ޔޫސުފުގެފާނު ވާހަކަ 2: ފެނިވަޑައިގެންނެވި ހުވަފެންފުޅާއި އަޚުންގެ ޙަސަދަވެރިކަން

ކިޔުމަށް ހޭދަވާނީ 11މ 27ސ
ޔޫސުފުގެފާނު ވާހަކަ 2: ފެނިވަޑައިގެންނެވި ހުވަފެންފުޅާއި އަޚުންގެ ޙަސަދަވެރިކަން

ލިޔުނީ: ޢަލީ އިޙްސާން ފިރާޤު

 

ފެނިވަޑައިގެންނެވި ހުވަފެންފުޅު 

يوسف عليه السّلام ތުއްޕުޅުއިރު އެއްރެއަކު އެކަލޭގެފާނު އަވަހާރަފުޅަށް އޮންނަވަނިކޮށް ވަރަށް ބަރަކާތްތެރި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެގާރަ ތަރިއާއި އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދަކުރަނިކޮށެވެ. يوسف عليه السّلام ގެ މި ބަރަކާތްތެރި ހުވަފެންފުޅުގެ ވާހަކަ ޤުރްއާނުގެ ޔޫސުފް ސޫރަތުގެ 24 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވަނީ މިދަންނަވާ ފަދައިންނެވެ. 

إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ ﴿٤﴾

މާނައީ:[ يوسف ގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް سجدة ކުރާތީއެވެ.]

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، ޤަތާދާ ރަޙިމަހުﷲ އާއި އިބްނު ޖުރައިޖު ރަޙިމަހުﷲ، ވިދާޅުވެފައިވެއެވެ. يوسف عليه السّلام އަށް ހުވަފެންފުޅުގައި ފެނިވަޑައިގެންނެވި އެގާރަތަރީގެ ތަޢުބީރަކީ އެކަލޭގެފާނުގެ އެގާރަ އަޚުންނެވެ. އިރުގެ ތަޢުބީރަކީ އެކަލޭގެފާނުގެ މައިކަނބަލުންނެވެ. ހަނދުގެ މުރާދަކީ އެކަލޭގެފާނުގެ ބައްޕާފުޅެވެ. {އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރުޠުބީ،11 ވަނަ ޖިލްދު ޞަފްޙާ 245} 

މީސްތަކުންނަށް ފެންނަ ތެދު ހުވަފެނަކީ ނުބުއްވަތުގެ ތެރެއިން ވާކަމެއް ކަމަށް އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

 

الرُّؤْيَا الْحَسَنَةُ مِنَ الرَّجُلِ الصَّالِحِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ ‏" {صحيح البخاري/ باب رُؤْيَا الصَّالِحِينَ، ޙަދީޘް ނަންބަރު6983}

މާނައީ: [ޞާލިހުންނަށް ފެންނަ ރަނގަޅު ހުވެފަނަކީ ނަބީކަމުގެ ސާޅީސް ހަބައި ކުޅަ އެއްބައެވެ.] 

އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

"‏ إِذَا رَأَى أَحَدُكُمْ رُؤْيَا يُحِبُّهَا فَإِنَّمَا هِيَ مِنَ اللَّهِ، فَلْيَحْمَدِ اللَّهَ عَلَيْهَا، وَلْيُحَدِّثْ بِهَا، وَإِذَا رَأَى غَيْرَ ذَلِكَ مِمَّا يَكْرَهُ، فَإِنَّمَا هِيَ مِنَ الشَّيْطَانِ، فَلْيَسْتَعِذْ مِنْ شَرِّهَا، وَلاَ يَذْكُرْهَا لأَحَدٍ، فَإِنَّهَا لاَ تَضُرُّهُ ‏"‏‏{صحيح البخاري، باب الرُّؤْيَا مِنَ اللَّهِ،ޙަދީޘް ނަންބަރު6985}

މާނައީ: [ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ތިމާ ހިތްރުހޭ ހުވަފެނެއް ފެނިއްޖެނަމަ، ފަހެ އެއީ ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުންނެވެ. ދެންފަހެ، އެކަމަށްޓަކައި ޙަމްދު ކުރާހުއްޓެވެ. އަދި އެ ހުވަފެނުގެ ވާހަކަ ކިޔައިދޭށެވެ. އެޔާ ޚިލާފަށް ތިމާ ނުރުހޭ ފާޑުގެ ހުވަފެނެއް ފެނިއްޖެނަމަ އެއީ ހަމަކަށަވަރުން ޝައިޠާނާ ގެ ވަސްވާސްތެރިކަމެވެ. ފަހެ އެސޮރުގެ ނުބައިކަމުން ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭށެވެ. އަދި އެހުވަފެނުގެ ވާހަކަ އެއްވެސް މީހަކަށް ކިޔާ ނުދޭށެވެ. އެހެނީ، އޭރުން އެހުވަފެނުގެ ސަބަބުން އެއްވެސް ގެއްލުމެއް މެދުވެރިނުވާ ހުއްޓެވެ.] 

يوسف عليه السّلام އަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ވާހަކަ އެކަލޭގެފާނުގެ ބައްޕާފުޅު يعقوب عليه السّلام އަށް ވިދާޅުވެ ދެއްވުމުން، އެކަލޭގެފާނު ވިދާޅުވީ އެ ހުވަފެންފުޅުގެ ވާހަކަތައް ސިއްރުކުރެއްވުމަށެވެ. يوسف عليه السّلام ގެ އަޚުންނަށް އެ ހުވަފެނުގެ ވާހަކަ އެއްވެސް ގޮތަކަށް ބަޔާންކޮށް ނުދެއްވުމަށެވެ. އެއީ އެބައިމީހުންގެ ހިތްތަކުގައި ޙަސަދަވެރިކަމުގެ ހުޅުރޯވެ، އެބައިމީހުންގެ ފަރާތުން އެއްވެސް ކަހަލަ ނުރައްކާތެރި ކަމެއް ޔޫސުފުގެފާނަށް އަތުވެދާނެ ކަމަށްޓަކައެވެ. ޔޫސުފް ސޫރަތުގެ ފަސްވަނަ އާޔަތުގައި މިވާހަކަތައް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ ﴿٥﴾

މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، شيطان އާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ عداوة ތެރިއެކެވެ." 

يوسف عليه السّلام އެކަލޭގެފާނުގެ ލޮބުވެތި ބަފައިކަލުން يعقوب عليه السّلام ދެއްވި އިރްޝާދަށް ފުރިހަމައަށް ތަބާވެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ އެއްވެސް ވާހަކަފުޅެއް އެކަލޭގެފާނުގެ އަޚުންނަކަށް ބަޔާންކޮށެއް ނުދެއްވިއެވެ. 

يوسف عليه السّلام، އާއި އެކަލޭގެފާނުގެ ކޮއްކޯފުޅު بنيامين ދެކެ، يعقوب عليه السّلام އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. މިކަން އެކަލޭގެފާނުގެ ދެންތިއްބެވި އެހެން ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެކަމުގެ ސަބަބުން އެބޭފުޅުންގެ ހިތްޕުޅުގައި ޙަސަދެވެރިކަމާއި، ނީހައިގެ ޝުޢޫރުތައް ހިނގައިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން އެބޭފުޅުންގެ ޢިއްޒަތްތެރި ބައްޕާފުޅާމެދުވެސް ކުޑައިމީސް ބަސްތައް ރައްދު ކުރެވެމުން ދިޔައެވެ. ޔޫސުފު ސޫރަތުގެ އަށްވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

إِذْ قَالُوا لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِي ضَلَالٍ مُّبِينٍ ﴿٨﴾

މާނައީ: "އެ أخ ންތައް، ބުނިހިނދު، ހަނދުމަކުރާށެވެ! ތިމަންމެންނީ، ގަދަފަދަ جماعة އެއްކަމުގައި ވާހިނދުވެސް، يوسف ގެފާނާއި، އޭނާގެ أخ (بنيامين) ތިމަންމެންގެ ބައްޕާގެ އަރިހުގައި ލޮބުވެތިކަން މާބޮޑެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބައްޕާވަނީ، ފާޅުވެގެންވާ މަގުއޮޅުމެއްގައެވެ." 

