ޙަޤީޤީ ޙާދިސާ: އެކަކުވެސް ކިޔާނުލާ ދޫކޮށްނުލާތި! މައިމިހާއަށް އަނިޔާވެރިވުމުން އަނިޔާވެރިކަން ދަރިފުޅާ އަރާހަމަކުރީ ހާދަހާވާ ވޭންހުރި ގޮތަކަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ޙަޤީޤީ ޙާދިސާ: އެކަކުވެސް ކިޔާނުލާ ދޫކޮށްނުލާތި! މައިމިހާއަށް އަނިޔާވެރިވުމުން އަނިޔާވެރިކަން ދަރިފުޅާ އަރާހަމަކުރީ ހާދަހާވާ ވޭންހުރި ގޮތަކަށެވެ!

ޢައިޝަތަށް ލިބިފައި ހުރި ހަމައެކަނި ދަރިއަކީ އިޙްސާންއެވެ. އިޙްސާން ވަރަށް ކުޑައިރު އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. ޢައިޝަތު އިޙްސާން ބަލައި ބޮޑުކުރީ ވަރަށް ދަތިޙާލުގައެވެ. އެކަނިމާއެކަންޏެވެ. އަދި މުސްކުޅިވާ ދުވަހު ދަރިފުޅު އޭނާއަށް ހެޔޮކޮށް ހިތުމަކީ ޢައިޝަތުގެ އެންމެ ބޮޑު އަދި އެންމެ ފޮނި އުންމީދެވެ.

އިޙްސާން ބޮޑުވެ ކައިވެނިކުރާ ޢުމުރަށް އެޅުމުން ގޯތީގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށްދޭން އެދުމުން އެކަންވެސްކޮށްދިނެވެ. "މަންމާއެވެ. އަޅުގަނޑަށް ރަނގަޅު އަނތބަކު ލިބޭނީވެސް އަމިއްލަ ގެއެއް ހުރުމުން" ކަމަށް ބުނުމުން ދަރިފުޅަށް ރަނގަޅު އަންތބަކު ހޯދައިދިނުމުގެ އުންމީދުގައެވެ.

ނަމަވެސް ކަންކަން ބަދަލުވީ ދާދިއަވަހަށެވެ. އިޙްސާން ކައިވެނިކުރުމަށްފަހު މަންމަ ކަމަކު ނުދިއައެވެ. މަންމައަށް ރަނގަޅު އެންމެ ބަހެއްވެސް ބުނެވޭކަމަކަށް ނުވިއެވެ. ރަނގަޅަށް އެއްވެސް ކަމެއް ކުރެވޭކަމެއްވެސް އޮންނަ ކަމަކަށް ނުވިއެވެ. ނަތީޖާއަކަށްވެގެންދިއައީ ހިތްދަތިޙާލުގައި މަންމައަށް އަބަދު އުޅެންޖެހުމެވެ.

ޢާއިޝަތުގެ ބޭބެގެ ދަރިފުޅަކަށް ދައްތަގެ ޙާލު އެނގުމުން އިޙްސާން އާއިވެސް މަޝްވަރާކުރުމަށްފަހު ދައްތަ އޭނާގެ ގެއަށް ގެންގޮސް ބަލަން ފެށިއެވެ. އިޙްޞާނަށް މަންމަގެ އުނދަގޫތައް ފިލައިގެންދިއައެވެ.

ދުވަސްކޮޅެއްފަހުން އިޙްސާންގެ އަނބިމީހާ ގެއިން ބައަކަށް އެދެން ފެށުމުން ގޭގެ އެއްބައި އަނބިމީހާއަށް ދިނެވެ. އުފަލުގައި ދިރިއުޅެވޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ކަންކަން ވެގެންދިއައީ މުޅިން ތަފާތު ގޮތަކަށެވެ. ގެއިން އެއްބައި ލިބުމާއިއެކު އަނބިމީހާ ކޯޓަށް ގޮސް ވަރިވީއެވެ. އަދި ޢިއްދަ ހަމަވުމުން އެހެން ފިރިހެނަކާއި ކައިވެނިކޮށްގެން ހަމަ އެގޭގައި ދިރިއުޅެން ފެށީއެވެ.

އެއިގެ ކުޑަދުވަސްކޮޅެއް ފަހެވެ. އަނބިމީހާ ކުރި ކަންތަކަށާއި އަނބިމީހާއަށް ގެއިން ބައެއް ދެވުނު ކަމުގެ މޮޔަ ހިތަށް އަރައި ވިސްނަން ހަދައިގެން އިޙްސާނަށް ސްޓްރޯކެއް ޖެހުނީއެވެ. އިޙްސާން އޭނާގެ މަންމައާއިމެދު ކަންކަންކުރިގޮތުން ޢާއިލާގެ އެއްވެސް މީހަކު އޭނާއަށް އެހީތެރިއެއް ނުވިއެވެ. ވާނެގޮތެއްވާން ދޫކޮށްލީއެވެ.

ގެއަށް ގެނެވޭވަރުވުމުން އެމްބިޔުލާންސްގައި ގެއަށް ގެނައުމުން ވެސް ގެއިން ޙަވާލެއްވެސް ނުވިއެވެ. ބަލާނެ މީހަކު ނެތިގެން ގުރައިދޫ މަރުކަޒަށް ގެންދަން ޖެހުނީއެވެ. ގެއެކުގައި ކުރީގެ އަނބިމީހާއަށް ލިބުނީއެވެ. 2 ދަރިން ތިބުމުން މުޅި ގޭގެވެރިކަން ވެސް ލިބުނީއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! މިއީ އަޅުގަނޑުގެ އަވަށްޓެރިއަކަށް ކަންކަން ދިމާވިގޮތެވެ! އިޙްސާން އޭނާ ބަލައި ބޮޑުކުރި މަންމަ ގެއިން ނެރެލީ ކަމަށާއި އެކަންކުރީ އެއްވެސް ރަޙްމެއް ނެތިކަމަށް ބުނެވިދާނެއެވެ. ބަދަލުގައި އިޙްސާނަށް ކުރަންޖެހުނު ހިތި ތަޖުރިބާ މާ ހިތާމަވެރިއެވެ. ސަބަބަކީ ކޮއްކޮ އޭނާގެ ދައްތަ އުފަލުގައި ގެންގުޅުނެވެ. އިޙްސާނަށް ދާންޖެހުނީ ގުރައިދޫ މަރުކަޒަށެވެ. އެއްވެސް މީހެއްގެ ލޯބި ނުލިބުނީއެވެ. އަޅައިލުންވެސް ނުލިބުނީއެވެ. ގެއާއި މުދައުވެސް ގެއްލުނީއެވެ. ހިތްދަތިކަން ބޮޑަށް ލިބުނީ ކާކަށް ހެއްޔެވެ؟

މިވާހަކަ ހިއްޞާކޮށްލީ ހަމަ ކޮންމެ މީހަކުވެސް މިފަދަ ކަންކަމަށް ވިސްނައިލުން ރަނގަޅުކަމަށް ޤަބޫލުކުރެވިގެންނެވެ. މުސްކުޅިވާ ދުވަހު މައިންބަފައިންނަށް އިހާނެތިކޮށް ކަންކަންކުރުމުން އެކަންކަން އެމީހަކާއި އަރާހަމަކުރާނެ ގޮތް ނުވެސް އެނގޭނެތީއެވެ!

--ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން