މިތުރުންގެ ދީނަކީ ކޮބާ؟ މިތުރުންގެ ދީނުގަ ހުރެވުނީމާ ވާނީ ކިހިނެއް؟: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
މިތުރުންގެ ދީނަކީ ކޮބާ؟ މިތުރުންގެ ދީނުގަ ހުރެވުނީމާ ވާނީ ކިހިނެއް؟: ޢުމަރު ސުލައިމާން

މިރޭ ބަހެއް މިބުނެލަނީ މިތުރުންގެ ދީނާއިބެހޭގޮތުންނެވެ! މިތުރުންގެ ދީނުގައި އުޅުނީމާ ވާނެ ގޮތާއިމެދުގައެވެ. 

"ތިބާ ވަނީ ތިބާގެ މިތުރުންގެ ދީނުގަ" ކަމަށް ރަސޫލް (ﷺ) ކުރައްވަވާފައިވާ ޙަދީޘްފުޅު މިއަދު ގިނަ ބައަކު ވަނީ ހަނދުމަ ނެތިކޮށްލައިފައެވެ. މުސްލިމުންގެ ތެރެއިން ގިނަ ބައަކަށް މަގު އޮޅި ފާފަތައް ކުރެވެމުން މިދަނީ އެ ޙަދީޘްފުޅު ހަނދުމަނެތިކޮށްލުމުންނެވެ. 

ތިބާއަކީ އެމީހުން ކުރާ ފާފަތައް ނުކުރަން ޤަޞްދުކޮށްގެން ހުންނަ މީހެއް ނަމަވެސް އެއީ ހިފެހެއްޓޭނެ ކަމެއް ނޫނެވެ. އެމީހުންގެ ނުފޫޒުގެ ސަބަބުން ތިބާގެ ނިންމުމަށް ދާނީ އަސަރުކުރެވެމުންނެވެ. ނުވެސް އެނގި ހުއްޓައި އޮންނާނީ ތިބާއަކީވެސް އެފަދަ ފާފަތައް ކުރެވޭ މީހަކަށްވެފައެވެ. 

ކީރިތި ޤުރްއާން އެނގި އަމަލު ނުކުރާ މީހާ އާއި ޖެހޭނީ ދުރުހެލިވާށެވެ. އެހެނީ އެފަދަ މީހުންނަކީ މުނާފިޤުންކަމުގައި ބެލެވޭތީއެވެ. އެފަދަ މީހުންގެ މިސާލު ރަސޫލް (ޞޢވ) ދައްކަވައި ދެއްވަވާފައިވަނީ ކަދުރު އޮށެއް ފަދައިންނެވެ. ކަދުރު އޮށަކީ އެއިގައި އެއްވެސް މީރުވަހެއް ނުހުންނަ ނަމަވެސް ފޮނި އެއްޗެކެވެ. ހަމަ އެއާއިއެކު ކީރިުތި އެނގި ޢަމަލުކުރާ މީހުންގެ މިސާލު ދައްކަވައި ދެއްވަވާފައިވަނީ މީރުވަސް ދުވާ އަދި ރަހަވެސް މީރު މޭވާގެ ގޮތުގައެވެ. 

ކީރިތި ޤުރްއާން އެނގި އަމަލު ނުކުރާ މީހާ އާއި ޖެހޭނީ ދުރުހެލިވާން ކަމަށް މިބުނަނީ ސަބަބުތަކެއް ހުރުމުންނެވެ. ފުރަތަމަ ކަމަކީ އެފަދަ މީހުންނާއިއެކުގައި އުޅޭ ނަމަ އެގޮތް ތިމާގެ ކިބައިގައިވެސް އަށަގަންނާނެތީއެވެ. ޖަމާއަތުގައި ނަމާދުކުރުން ފަދަ ކަންތައްތަކަށް އިސްކަން ނުދެވޭނެތީއެވެ. ކުރާ ކޮންމެ ކަމެއް ވެސް ކުރަން ޖެހޭނީ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ގޮތަށް ކަމަށްވާއިރު އެގޮތަށް އެކަން ނުކުރެވޭނެތީއެވެ. 

މީސްތަކުން އުޅެން ޖެހޭނީ އިސްލާމް ދީނަށް ލޯބިކުރާ ހެޔޮ ލަފާ މީހުންނާއިއެކުގައެވެ. އެފަދަ މީހުންނާއިއެކުގައި އުޅުމުގެ ފައިދާ ރަސޫލް (ﷺ) ދައްކަވާފައިވަނީ އަތަރު ވިއްކާ މީހަކާއިއެކުގައި އުޅޭ މީހެއްގެ މިސާލުގައެވެ. އެމީހާ އަތަރު ނުވިއްކި ނަމަވެސް އަތަރުވިއްކާ މީހާ އާއިއެކުގައި އުޅޭތީ އެމީހާގެ ގައިގައި މީރުވަސް ހުންނާނެތީއެވެ. 

އަތަރު ވިއްކާ ފިހާރަތަކަށް ވަދެ އުޅޭ ނަމަވެސް އެމީހެއްގެ ގައިގައި އަތަރުގެ ވަސް ހުންނާނެއެވެ. އެކަމުން އެނގެނީ ކީރިތި ޤުރްއާނަށް އަމަލުކުރާ ހެޔޮލަފާ މީހުންނާއިއެކުގައި އެކުގައި ވަގުތު ހޭދަކުރުމުންވެސް އެކަމުގެ ފައިދާ އެމީހަކަށް ކުރާނެ ކަމެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ މިފަދަ ކޮންމެ މިސާލަކީ ޢިބްރަތުން ފުރިގެންވާ މިސާލުތަކެވެ. 

ނުބައިމީހުންނާއިއެކުގައި އުޅޭ މީހުންގެ މިސާލަކީ ކަނބުރުގެއަށް ވަދެ އުޅޭ މީހުންގެ މިސާލެވެ. ވަންނަ މީހާ އެތަނުގައި މަސައްކަތް ނުކުރި ނަމަވެސް އެމީހާގެ ގައިން ނުބައިވަސް ދުވާނެއެވެ. ހެދުމަށް އަޅިބުރައި އަޅިތައް ތަތްލާނެއެވެ. ކަނިބުރައި ފޭރާމުގައި ލޯވަޅުވެސް އެޅޭނެއެވެ. 

ތިމާ ދުންފަތުގެ އިސްތިޢްމާލު ނުކުރި ނަމަވެސް އެހެން މީހުންގެ ދުމުން ތިމާއަށް ކެންސަރު ޖެހޭކަން އެއީ މި ދެއްކި ވާހަކަތަކުގެ ދިރިހުރިމިސާލެކެވެ! ވީމާ ކެންސަރުން ސަލާމަތްވުމަށްޓަކައި ދުންފަތުގެ އިސްތިޢްމާލް ކުރާ މީހުންނާއި ދުރުހެލިވާން ޖެހޭ ފަދައިން ނަރަކައިން ސަލާމަތްވުމަށްޓަކައި ފާފަކުރާ މީހުންނާއި ދުރުހެލިވާން ޖެހޭނެއެވެ! ކެންސަރު ޖެހޭނީ ކޮން ވަގުތަކުކަން ނުއެނގޭ ފަދައިން ނަރަކައަށް ވެއްޓޭ ފަދަ އަމަލެއް ކުރެވޭނީ ކޮން ވަގުތަކުން ނުއެނގޭތީއެވެ! 

- ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން