ޔޫސުފުގެފާނު ވާހަކަ 4: މިޞްރުގެ އަޒީޒު އެކަލޭގެފާނު ބައްލަވައިގަތުންމާ ރީތިފުޅުކަމުގަ މިސާލއެއް ނެތްހާ ރީތިވުން

ކިޔުމަށް ހޭދަވާނީ 6މ 41ސ
ޔޫސުފުގެފާނު ވާހަކަ 4: މިޞްރުގެ އަޒީޒު އެކަލޭގެފާނު ބައްލަވައިގަތުންމާ ރީތިފުޅުކަމުގަ މިސާލއެއް ނެތްހާ ރީތިވުން

ލިޔުނީ: ޢަލީ އިޙްސާން ފިރާޤު

ޢަޒީޒުގެ ގަނޑުވަރުގައި

ޤާފިލާގެ ވިޔަފާރިވެރިން މިޞްރަށް ގޮސް އެތަނުގެ ބާޒާރުގައި، ސަލާމްލެއްވި ޔަޢުޤޫބުގެފާނުގެ މޭފުޅުގެ އެއްބައި ކަމުގައި ހިމެނިވަޑައިގަންނަވާ ލޮބުވެތި ދަރިކަލުން ވިއްކައިލުމުގެ ކަންތައްތައް ފަށައިފިއެވެ. އެތަނުން ޔޫސުފުގެފާނު ބައްލަވައިގަތީ، މިޞްރުގެ ޢިއްޒަތްތެރި ވަޒީރެކެވެ. އިމާމު ސުހައިލީ ބަޔާން ކުރައްވާ ގޮތުގައި، އޭނާގެ ނަންފުޅަކީ، قطفير އެވެ. މުޙައްމަދު ބިން އިސްޙާޤު ބަޔާން ކުރައްވާ ގޮތުގައި، އޭނާގެ ނަންފުޅަކީ،  إطفير بن رويحب އެވެ. އޭނާގެ ލަޤަބުފުޅަކީ، ޢަޒީޒެވެ. އޭނާއަކީ އެޒަމާނުގައި މިޞްރުގެ ޚަޒާނާތަކާ ޙަވާލުވެގެން ހުންނަ މީހާއެވެ. އޭރު މިޞްރުގައި ރެނދަލި ކުރައްވައިގެން ހުންނެވި ރަސްގެފާނުގެ ނަމަކީ الريَّان بن الوليد އެވެ. އެހެން ރިވާޔަތެއްގައިވަނީ، الوليد بن الريَّان ކަމަށެވެ. އޭނާއަކީ ޢަމާލިޤުންގެ ތެރެއިން ހިމެނޭ މީހެކެވެ.{އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރްޠުބީ، 11 ވަނަ ޖިލްދު، ޞަފްޙާ 299}

 މިޞްރުގެ ޢަޒީޒު ނުވަތަ قطفير ކާވެނި ބައްލަވައިގެން އުޅުއްވީ ވަރަށް ރީތި އަންހެން ބޭފުޅަކާއެވެ. މުޙައްމަދު ބިން އިސްޙާޤު ވިދާޅުވާ ގޮތުގައި އެކަމަނާގެ ނަންފުޅަކީ، راعيل އެވެ. އިމާމު މާވަރުދީ ރަޙިމަހުﷲ، ވިދާޅުވެފައިވަނީ، އެކަމަނާގެ ނަންފުޅަކީ، زليخا ކަމަށެވެ. {އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރްޠުބީ، 11 ވަނަ ޖިލްދު، ޞަފްޙާ 299}

މިޞްރުގެ ޢިއްޒަތްތެރި ޢަޒީޒު، ޔޫސުފުގެފާނު ބައްލަވައިގެން އެމަނިކުފާނުގެ ގަނޑުވަރަށް ވަޑައިގެން، އަނބިކަނބަލުންނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. [ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ.] {ޔޫސުފު 21}

މިޞްރުގެ ޢަޒީޒުގެ މިދެންނެވި ޢިނާޔަތްތެތެރިކަމާއި، ހެޔޮފުޅުކަމުގެ ފާލު މިންވަރު ކުރެއްވި ކަމީ އަރަހުށި މާތްﷲ، ޔޫސުފުގެފާނަށް ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. އެކަލޭގެފާނު މިޞްރުގެ ބިމުގައި ބާރުވެރި ކުރެއްވުމަށް މެދުވެރި ކުރެއްވި ކަމެކެވެ. އެތަނުގައި ހުންނަވަނިކޮށް މާތްﷲ، އެކަލޭގެފާނަށް ހުވަފެން ތަޢުބީރު ކުރެއްވުމުގެ ފުރިހަމަ ޢިލްމާއި ހުނަރުތައް ދަސްފުޅުކޮށްދެއްވައި އުނގަންނަވައިދެއްވިއެވެ.

يوسف عليه السّلام، ބޮޑުފުޅުވެ ފުރާފުރިހަމަ ވެވަޑައިގަތީ، މިޞްރުގެ ޢަޒީޒުގެ ގަނޑުވަރުގައި ހުންނަވައިގެންނެވެ. މާތްالله سبحانه وتعالى، ގެ ދީލަތިފުޅުކަމުން އެކަލޭގެފާނަށް ދެއްވައިފައިވަނީ ނުހަނު ރީތި ބުރުސޫރަ ފުޅެކެވެ. އެކަލޭގެފާނުގެ ރީތިފުޅުކަމާއި، ފުރިހަމަކަމަކީ، އިންސާނީ ލޯތައް މަދުންނޫނީ ނުދެކޭފަދަ ރީތީ ސާއްބަ ކަމެކެވެ. ޞައްޙަ ޙަދީޘުން ޘާބިތުވާގޮތުގައި ރީތިކަމުގެ ދެބައިކުޅަ އެއްބައި މާތް الله سبحانه وتعالى، ދެއްވައިފައިވަނީ، يوسف عليه السّلام، އަށެވެ. އިސްރާ އާއި މިޢުރާޖުގެ ޙަދީޘުން މިކަން ޘާބިތުވެއެވެ. އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

(.....ثُمَّ عَرَجَ بِي إِلَى السَّمَاءِ الثَّالِثَةِ فَاسْتَفْتَحَ جِبْرِيلُ ‏.‏ فَقِيلَ مَنْ أَنْتَ قَالَ جِبْرِيلُ ‏.‏ قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ صلى الله عليه وسلم ‏.‏ قِيلَ وَقَدْ بُعِثَ إِلَيْهِ قَالَ قَدْ بُعِثَ إِلَيْهِ ‏.‏ فَفُتِحَ لَنَا فَإِذَا أَنَا بِيُوسُفَ صلى الله عليه وسلم إِذَا هُوَ قَدْ أُعْطِيَ شَطْرَ الْحُسْنِ فَرَحَّبَ وَدَعَا لِي بِخَيْرٍ....){ صحيح مسلم/ كتاب الإيمان/ باب الإِسْرَاءِ بِرَسُولِ اللَّهِ صلى الله عليه وسلم إِلَى السَّمَوَاتِ وَفَرْضِ الصَّلَوَاتِ / ޙަދީޘް ނަންބަރު 162}

މާނައީ: [ދެން ތިމަންކަލޭގެފާނާއިގެން ޖިބްރީލުގެފާނު ވަޑައިގެންނެވީ ތިންވަނަ އުޑަށެވެ. ޖިބްރީލުގެފާނު އެއުޑުގެ ދޮރުކޮޅު ހުޅުވާލުމަށް އެދިވަޑައިގެންނެވިއެވެ. އެހިނދު އެކަލޭގެފާނަށް ދެންނެވުނެވެ. ތިޔައީ ކޮންބޭކަލެއްތޯއެވެ؟ ޖިބްރީލުގެފާނު ދެންނެވިއެވެ. ޖިބްރީލުގެފާނެވެ. ދެންނެވުނެވެ. ކަލޭގެފާނާއެކު އެހުންނެވީ ކޮންބޭކަލެއްތޯއެވެ؟ ޖިބްރީލުގެފާނު ޖަވާބުދެއްވިއެވެ. مُحَمَّدٌ صلى الله عليه وسلم ‏އެވެ. ދެންނެވުނެވެ. އެކަލޭގެފާނުވަނީ ފޮނުއްވިގެންތޯއެވެ؟ ޖިބްރީލުގެފާނު ވިދާޅުވިއެވެ. އާދޭހެވެ. އެކަލޭގެފާނުވަނީ ފޮނުއްވިގެންނެވެ. ދެން ތިމަންބޭކަލުންނަށްޓަކައި އެ އުޑުގެ ދޮރުކޮޅު ހުޅުއްވައިލެއްވުނެނެވެ. އެތަނުން ތިމަންކަލޭގެފާނު يوسف عليه السّلام، ދެކެވަޑައިގަތީމެވެ. އެކަލޭގެފާނަށްވަނީ ރީތިކަމުގެ ދެބައިކުޅަ އެއްބައި ދެއްވައިފައެވެ. އެކަލޭގެފާނު ތިމަންކަލޭގެފާނަށް މަރްޙަބާ ވިދާޅުވެ، ހެޔޮ ދުޢާފުޅު ކުރެއްވިއެވެ.]

ޔޫސުފުގެފާނު ބޮޑުފުޅުވަމުން ދިޔަ ދިޔަހެން، އެކަލޭގެފާނުގެ ފިރިހެންވަންތަކަމާއި، ބަނިޔާދަކަން، ދިޔާއީ އިތުރަށް އުއްތި ފުރިހަމަވަމުންނެވެ. ފުރިހަމަ ފިރިހެނެއްގައި، ކޮންމެހެން ހުންނަންޖެހޭ އެންމެހައި، ހިތްގައިމުކަމަކާއި، ސާއްބަކަމެއް އެކަލޭގެފާނަށް ދެއްވުމުގައި، އަރަހުށި މާތްﷲ، ވަނީ ދީލަތިވެވޮޑިގެންފައެވެ. އެކަލޭގެފާނު މިދެންނެވި ރުޖޫލިއްޔަތުގެ ފުރިހަމަކަން ފެނިވަޑައިގެން ޢަޒީޒުގެ އަނބިކަނބަލުންގެ ހިތްޕުޅުގައިވަނީ އެކަލޭގެފާނާމެދު އެދުންނެވިކަމުގެ ޝުޢޫރުތައް ހިނގައިފައެވެ.

ނުނިމޭ....

މިއަދު އޮންލައިން