يوسف عليه السّلام، ގެ އަޚުން އެބޭފުޅުންނަށް ބައްޕާފުޅުގެ  ފުރިހަމަ ލޯބިފުޅު ލިބިވަޑައިގެންނަވާނެ ގޮތެއް ފެނިވަޑައިގަންނަވާތޯ މަޝްވަރާ ކުރައްވަން ފެއްޓެވިއެވެ. މިގޮތަށް ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އެތަނުން އެއްބޭފުޅަކު ވިދާޅުވިއެވެ. 

"ތިޔަބައިމީހުން يوسف ގެފާނު قتل ކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެތެވެ. އަދި އެއަށްފަހު ތިޔަބައިމީހުން (توبة ވެ) صالح ރަނގަޅު ބައެއްކަމުގައި ވާނީއެވެ." {ސޫރަތު ޔޫސުފު ނުވަވަނަ އާޔަތުގެ މާނަ}

ނަމަވެސް ޔޫސުފުގެފާނުގެ އެހެން އަޚަކު އިތުރު ޚިޔާލެއް ދެއްވިއެވެ. އޭނާ ދެންނެވިއެވެ. "ތިޔަބައިމީހުން يوسف ގެފާނު قتل ނުކުރާށެވެ! ތިޔަބައިމީހުން ކަމެއްކުރަންޏާ (އަނދިރި) ވަޅެއްގެ އަޑިޔަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން، ދަތުރުކުރަމުންދާ ބަޔަކު، އެކަލޭގެފާނު ހޮވައިގެން ގެންގޮސްފާނެތެވެ." {ސޫރަތު ޔޫސުފު 10}

ދެން އެބައިމީހުންނަށް މިގޮތަކީ މާރަނގަޅު ގޮތެއްކަމުގައި ވިސްނިގެން އެބައިމީހުންގެ އެންމެން އެކަމަށް އެއްބަސްވެއްޖެއެވެ. އެގޮތުން އެބައިމީހުން يوسف عليه السّلام، އާ މެދުކަންތައް ކުރާނެގޮތުގެ ވަރަށް ވަރުގަދަ ތަދުބީރެއް އެކުލަވައިލިއެވެ. އެއަށްފަހު އެބައިމީހުން އެކުލަވާލި މަކަރުވެރި ރޭވުމަށް ޢަމަލީ ސިފައެއް ގެނައުމަށްޓަކައި، މަސައްކަތްފެށިއެވެ. އެބައިމީހުން ބައްޕާފުޅުގެ ފައިންޕުޅު ދެންގޮސްފައި ދެންނެވިއެވެ. 

"އޭ އަހުރެމެންގެ ބައްޕާއެވެ! يوسف ގެފާނާމެދު، ކަލޭގެފާނު ތިމަންމެންނަށް އިތުބާރު ނުކުރައްވަނީ ކީއްވެތޯއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، އެކަލޭގެފާނަށް ހެޔޮއެދޭ ބަޔަކީމުއެވެ. ކައިބޮއި އުފާކޮށް، ކުޅެހެދުމަށްޓަކައި، ތިމަންމެންނާއެކުގައި، މާދަމާ އެކަލޭގެފާނު ފޮނުއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާހުށީމުއެވެ." {ސޫރަތު ޔޫސުފް 11 އަދި 12} 

މިބައިމީހުން އެދުނު އެދުމަށް ޖަވާބު ދެއްވަމުން ސަލާމްލެއްވި ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. [އޭނާ ގޮވައިގެން ތިޔަބައިމީހުން ދިއުމަކީ، ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ހިތާމަ ލިބޭކަމެކެވެ. އަދި ތިޔަބައިމީހުން އޭނާގެ މަތިން غافل ވެގެންތިއްބައި، މިނިކާވަގު (އައިސް) އޭނާ ކައިފާނެތީ ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ.] {ޔޫސުފު 13}

 

އެބައިމީހުން ބައްޕާފުޅަށް ދެންނެވިއެވެ. " ތިމަންމެންނީ ބާރުހުރި ބަޔެއްކަމަށްވާހިނދު، މިނިކާވަގު (އައިސް) އޭނާ ކައިފިނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ (ކަމެއްނުކުރެވޭ) ގެއްލެނިވިގެންވާ ބަޔަކު ކަމުގައެވެ." {ޔޫސުފު 14}

ނުނިމޭ...

މިއަދު އޮންލައިން