އެންމެ ކާމިޔާބު، އެންމެ އުފާވެރި މީހަކަށްވާން ބޭނުންނަމަ މައިންބަފައިންނަށާ އަނބިމީހާއަށް ދޭންޖެހޭ ލޯތްބާ މަޤާމް ދަސްކޮށް ޢަމަލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އެންމެ ކާމިޔާބު، އެންމެ އުފާވެރި މީހަކަށްވާން ބޭނުންނަމަ މައިންބަފައިންނަށާ އަނބިމީހާއަށް ދޭންޖެހޭ ލޯތްބާ މަޤާމް ދަސްކޮށް ޢަމަލުކުރާށެވެ!

ބައެއް މީހުން ސުވާލުކުރެއެވެ. އެންމެ ބޮޑަށް ލޯބިވާންޖެހޭނީ މައިންބަފައިން ދެކެ ހެއްޔެވެ؟ ނޫނީ އަނބިމީހާ ދެކެ ހެއްޔެވެ؟ އަހުރެންގެ ޖަވާބަކީ މައިންބަފައިން ދެކެވެސް އަނބިމީހާދެކެވެސް އެންމެ ބޮޑަށް ލޯބިވާންޖެހޭނެއެވެ. ނަމަވެސް އެއީ މުޅިން ތަފާތު ދެ ލޯތްބެކެވެ. 

ފުރަތަމަ މައިންބަފައިންނަށް ބަލާލަމާ ހިނގާށެވެ! މައިންބަފައިން އަހަރެމެންނަށްޓަކައި ނުއުފުލާ ބުރައެއް ނެތެވެ. ނުވާ ޤުރްބާނީއެއް ނެތެވެ. ހޭދަކުރި މިންވަރުގެ ޢަދަދެއް ވެސް ނުއެނގެއެވެ. އެކަންކަން އެމީހުން ނުކުރިނަމަ މިއަދު އަހަރެމެން ތިބޭނީ ކޮން ގޮތަކަށް، ކޮން ސިފައެއްގައިކަން އެނގެނީވެސް ކިހިނަކުންހެއްޔެވެ؟ ދިރިއުލެންޖެހޭނީ ކޮން ފެންވަރެއްގައި ކޮން ޙާލެއްގައިކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. 

ދެން އޮތީ އަނބިމީހާއެވެ. ހަނދާންކުރާށެވެ! މިދައްކަނީ ހެޔޮލަފާ ތަޤްވާވެރި އަންތބެއްގެ ވާހަކައެވެ. 

ދިރިއުޅެން މިނިވަންކަމާއިއެކު މަސައްކަތްކުރެވެނީވެސް އަނބިމީހާގެ ސަބަބުންނެވެ. އަޅުކަންކުރުމުގައި ސާބިތުވެވެނީވެސް އަނބިމިހާގެ ސަބަބުންނެވެ. ނުބައިމަގުން ނުހިނގައި ސީދާމަގުން ކުރިއަށްދެވެނީވެސް އަނބިމީހާގެ ސަބަބުންނެވެ. ގިނަފަހަރަށް ދަމުނަމާދަށާއި ފަތިސްނަމާދަށް ހޭލެވެނީ ގަޑި ސޯނާވާންފެށުމުން ނިއްވާނުލައި އަހަރެމެން ހޭލަންދެން ގޮވައި ހޭލައްވައިދޭތީއެވެ. އަހަރެމެން މަސައްކަތްކުރިނަމަވެސް އާމްދަނީ ހޯދިނަމަވެސް ދަރިން ބަލަހައްޓައި ތަރުބިއްޔަތުކުރަން އަހަރެމެންނަސްވުރެ ބުރަކޮށް މަސައްކަތް ކުރަނީ އަނބިންނެވެ.

މިކަންކަމަށް ބެލުމުން އެނގެނީ އަހަރެމެންގެ ދިރިއުޅުން ފުރިހަމަކުރެވެނީ މައިންބަފައިންގެ މަސައްކަތުންނާއި އަނބިމީހާގެ މަސައްކަތުން ކަމެވެ. އަދި މިއީ މުޅިން ތަފާތު ދެ މަސައްކަތެއްކަމެވެ. ކޮށްދެނީ މުޅިން ތަފާތު ދެ ޚިދުމަތެއްކަމެވެ. 

ދެން ނިކަން ބުނެބަލާށެވެ! ވަކި މީހަކަށް ލޯބިކުޑަކުރެވެން އެބައޮތްހެއްޔެވެ؟ ވަކިމީހެއްގެ ދަރަޖަ ތިރިކުރެވެން އެބައޮތްހެއްޔެވެ؟ ހަމައެކަނި ވިސްނަންވީ ވާންޖެހޭ ދެ ލޯތްބަކީ މުޅިން ތަފާތު ދެ ލޯތްބެއްކަމެވެ. ދޭންޖެހޭ ދަރަޖަ ނުވަތަ މަޤާމްވެސް ތަފާތުކަމެވެ. 

މައިންބަފައިންނަށް ދޭންޖެހޭ ލޯބިދީ އެހީތެރިވާށެވެ! އަނބިންނަށް ދޭންޖެހޭ ލޯބިދީ ވަފާތެރިވާށެވެ! އެންމެ ކާމިޔާބު މީހަކަށްވެވޭނީ އެއިރުންނެވެ!

މިއަދު އޮންލައިން