ދެއްކުންތެރިކަމާއި ބޮޑާކަމުގެ ޛައްރެއްގެ މިންވަރުވެސް ހިތުގައިވާ މީހަކު ސުވަރުގެ ނުވައްދަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ނަމަވެސް އެކަންކަމަށް ގިނަ ބައަކު މިދަނީ ވަރަށް ބޮޑަށް އިހްމާލްވަމުންނެވެ.
މީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ (ނުދަރައި) އަގުބޮޑުފޭރާންލުމާއި އަގުބޮޑު ފޯނު ބޭނުންކުރުމާއި އަގުބޮޑު ކާރު ގެންގުޅުން ފަދަ ކަންކަމަކީ ބޮޑާކަމެއް ނޫނެވެ. ނަމަވެސް އެއްވެސް މީހަކީ ތިމާއަށްވުރެ މާދަށުދަރަޖައިގެ މީހަކު ކަމާއި އެހެން މީހުންނަކީ ހަމަ ތިމާފަދަ، ތިމާ އާއި އެއްދަރަޖައިގެ މީހުން ކަމަށް ޤަބޫލުނުކުރެވޭނަމަ އެއީ ދެއްކުންތެރިކަމާއި ބޮޑާކަމުގެ އެންމެ މަތީ މިންވަރެވެ.
މިއީ ޙަދީޘްފުޅުތަކުން އެނގެންހުރި ކަންކަމެވެ. ވީމާ ތިމާގެ ކިބައިގައި އެއްވެސް މިންވަރަކަށް މިފަދަ ސިފަތައް ހުރިއަ ނުދޭށެވެ. އަވަހަށް އިޞްލާޙްކުރާށެވެ! ނޫން ނަމަ ސުވަރުގެ ނުވައްދަވައިފާނެކަމަށް ބިރުވެތިވާށެވެ.
ހަމަ އެއާއިއެކު ރަޙިމުގެ ގުޅުން ކެނޑުން މިއަދު މިވަނީ ޢާންމުކަމަކަށްވެފައެވެ. ވަރަށް ކުދިކުދި ކަންކަމާއިހުރެވެސް ރަޙިމުގެ ގުޅުން އެބަ ކަނޑާލައެވެ. އަނގައިން ނުބުނެ އެބަ ތިބެއެވެ.
މަދުން ނަމަވެސް ހަރުކަށި ނުބައި ނުލަފާ މީހުންނަކީ މއަިންބަފައިންކަމުގައި އެބަވެއެވެ. އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގައިވެސް އެބަ ހިމެނެއެވެ. އެއީ ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. އަހަރެމެންގެ މައިންބަފައިންނާއި އަޚުންނާއި އުޚުތުން އިޚްތިޔާރުކުރަނީ އަމިއްލައަކަށް ނޫނެވެ. އެކަންކަން ނިންމަވަނީ ﷲ ތަޢާލާއެވެ.
ވީމާ އަހަރެމެންނަށް އޮތީ އެކަންކަން ބަލައިގަތުމެވެ. އެފަދަ މީހަކު ޢާއިލާގައި ހުރިނަމަވެސް ގުޅުން ނުކަނޑާށެވެ. އެހެން ގޮތެއް ނެތިއްޖެނަމަ ދުރުހެލިވެގެން އުޅޭށެވެ. ނަމަވެސް ބާއްވަންޖެހޭނެ މިންވަރަށް ގުޅުންތައް ބާއްވާށެވެ. ނޫންނަމަ ރަޙިމުގެ ގުޅުން ކެނޑިކަމުގެ ފާފަ އެޅި ސުވަރުގެ ނުވައްދަވައިފާނެކަމަށް ބިރުވެތިވާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން