އެއީ އަހަރެމެންގެ ކައިވެންޏަށް 12 އަހަރު ފުރުނު ދުވަހެވެ. ފިރިމީހާ ގެއަށް އަންނަންވާއިރަށް ވަރަށް ފުރިހަމައަށް ކޭކެއް އަޅައި މޭޒުމަތީގައި ބެހެއްޓީމެވެ. އުންމީދުކޮށްގެން ހުރީ ފިރިމީހާ އުފަލުން ހެޔޮބަހެއް ބުނާނެ ކަމަށެވެ. ޝުކުރުވެރިވާނެކަމަށެވެ.
ގެއަށްވަދެ ކޭކު ފެނުމުން އަޅައިވެސް ނުލައެވެ. ކޮޓަރިއަށް ގޮސް ފޮށްޓަށް އެއްޗެތި އަޅައިގެން ނުކުތުމުން ހީކުރީ އެނިވަރސަރީ ފާހަގަކުރަން ދެމީހުން އެކުގައި ކޮންމެވެސްތަނަކަށް ގޮސްލަނީކަމަށެވެ. ނަމަވެސް ކަންތައްވީ އެހެންނަކުން ނޫނެވެ.
"މިއީ ކީއްކުރަން އެޅި ކޭކެއް ހެއްޔެވެ؟ ކަލޭގެ ކަމަކީ އަބަދު ބަދިގޭގައި އުޅުމެވެ. މީރުހައި ތަކެތި ކެއްކުމެވެ. އެނޫން އެއްވެސް ކަމެއް ކުރާކަށް ނޭނގެއެވެ. އެހެންވެ އަހަރެން ކަލޭ ވަރިކޮށްފީމެވެ. އަހަރެން މިގެއިން މިދަނީއެވެ. އަބަދު ބަދިގޭގައި އޮވެވޭތޯ ބަލާށެވެ! އަހަރެންނަށް މޒަމާނުގެ ކަންކަމަށް ޝައުޤުވެރިވާ އަންހެނަކު ލިބިއްޖެއެވެ. ބާއީ!" ބުނެފައި ނުކުމެގެން ދިއައީއެވެ.
އެއީ ކޮވިޑްތެރެއެވެ. އެއިރު ގޭގެ ކުލި ނުދެއްކޭތާ 2 މަސް ވެއްޖެއެވެ. ގެ ކުއްޔަށް ހިފާފައިހުރީ އަޅުގަނޑުގެ ނަމުގައެވެ. އަދި ފެނާއި ކަރަންޓް ބިލްތައް ނުދެއްކޭތާ އެތައް މަހެއް ވެއްޖެއެވެ. ހުރިހާ ޒިންމާއެއް ނަގަން މިޖެހުނީ އަމިއްލައަށެވެ.
ވަރަށް ދެރަވިއެވެ. ދެން ހަދާނެ ގޮތަކާއިމެދު ވިސްނައިލީމެވެ. އުންމީދެއް ލިބުނީ ފިރިމީހާ ބުނެފައިދިއަ ބަހަކުންނެވެ. "ކަލޭ އަބަދު ބަދިގޭގައި އުޅޭށެވެ! އެނޫންކަމެއް ނޭނގޭނެއެވެ!"
ފިރިމީހާ އެބުނީ ވަރަށް ބޮޑު ތެދެކެވެ. ދަރިންގެ ކަންކަން ކުރުމަށްފަހު އަދި ގޭގެ އެހެން ކަންކަން ވެސް ކުރުމަށްފަހު ލިބޭ ހުސްވަގުތު އަޅުގަނޑު ހޭދަކުރަނީ ބަދިގޭގައެވެ. ކެއްކުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެކެވެ. އަދި ފިރިމީހާއަށް މީރުވާނެ ތަކެތި ކައްކާ ކާންދިނުމަކީ ވަރަށް ބޮޑަށް ކުރާހިތްވާ ކަމެކެވެ.
