ލިޔުނީ: ޢަލީ އިޙްސާން ފިރާޤު
ނަންފުޅާއި ނަސަބުފުޅު:
يوسف عليه السّلام އަކީ يعقوب عليه السّلام ގެ ދަރިކަލެކެވެ. އެކަލޭގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ راحيل އެވެ. ނަންފުޅާއި ނަސަބުފުޅުގެ ގޮތުން يوسف عليه السّلام އަކީ އެއްވެސް އިންސާނަކަށް ލިބިފައިނުވާ ޝަރަފުތަކެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. ޚާއްޞަ އިމްތިޔާޒެއް ލިބިވަޑައިގެންފައިވާ ނަބީބޭކަލެކެވެ.
يوسف عليه السّلام ގެ ބައްޕާފުޅު يعقوب عليه السّلام އަކީ ނަބީބޭކަލެކެވެ. ކާފާފުޅު إسحاق عليه السّلام، އަކީ ނަބީބޭކަލެކެވެ. މުނިކާފާފުޅު إبراهيم عليه السّلام އަކީ ނަބީބޭކަލެއް އަދި ރަސޫލުބޭކަލެއްމެއެވެ. يوسف عليه السّلام ގެ މިދެންނެވި ނަސަބުފުޅަށް ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ މުޙައްމަދު صلّى اللّـه عليه وسلّم ވެސް ވަނީ ތާރީފު ކުރައްވައިފައެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
قِيلَ يَا رَسُولَ اللَّهِ، مَنْ أَكْرَمُ النَّاسِ قَالَ " أَتْقَاهُمْ ". فَقَالُوا لَيْسَ عَنْ هَذَا نَسْأَلُكَ. قَالَ " فَيُوسُفُ نَبِيُّ اللَّهِ ابْنُ نَبِيِّ اللَّهِ ابْنِ نَبِيِّ اللَّهِ ابْنِ خَلِيلِ اللَّهِ ". قَالُوا لَيْسَ عَنْ هَذَا نَسْأَلُكَ. قَالَ " فَعَنْ مَعَادِنِ الْعَرَبِ تَسْأَلُونَ خِيَارُهُمْ فِي الْجَاهِلِيَّةِ خِيَارُهُمْ فِي الإِسْلاَمِ إِذَا فَقُهُوا " { صحيح البخاري/ كتاب أحاديث الأنبياء/ بَابُ قَوْلِ اللَّهِ تَعَالَى: {وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلاً}/ ޙަދީޘް ނަންބަރު 3353}
މާނައީ: ރަސޫލާ އަރިހުގައި ދެންނެވުނެވެ. މީސްތަކުންގެ ތެރެއިން އެންމެ މާތް މީހަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެއީ އެބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރިކަން ބޮޑު މީހާއެވެ. އެބޭކަލުން ދެންނެވިއެވެ. އަޅުގަނޑުމެން މިދެންނެވީ ތިޔަ ވާހަކައެއް ނޫނެވެ. ޙަދީޘް ކުރެއްވިއެވެ. ނަސަބުގެ ގޮތުން އެންމެ މާތްވެގެންވަނީ يوسف عليه السّلام އެވެ. يوسف عليه السّلام އަކީ މާތްﷲ ގެ ނަބިއްޔެކެވެ. އެކަލޭގެފާނަކީ މާތްﷲ ނަބިއްޔާ އަދި ޚަލީލު އިބްރާހީމުގެފާނުގެ ދަރިކަލުން، މާތްﷲ ގެ ނަބިއްޔާ އިސްޙާޤުގެފާނުގެ ދަރިކަލުން މާތްﷲ ގެ ނަބިއްޔާ ޔަޢުޤޫބުގެފާނުގެ ދަރިކަލުންނެވެ. އެބޭކަލުން ދެންނެވިއެވެ. އަޅުގަނޑުމެން ކަލޭގެފާނަށް މިދެންނެވީ ތިޔަ ކަމުގެ ވާހަކައެއްވެސް ނޫނެވެ. ޙަދީޘް ކުރެއްވިއެވެ. އެހެންވިޔާ ތިޔަ އައްސަވަނީ ޢަރަބީންގެ ތެރެއިން އެންމެ މާތް ބަޔަކާމެދުގަތާއެވެ. އެބައިމީހުންގެ ތެރެއިން އެންމެ މާތް ބަޔަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އެބަޔަކީ އެންމެ ރަނގަޅު މޮޅު މީހުން ކަމުގައި ބެލެވުނު މީހުންކުރެ، އެބައިމީހުން އިސްލާމްވުމަށްފަހުގައިވެސް ދީނުގެ ކަންކަން އެންމެ ބޮޑަށް ދަންނަ، އެއާ އެއްގޮތަށް އަމަލުކުރާކަމުގައިވާ މީހުންނެވެ."
ހަމަ މި މާނައިގެ ހަދީޘެއް ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
"الْكَرِيمُ ابْنُ الْكَرِيمِ ابْنِ الْكَرِيمِ ابْنِ الْكَرِيمِ يُوسُفُ ابْنُ يَعْقُوبَ بْنِ إِسْحَاقَ بْنِ إِبْرَاهِيمَ ـ عَلَيْهِمُ السَّلاَمُ " } صحيح البخاري/ كتاب أحاديث الأنبياء/ بَابُ: {أَمْ كُنْتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ}/ ޙަދީޘް ނަންބަރު 3382}
މާނައީ: "އެކަލޭގެފާނަކީ، ހެޔޮބޭކަލެއްގެ ދަރިކަލުން، ހެޔޮ ބޭކަލެއްގެ ދަރިކަލުން ހެޔޮބޭކަލެކެވެ. އިބްރާހީމުގެފާނުގެ ދަރިކަލުން، އިސްޙާޤުގެފާނުގެ ދަރިކަލުން، ޔަޢުޤޫބުގެފާނުގެ ދަރިކަލުން ޔޫސުފްގެފާނެވެ."
މިދެންނެވި ފަދަ ޠާހިރު ނަސަބަކީ އިންސާނީ ތާރީޚުގައި ދުވަހަކުވެސް މީހަކަށް ލިބިފައިވާ ނަސަބެއް ނޫނެނެވެ. އަދި ކުރިއަށް އޮތްތަނުގައި އިންސާނަކަށް ލިބޭނެ ނަސަބައެއްވެސް ނުމެ ނޫންމެއެވެ.
އަލް އިމާމުލް ޤުރްޠުބީ އެކަލޭގެފާނު ލިޔުއްވައިފައިވާ ތަފްސީރުގައި އިމާމު ސުހައިލީއާ ޙަވާލާ ދެއްވައި ލިޔުއްވައިފައިވެއެވެ. ޔަޢުޤޫބުގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ ރިފްޤާއެވެ. ރާޙީލަކީ ބިންޔާމީނާއި، ޔޫސުފުގެފާނުގެ މައިކަނބަލުންނެވެ. ބިންޔާމީން ރައްކައުވުމުގެ ތެރޭގައި، ރާޙީލުވަނީ އަވަހާރަވެފައެވެ.
{އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، 11 ވަނަ ޖިލްދު ޞަފްޙާ 260}
ނަމަވެސް، އަލް އިމާމު އިބްނު ޖަރީރުއް ޠަބަރީ ރަޙިމަހުﷲ، ވިދާޅުވެފައިވާކަމަށް، އަލް ޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ އޭރު ޔޫސުފުގެފާނުގެ މައިކަނބަލުން އަވަހާރަވެފައިވާ ކަމުގެ އެއްވެސް ޞަރީޙަ ދަލީލެއް ލިބޭކަށެއްނެތެވެ. ކީރިތި ޤުރްއާނުގެ ޡާހިރީ މާނައިވެސް އެކަމަނާ ދުނިޔޭގައި އިންނެވި ކަމަށް ދަލީލު ލިބެއެވެ.]
{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،211 ޞަފްޙާ}
يوسف عليه السّلام ގެ އެގާރަ އަޚުން ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، روبيل އާއި، شمعون އާއި، لاوي އާއި، يهوذا އާއި، زيالون އާއި، يشجر އެވެ. މިބޭކަލުންގެ މައިކަނބަލުންނަކީ، ލައްޔާއޭ ކިޔުނު ބޭކަނބަލެކެވެ. ޔަޢުޤޫބުގެފާނަށް ދެ ޖާރިޔާއިންގެ ބަނޑުފުޅުން ހަތަރު ދަރިކަލުން ލިބިވަޑައިގެންފައިވެއެވެ. އެއީ، دان އާއި، نفتالي އާއި، جاد އާއި، آشر އެވެ. ރާޙީލުގެ ބަނޑުފުޅުން ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތީ، ޔޫސުފުގެފާނާއި، ބިންޔާމީނެވެ. {އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރުޠުބީ،11 ވަނަ ޖިލްދު ޞަފްޙާ 260}
ނުނިމޭ...