" އަންހެންދަރިންނަށް ހެޔޮލަފާ ފިރިއަކު ހޯދައިދޭން މިޒަމާނޔގަ ކުރެވޭނީ ކޮންކަމެއްތޯ؟" މިއަދުނޫހުގެ ކިޔުންތެރިއަކު ވަނީ ސުވާލުކުރައްވައިފައެވެ.
ޖަވާބުގައި ދަންނަވަން އޮތީ ފުރަތަމަ ކަމަކަށްވެސް ހަދީޘްފުޅުގައިވާފަދައިން ކައިވެނިކޮށްދެވޭމީހާއަކީ ހެޔޮލަފާ، ތަޤްވާވެރި އަޚްލާޤް ރަނގަޅު މީހަކުތޯ ބަލާށެވެ. އެކަން ކަށަވަރުކުރާށެވެ.
ރަސޫލް ﷺ ގެ ޙަދީޘްފުޅުތަކަށް ޢަމަލުކުރަން އޮތީ ވަކި ޒަމާނެއްގައެއް ނޫނެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކުއެވެ.
ޢިލްމުވެރިން ބަޔާންކުރައވާ ގޮތުގައި މާޒީ ބަލައި ފަސްކޮނުމުގެ ބޭނުމެއް ނެތެވެ. އޭނާގެ މިހާރުގެ ދިރިއުޅުމަށް ބަލާށެވެ. ތައުބާވެގެންހުރިނަމަ މާޒީއަށް ބެލުމެއް ނެތެވެ.
ދެވަނަ ކަމަކަށް ބަލަން އޮތީ އޭނާއަކީ ދިރިއުޅެން މަސައްކަތްކުރާ މީހަކު ކަމެވެ.
ތިންވަނަކަމެއްގެ ގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ މި ބަސްފުޅުން ޢިބްރަތް ޙާޞިލްކުރާށެވެ! ތިރީގައި މިވާ ލިޔުން ވިސްނުންތެރިކަމާއިއެކު ކިޔައިލާށެވެ.
"ތިބާގެ އަންހެން ދަރިންނަށް ހެޔޮލަފާ ފިރިއަކު ލިބުމަށް އެދޭ ފަދައިން ތިބާގެ އަނބިމީހާއަށް އެފަދަ ފިރިއަކު ކަމުގައި ތިބާ ވާށެވެ!" މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ޓްވީޓް ކުރައްވާފައިވާ ވަރަށް އަގުހުރި ނަޞޭޙަތުގެ ބަސްކޮޅެކެވެ.
މިފަދަ ބަސްތަކާއި މިމޭރުމުން ދެވިފައި ހުންނަ ދަރުސްތަކާއި ގުޅިގެން ފިރިހެން ބޭފުޅުންވެސް ސުވާލު އުފައްދަވައެވެ. "އަނބިން ފިރިންނަށް ހެޔޮވާން، އޯގާތެރިވާން، ވަފާތެރިވާން، އެހީތެރިވާން ނުޖެހޭނެތޯއެވެ؟"
ޖަވާބުގައި ޢިލްމުވެރިން ވިދާޅުވަނީ ދެމަފިރިން ވެސް އެކަކު އަނެކަކަށް ހެޔޮލަފާވާން ޖެހޭނެ ކަމަށެވެ. އަދި ދެއްވާ ދަރުސްތަކުގައި އެކަން ފާހަގަވެސް ކުރައްވައެވެ.
ޤަބޫލުކުރަން އުނދަގޫވި ނަމަވެސް އިސްލާމީ ޤައުމުތަކުގައި މިހައިތަނަށް ކުރެވިފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބަކީ ފިރިމީހާގެ މައްސަލަތަކެވެ. އަދި ކައިވެނި ރޫޅުމުން ގިނައިން، ބޮޑަށް ގެއްލުން ލިބި ނިކަމެތިވަނީވެސް އަނބިންނެވެ.
މިކަމުގެ ހެއްކަކަށް ސައުދިއަރަބިޔާގައި ދެވަނަ ކައިވެންޏެއް ނުކުރެވިފައި ތިބި އަންހެނުންގެ އަދަދު 2 މިލިއަނަށްވުރެ ގިނަކަން ފުދެއެވެ. ޔޫއޭއީގައިވެސް ޙާލު ހުރީ ހަމަ މިފަދަ ގޮތަކަށެވެ. އެކަމުގެ ސަބަބުން މުޖުތަމައުއަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށްޓަކައި ސަރުކާރުތަކުން މިހާރު ގެންދަނީ އެފަދަ އަންހެނުންނަށް އަލުން ކައިވެނިކުރެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި އެފަދަ އަންހެނުންނާއި ކައިވެނިކުރުމުން އިނާޔަތްވެސް ދެމުންނެވެ. ދެއަންތބަށް ކައިވެނިކުރަންވެސް ހިތްވަރުދެމުންނެވެ. ފިރިހެނުންނަށް މިފަދަ މައްސަލަތައް ކުރިމަތިވެގެން އުޅޭކަން ފާހަގަކުރެވިފައެއް ނުވެއެވެ.
ރާއްޖެއަށް ބަލައިފިނަމަ ޙާލަތު ތަފާތުވެދާނެއެވެ. އެއީ ގަދަކަމުން ފިރިން ގާތުން ވަރިވެ ޒުވާން ބިދޭސީންނާއި "ގުޅޭ" އަންހެނުންގެ އަދަދު އިތުރުވަމުންދާތީއެވެ. އޮފީސް ލޯބި ގަދަވެ ރޫޅޭ ކައިވެނިތައް އިތުރުވަމުންދާތީއެވެ.