ޑިޔޫޓީގަ ކާންލިބޭ އެތިކޮޅުން ބާކީކޮށްގެން ގެންގޮސް ދަރިފުޅަށް ކާންދިން އެކަނިވެރި މައަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ޑިޔޫޓީގަ ކާންލިބޭ އެތިކޮޅުން ބާކީކޮށްގެން ގެންގޮސް ދަރިފުޅަށް ކާންދިން އެކަނިވެރި މައަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

އޭނާއަކީ ރެސްޓޯރަންޓެއްގެ ވެއިޓަރެކެވެ. އޭނާގެ މަސައްކަތު ވަގުތުގަ ކާންލިބޭ އެތިކޮޅުން އެއްބައި ބާކީކޮށްގެން ގެއަށް ގެންދެއެވެ. އެކަން މެނޭޖަރަށް އެނގުމުން އޭނާ ދައްކާ ވާހަކަ އަޑުއަހަންވެސް ބޭނުން ނޫން ކަމަށްބުނެ ވަޒީފާއިން ވަކިކުރީއެވެ. 

ވީދެރައިން ނުކުމެ ބޭރުގައި ހުރި ގޮނޑިއެއްގައި ރޯން އިންދައި ތަނުގެ ވެރިމީހާ އަށްފެނިގެން ސުވާލުކުރުމުން ކިޔައިދިނެވެ. "އަޅުގަނޑަކީ އެކަނިވެރި މައަކީމެވެ. އަޅުގަނޑަށް ލިބޭ ކޮއްތުން ބައެއް ބާކީކޮށްގެން ކޮންމެ ދުވަހަކުވެސް ގެއަށްގެންދަމެވެ. އެއީ އަޅުގަނޑު އެކަނިބަލާ 3 އަހަރުގެ ދަރިއަކު ހުންނާތީ އޭނާއަށެވެ. ގޭގައި ނުލާހިކު އާދައިގެ ގޮތަކަށް ކައިބޮއިހަދާއިރު މިތަނުގައި އެކަނި މީރުތަކެތި ކާން ހިތްހަމަނުޖެހޭތީއެވެ."

އޭނާގެ ވާހަކަތައް އަޑުއަހާފައި ވެރިމީހާ އަލުން އޭނާއަށް ވަޒީފާދިނެވެ. މުސާރަވެސް ބޮޑުކޮށްދިނެވެ. ދުވަސްކޮޅެއްފަހުން އޭނާ ވެރިމީހާއަށް ދައުވަތުދިނެވެ. އެއްރޭ އޭނާގެ ގެއަށް ކާންގޮސްދިނުމަށެވެ. އެއި މުސާރަބޮޑުކޮށްދިނީތީ ޝުކުރުވެރިވުމުގެ ގޮތުންނެވެ. 

ވެރިމީހާ އެގެއަށް ގޮސްފައި ހުރިހާ ސަމާލުކަމެއް ދިނީ ކުޑަދަރިފުޅަށެވެ. ވަގުތު ހޭދަކުރީ ކުއްޖާ އާއި ސަމާސަކުރުމަށެވެ. ދުވަސްކޮޅެއްފަހުން ވެރިމީހާ އެދުނީ އޭނާ އާއި ކައިވެނިކުރުމަށެވެ. އަންހެން މީހާ އެކަން ޤަބޫލުކޮށް ކައިވެނިކުރިއެވެ. އެއީ ކައިވެނިކުރަން އެއެދުނީ އޭނާގެ ފަޤީރު ޙާލާއި ނިކަމެތިކަން އެނގިހުރެ ކަމަށްވާތީއެވެ. 

ކައިވެނިކުރުމަށްފަހު ފިރިމީހާ ބުންޏެވެ. "އަހަރެން އެންމެ ބޮޑަށް ބޭނުންވަނީ ޒިދޫ ބަލައިބޮޑުކުރާށެވެ! އިރާދަކުރެއްވިއްޔާ ޒިދޫއަކީ މޮޅު ކުއްޖަކަށް ހަދަން މަސައްކަތްކުރާނަމެވެ." 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ހަމަ އަޅުގަނޑުގެ ދިރިއުޅުމާއިވެސް ވަރަށް ބޮޑަށް ގުޅުން އެބަހުއްޓެވެ. އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ މިއަދު ބައެއް މައިން އެކުވެރިންނާއެކު ރެސްޓޯރަންޓްތަކުން އަގުބޮޑު އެއްޗެތި ކައިހަދާއިރު މިވެއިޓަރު އެވިސްނި ކަންތަކަށް ވިސްނައިލާބާވައެވެ! އަމިއްލަ ދަރިން ގޭގައި ކައިބޮއިހަދާ ތަކެއްޗާއިމެދު ވިސްނައިލާބާވައެވެ! 

އޭނާއަށް އެހައި ބޮޑު ނިޢްމަތެއް އެލިބުނީ ކޮއްތުން ބާކީކޮށްގެން ގެންގޮސް ދަރިފުޅަށް ކާންދިނުމުންނެވެ. އަހަރެމެން ރައްޓެހިންނާއިއެކު ރެސްޓޯރަންޓްތަކަށް ގޮސް މީރުތަކެތި ކައިބޮއެ ހަދާއިރު ދަރިންމަތިން ހަނދާންވޭބާވައެވެ! ބޭކާރު ގޮތުގައި ވަގުތުތައް ހޭދަކުރާއިރު ގޭގައި ދަރިން ތިބިކަން ހަނދާންވޭ ބާވައެވެ. 

އަޅުގަނޑުގެ ވާހަކަވެސް ކުރުގޮތަކަށް ދަންނަވާލާނަމެވެ. 

އަޅުގަނޑަކީވެސް 2 ދަރިން އެކަނި ބަލާ މައަކީމެވެ. އޮފީހުގެ ވެރިމީހާ އަޅުގަނޑަށް ކެއުމަކަށް ދައުވަތުދިނުމުން އަޅުގަނޑު ބުނީ ދަރިން ބައިތިއްބާފައި ގޮސް މީރު ކެއުން ކެއުމުން ހިތްހަމަޖެހުން ނުލިބޭކަމަށެވެ. 

އެއީ ވަރަށް ރަނގަޅު ޢާއިލީ ދިރިއުޅުމެއް އުޅޭ މީހެކެވެ. އެދުވަހު އަޅުގަނޑުގެ ދިރިއުޅުމުގެ ޙާލަތު އޮޅުން ފިލުވިއެވެ. އަދި އެއިގެ ފަހުން ކޮންމެ މަހަކުވެސް މުސާރައިގެ އިތުރުން 2 ދަރިންނަށް އަމިއްލަގޮތުން އިނާޔަތެއް ދެއެވެ. އަދި އޭނާގެ ރިޒޯޓަށް އޭނާގެ ޢާއިލާ ގެންދާ ބައެއް ދަތުރުތަކުގައި އަޅުގަނޑާއި 2 ކުދިންވެސް ގެންދެއެވެ. އެހެންކަމުން އޭނާގެ އަނބިމީހާ އާއިވެސް އަދި ދެމީހުންގެ އެއް އުމުރުގެ ދަރިންގެ މެދުގައިވެސް ވަރަށް ގާތް ގުޅުމެއް އެބައޮތެވެ. އިން ޝާ ﷲ 

 ސުލްފިޝާން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން