ތިމާ އެދުނުކަންތައް ދުނިޔެއިން ޙާޞިލް ނުވުމުން އޮތީ އުފާކުރުމެވެ! ފަހުން ލިބޭ އުފާ މާބޮޑުވާނެކަން މިއޮތީ އެނގޭށެވެ!: ޑރ. ޔާސިރު ޤާދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތިމާ އެދުނުކަންތައް ދުނިޔެއިން ޙާޞިލް ނުވުމުން އޮތީ އުފާކުރުމެވެ! ފަހުން ލިބޭ އުފާ މާބޮޑުވާނެކަން މިއޮތީ އެނގޭށެވެ!: ޑރ. ޔާސިރު ޤާދީ

އަހަރެމެންނަށް ކަންބޮޑުވެވޭ އެންމެ ބޮޑު އެއް ސަބަބަކީ ތިމާ އެދޭކަންކަން ޙާޞިލްނުކުރެވުމެވެ. ދުނިޔޭގައި ހުއްޓައި އެކަންކަން ފުއްދަވައި ނުދެއްވެވުމެވެ. ނަމަވެސް އެއީ ހަމަ އެއްވެސް ވަރަކަށް ކަންބޮޮޑުވާންވީ ކަމެއް ނޫނެވެ. 

އައްޟުޙާ ސޫރަތުގައި "ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ." ވަޙީކުރެއްވެވުމަށްފަހު ވިދިގެން އޮތް އާޔަތުގައި އެވަނީ " އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ." އެ އާޔަތާއި ޖެހިގެން ވަޙީކުރައްވަވާފައި އެވަނީ" އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ." (އައްޟުޙާ: 3، 4، 5) 

މި 3 އާޔަތަށް ބަލައިފިނަމަ ފުރަތަމަ އެނގިގެންދަނީ އެއްވެސް މުސްލިމަކު ނިކަމެތިވާން ދޫކޮށް ނުލައްވަވާނެކަމެވެ. އަދި ދުނިޔޭގައި އެމީހާ އެދޭ ކަންކަން ޙާޞިލް ނުވިނަމަވެސް އާޚިރަތް ދުވަހު އެމީހަކަށް އޮތީ އުފާވެރިކަންކަމެވެ. އަދި އާޚިރަތް ދުވަހު ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތައް ލިބިމުން އެކަމަށް ރުހި އުފާކުރާނެ ކަމެވެ. 

މިދުނިޔޭގައި ކަމެއް ޙާޞިލް ނުކުރެވިގެން ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި އުޅެން މިލިބެނީ ވަރަށް މަދު ދުވަސްކޮޅަކުއެވެ. އަހަރެމެންގެ ޙަޤީޤީ މަންޒިލް ފެށިގެން އަންނަނީ މަރުވުމަށްފަހުގައެވެ. ވީމާ އާޚިރަތް ދުވަހުން އަހަރެމެން އެދޭހައި މިންވަރަށް ނިޢުމަތްތައް ދެއްވަވާ އަޅަކަށް ވެވިއްޖެނަމަ އެއޮތީ ފުދި އިތުރުވެފައެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ އަޅަކަށްވުމަށެވެ. 

އަދި އެއްވާހަކަ ބުނެލާނަމެވެ. އެދޭކަންކަން ޙާޞިލް ނުކުރެވިގެން ކަންބޮޑުވުމުގެ ބަދަލުގައި ތިމާއަށް ދެއްވަވާފައިވާ ނިޢްމަތްތަކަށް ވިސްނައިލާށެވެ! ތިބާ ނުވެސް އެދެނީސް ދެއްވަވާފައިވަނީ ކިތައް ނިޢްމަތް ހެއްޔެވެ؟ އެކަންކަމަށް ވިސްނައިލާނަމަ އެދޭ ކަންކަން ޙާޞިލް ނުކުރެވިގެން މާޔޫސްވާކަށް ނުޖެހޭނެއެވެ!

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން