާފައި އެކަލޭގެފާނުގެ ބިއްލޫރީގެ ގަނޑުވަރަށް ވެދެވަޑައި ގަންނަވައިފި އެވެ. އަދި އެތާގެ ދޮރު ބަންދު ކުރެއްވުމަށްފަހު މާތް الله އަށް عبادات ކުރެއްވުމުގައި  مشعول ވެވަޑައިގެންފި އެވެ.

އެކަލޭގެފާނު އަވަހާރަވީތާ އެތައް ދުވަހެއްގެ ފަހުން މިސްކިތް ހަދާނިމިއްޖެއެވެ. ދެން މިސްކިތް ފުރިހަމަވުމާއިއެކު سليمان ގެފާނު އޭގެމައްޗަށް ބުރަވެވަޑައިގެން ހުންނެވި عصا ކޮޅު ކަތުރުފަނި ކައިގެން އެކަލޭގެފާނުގެ ހަށިކޮޅު ވެއްޓުނީއެވެ. ދެން މިއެންމެހައި މީސްތަކުންނަށް  سليمان عليه السّلام އަވަހާރަ ވެއްޖެކަން އެނގިއްޖެ އެވެ.

غيبގެ علم އެނގޭ ކަމަށް دعواى ކުރި ޖިންނީންނާއި  إنسان ންނަށް މިކަމުގެ ސަބަބުން ތިމަންމެންގެ ކުށް قبول ކުރަން ޖެހިއްޖެއެވެ. 

އަދިވެސް رواى ވެގެންވެއެވެ. داءود عليه السّلام بيت المقدّس ގެ ބިންގާ އެޅުއްވީ  حضرت موسى عليه السلام  ފޭލިގެކޮޅު ޖެއްސެވި ތާނގައެވެ. داؤود ގެފާނު އެމަސައްކަތް ޕުޅު ފުރިހަމަ ކުރެއްވުމުގެ ކުރީގައި އަވަހާރަވީ އެވެ. ނަމަވެސް އަވަހާރަ ވުމުގެ ވަގުތު އައިހިނދު އެކަންތައް ފުރިހަމަ ކުރެއްވުމަށް سليمان ގެފާނަށް އެކަލޭގެފާނު  وصية ކުރެއްވި އެވެ. މިހެންވެ سليمان ގެފާނު އެމަސައްކަތް ކުރުމަށް ޖިންނީންނަށް އަމުރު ކުރެއްވިއެވެ. 

ދެން ޖިންނީންގެ މީސްތަކުން بيت المقدّس ހަދައި ނިންމުމަށް ދާންދެންނާއި އަދި އެމީހުން غيب ދަންނަކަމަށް ކޮށްއުޅޭ دعواى باطل  ކުރެއްވުމުގެ ގޮތުން ނާއި މިގޮތުގެ މަތިން سليمان ގެފާނު އަވަހާރަވުމުގެ އެއް އަހަރު ދުވަހުގެ ކުރިން މާތް الله ގެ حضرت ން އެކަލޭގެފާނު އެދި ވަޑައިގެންފައި ވަނީ އެކަލޭގެފާނު އަވަހާރަ ވެއްޖެނަމަ އެ خبر ޖިންނީންނަށް ފާޅުނުވެ އޮތަ ދެއްވުމަށެވެ. 

سليمان عليه السّلام ދުނިޔޭގައި ހުންނެވީ ޢުމުރުފުޅުން ފަންސާސް ތިންއަހަރު ވަންދެންނެވެ. އެކަލޭގެފާނަށް ރަސްކަން ލިބިވަޑައިގަތީ އުމުރުފުޅުން ތޭރަ އަހަރުފުޅުގައެވެ. ރަސްކަމުގައި ހުންނެވީ ސާޅީސް އަހަރު ވަންދެނެވެ. އެކަލޭގެފާނު  بيت المقدّس ގެ މަސައްކަތަށް ފައްޓަވައިގަތީ އެކަލޭގެފާނުގެ ރަސްކަމުން ހަތަރު އަހަރު ވޭތިވުމުގެ ފަހުންނެވެ. 

وَالله أعْلضم بِا الصَّوَابِ  

(ނިމުނީ)

މިއަދު އޮންލައިން