އަޅުގަނޑު ވިސްނީ މީރުތަކެތި ތައްޔާރުކޮށް އެއިން ފައިސާ ހޯދުމަށެވެ. އެހެންކަމުން ރަޙްމަތްތެރި 2 ކުއްޖަކާއި މަޝްވަރާކޮށް އެމީހުންވެސް ބައިވެރިކޮށްގެން ހެދިކާ އާއި އެނޫންވެސް ބައެއް ކާބޯތަކެތި ތައްޔާރުކުރަން ފެށީމެވެ. އެމީހުން ބައިވެރިކުރީ ދަރިން ބަލަމުން އެކަނި މަސައްކަތް ނުކުރެވޭނެތީއެވެ. ފުރަތަމަ ވިއްކަން ކުރިކަމަކީ "މިގެއިން ހެދިކާ ވިއްކަން" ލިޔެފައި ބޭރު ދޮރުފަތުގައި ތަތްކުރީއެވެ.
މާތް ﷲ ގެ ވާގިފުޅާއިއެކު މަސައްކަތް ފަށައިގަތުމުން އަޅުގަނޑު ތައްޔާރު ކުރާ ތަކެތި ވިކެން ފެށިއެވެ. އޮންނަނީ ނުހެދިފައެވެ. ކުރިއަށް އޯޑަރުތައްވެސް ލިބެން ފެށިއެވެ. މިހާރު ބައެއް ހޮޓާތަކަށްވެސް ގެންދެއެވެ. މަސައްކަތުގައި މުސާރަދީގެން 5 ކުދިން ގެންގުޅެމެވެ. ބަދިގެއަކަށް މިބޭނުންކުރަނީ ޖެހިގެން ހުރި އެޕާޓްމަންޓް ކުއްޔަށް ހިފައިގެން އެތަނެވެ.
މިލިއަނުން ދުވާލަކު ނުލިބުނު ނަމަވެސް ދެ ދަރިން ގޮވައިގެން އުފަލުގައި ދިރިއުޅެވޭވަރަށް އާމްދަނީ ލިބެއެވެ. ފިރިމީހާއަށް ކައްކައިދިން ދުވަސްތަކަށްވުރެ މާގިނައިން ލިބެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނާއި އަޅުގަނޑުގެ މިވާހަކަކޮޅު ހިއްޞާ މިކުރަނީ މިއަދުނޫހުގައި އަނހެނަކު ބުނެފައި އޮތް ބަހެއް ފެނުމުން ހަމަ އުފަލުންނެވެ. އަމިއްލައަށް ކުރާނެ މަސައްކަތެއް ދަސްވެއްޖެނަމަ ކުރާނެ ފައިދާ ކުޑަނޫންކަމަށާއި ދިރިއުޅުން އުފަލުގައި ހޭދަކުރެވޭނެ ކަމަށް ބުނެފައި އޮތް ބަހެވެ.
އެއީ ހަމަ ވަރަށް ބޮޑު ތެދެކެވެ. މިޒަމާނުގެ ފިރިންގެ އަތްދަށުނުވެ ދިރިއުޅެވެން އޮތީ އަމިއްލައަށް ކުރާނެ މަސައްކަތެއް ދަސްކޮށްގެންނެވެ. ރީތިކުދިން ފެނުމުން އެއްލައިލާނެއެވެ. އަދި އެންމެ މަޖާކަމަކީ ހިންމަތާއި މަސައްކަތުން އަމިއްލަ ފައިމައްޗަށް ހަމަ ކޮޅަށް ތެދުވާއިރަށް އެތަން ފެނުމުން ސޮރީސޮރީ ކިޔަމުން ފަހަތުން ދުވާކަމެވެ! އަޅުގަނޑުގެ ފިރިމީހާއަށް ނިކަން ރީތި ޖަވާބެއް ދިނީމެވެ. އެއީ ވަރަށް ކުޑައިރުންސުރެ ބައްޕަ މަޖަލަށް ބުނުއްވާ ބަހެކެވެ. "އައިހޭވް ނޯ ލޮރީ ޓު ކެރީ ޔޯ ސޮރީ" އެވެ.
--ލިޔުޝާ މިއަދުނޫހުގެ ކިޔުންތެރިއެއް