ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ދުނިޔޭގައި އުޅުނު މީހުން މަރުވެ ކައްވަޅުގައި ވަޅުލެވޭއިރު ސުވަރުގޭގެ މީރުވަހުން ﷲ ތަޢާލާ އެ މީހާގެ ކައްވަޅު ޒީނަތްތެރިކޮށްދެއްވަވަތެވެ. މުސްލިމް އަޅާ މަރުވުމުން ފުރާނަ ނަންގަވައި މަލާއިކަތުން ލައްވަވަނީ ސުވަރުގޭގެ މީރުވަހުން ވަސްދުވާ ފޭރާމަކަށެވެ. އޭނާގެ ފުރާނަ ހިއްޕަވަން ފައިބާ ވަޑައިގަންނަވަނީ ސުވަރުގޭގެ ހުވަދާ ކަފުން ހިއްޕަވައިގެންނެވެ.
ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ސުވަރުގޭގެ މީރުވަސް 500 އަހަރު ދުރަށް ދުވާނެ ކަމަށެވެ. ރަސޫލް (ﷺ) ހުވަނދަށް ނުވަތަ އަތަރަށް ލޯބިކުރެއްވެވިވަރީ ދުވަހަކުވެސް މީހަކު ހަދިޔާއަކަށް އެރުވި އަތަރެއް ޤަބޫލުފުޅު ނުކުރައްވަވައި އަނބުރައި ރައްދުކުރައްވަވާފައެއް ނުވެއެވެ.
ޞަހާބީންވެސް އަތަރަށް އިންތިހާއަށް ލޯބި ކުރެއްވެވިއެވެ. އަދި ފަހުގެ ދީނީ ޢީލްމުވެރިންވެސް މެއެވެ. ބައެއް ޢިލްމްވެރިންގެ ގައިކޮޅުން ދުވާ މީރުވަސް އެތައް ހިސާބު ދުރަކަށް ފެތުރިފައިހުރެއެވެ.
މިސްކިތަށް ދާން ވުމުން ގިނަ ބައަކު އަތަރުލައެވެ. ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމެއް އެބައޮތެވެ. އެމީހާއަށް ކިތަންމެ މީރުވަސް ދުވާ އަތަރެއް ނަމަވެސް އެހައި ގިނައިން ބޭނުން ނުކުރާށެވެ! އެހެނީ މިސްކިތުގައި ޖެހިގެން ހުންނަ މީހާއަށް އެ އަތަރަކީ މީރުވަސް ދުވާ އަތަރަކަށް ނުވެދާނެއެވެ. އެކަމުން އެމީހާއަށް އުނދަގޫތަކެއް ވެދާނެތީއެވެ.
ވަހުގެ ހުރި މުހިންމުކަން ނިކަން ދެކެބަލާށެވެ! މަންމަގެ ބަނޑުގައި އޮންނަ ކުއްޖާއަށް ﷲ ތަޢާލާ ފުރަތަމަ ދެއްވަވާ ހިއްސަކީވެސް ވަސްގަތުމުގެ ކުޅަދާނަކަމެވެ. އެކުއްޖާއަށް ފުރަތަމަ ދުވާނީ މައިމީހާގެ ވަހެވެ.
މިސްކިތަށްދާ މީހުންނަށް ހުވަނދުދީ ހުވަނދުލެއްވުމަކީވެސް ހެޔޮ ނިޔަތުގައި ކުރުމުން އަޅުކަމެކެވެ. ނަމާދަށް ދިއުން އޮތީ ލިބޭނަމަ ހުވަނދުލައިގެންނެވެ. ނަމަވެސް ބޭރުގައި އުޅެމުން މިސްކިތުގެ ޖަމާއަތަށްއަރާއިރު ކޮންމެ މީހަކަށް ހުވަނދުނުލެވިދާނެއެވެ. ޖީބުގައި ނުގެންގުޅޭތީއެވެ. އެފަދަ މީހުންނަށް ހުވަނދީ ހުވަނދުލެއްވުމަކީ އަޅުކަމެކެވެ. ގިނަ ބައަކު ޖަމާޢަތުގައި ތިބޭއިރު މީރުވަސް ދުވުމަކީ ހިތްހަމަޖެހުންވެސް ލިބޭނެ ކަމެކެވެ. މީސްތަކުންނަށް ހިތްހަމަޖެހުން ލިބޭ ހެޔޮ އަމަލުތަކުން މަލާއިކަތުންނަށްވެސް ހިތްޕުޅުހަމަޖެހިވަޑައިގަތުން ލިބިވަޑައިގަންނަވައެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން