ބައިވެރިޔާ މާފަށް ނޭދުނަސް މާފުކޮށްފިނަމަ ޝައިޠޯނާ ކަރުނައަޅާނެ! ދެމީހުންގެ ލޯބި އިންތިހާއަށް އިތުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ބައިވެރިޔާ މާފަށް ނޭދުނަސް މާފުކޮށްފިނަމަ ޝައިޠޯނާ ކަރުނައަޅާނެ! ދެމީހުންގެ ލޯބި އިންތިހާއަށް އިތުރުވާނެ!

ބައިވެރިޔާއަށް ކުށެއް ކުރެވިއްޖެކަން އެނގުމުން މާފަށް ނޭދުނަސް މާފުކޮށްފިނަމަ ޝައިޠޯނާ ކަރުނައަޅާނެއެވެ. އެއީ ދެމަފިރިން ދުރުކުރުވަން އެވަރުން ކުރި މަސައްކަތް ފޭލްވުމުންނެވެ. އަދި ކީއްހެއްޔެވެ؟ ކުރާނެ އެންމެ ބޮޑު ފައިދާއަކީ ދެމީހުންގެ ލޯބި އިންތިހާއަށް އިތުރުވެގެންދިއުމެވެ. 

އެންމެ ހިތްވަރުގަދަ މީހަކީ މީހަކަށް ކުށެއް ކުރެވިއްޖެ ކަމަށް ޤަބޫލުކޮށް މާފަށް އެދުމުން އެމީހަކަށް މާފުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާއެވެ. އެންމެ ހިތަވްރުގަދަ މީހަކީވެސް އެއީއެވެ. 

ބައިވެރިޔާކަމުގައިވީނަމަވެސް އެހެންމީހަކުކަމުގައިވީނަމަވެސް މީހަކު މާފަށް އެދުމުން އެކަން އިތުރަށް ދިރާސާ ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އިސްލާމް ދީނުގައި އޮތީ މާފު ދިނުމަށް އަވަސްވެގަތުމެވެ. ކޮންމެހެން މީހަކު މާފަށް އެދެންދެން މަޑުކުރުމެއްވެސް ނެތެވެ. 

އެއްވެސް މީހަކު މާފަށް ނުއެދުނު ނަމަވެސް އެންމެން ކުރާ ހުރިހާ ކުށްތަކަށް ކޮންމެ ރެއަކު މާފުކުރައްވަމުން ގެންދެވި ޞަޙާބީއަކު ދިރިހުންނަވަނިކޮށް އެޞަޙާބީއަށް އެކަމުގެ ސަބަބުން ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލް (ޞޢވ) ދެއްވެވިކަން އެއީ މިބުނި ބަހުގެ އެންމެ ސާބިތު ހެއްކެވެ. 

މީސްތަކުންނޭވެ! މީހަކު މާފަށް އެދުމުން ޝަރުޠުތައް ކަނޑަ ނުއަޅާށެވެ! ދިރާސާކުރަން ބޭނުން ކަމަށް ނުބުނާށެވެ! އެއީ ޝަރުޠު ކަނޑައެޅުމާއި ދިރާސާ ކުރުން ފަދަ ކަންކަން ކުރަން އޮތް ކަމެއް ނޫނެވެ! 

ނިކަން ވިސްނައިލަބަލާށެވެ! އަހަރެމެންނަށް ކުރެވޭ ކުށްތަކަށް ތައުބާވުމުން ﷲ ތަޢާލާ އެގެންދަވަނީ ޢަފޫކުރައްވަވަމުންނެވެ. މާފުދެއްވަވަމުންނެވެ. ތަކުރާރުކޮށް ކުށްތައް ކުރެވުމުންވެސް މެއެވެ. 

ޢާއިލީ ދިރިއުޅުމާއި ޢާއިލީ ގުޅުމާއި މުޖުތަމައުގެ ގުޅުންތައް ވެސް ބިނާވެގެންވަނީ މާފުކުރަން ކެރޭ މިންވަރެއްގެ މައްޗަށެވެ. ބަދަލު ހިފުމުގެ ރޫޙު އޮތް ގެއެއްގައި ހަމަ ޖެހުމެއް ނުއޮންނާނެއެވެ. އަދި ބަދަލު ހިފުމުގެ ރޫޙު އޮތް މުޖުތަމައުއެއްގައިވެސް އެއްވެސް ހަމަޖެހުމެއް ނުއޮންނާނެއެވެ! 

އަހަރެމެން އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ ސުވަރުގެ ނޫން ހެއްޔެވެ؟ ވީމާ މާފުކުރަން އެއްވެސް މިންވަރަކަށް ފަސް ނުޖެހޭ މީހާއަށް ސީދާ ސުވަރުގެ ވަދެވުމުގެ ފުރުޞަތު އެބައޮތްކަން ކުރިން ބަޔާންކުރި ޙަދީޘްފުޅުން އެނގިގެންދެއެވެ. ހަމައެޢާއިއެކު ޝައިޠޯނާ އެންމެ ބޮޑަށް ދެރަވެ ނިކަމެތިވާނީ މާފުކުރުން ގިނަކުރިވަރަކުންނެވެ. އެއީ ފިތުނައިން ސަލާމަތްވާތީއެވެ! ޝައިޠޯނާގެ ދަންތުރައިގައި ނުޖެހުނީތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން