ނަމާދުގަ ޚުޝޫޢަތްތެރިވުމަށް ނަމާދަށް ފަށަމުން މިކަންކަމަށް ސަމާލުކަންދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ނަމާދުގަ ޚުޝޫޢަތްތެރިވުމަށް ނަމާދަށް ފަށަމުން މިކަންކަމަށް ސަމާލުކަންދޭށެވެ!

ނަމާދުކުރުމަކީ އަބަދުކުރާކަމަކަށްވުމުން ބައެއް ފަހަރު ނަމާދަށް ފަށާއިރު ދޭންޖެހޭ ސަމާލުކަން ނުދީ ނަމާދުކުރަން ފެށެއެވެ. އަވަސް އަރުވާލައި ތަކްބީރް ކިޔައި ޙަރަމް ބަނދެވެއެވެ. އެހެން އެކަން ނުކުރާށެވެ! 

ނަމާދުގެ ޖަމާއަތް ފެށާފައިވުމުން ނަމަވެސް، ކިތަންމެ އަވަހަކަށް ޔަކްބީރްކިޔައި ޙަރަމް ބަން ނަމަވެސް ނަމާދަށް ހުއްޓުމާއިއެކު މިހުއްޓުނީ ނަމާދަށްކަމާއި ﷲ ތަޢާލާގެ ޙަޟްރަތުގައިކަން ހިތަށް ގެންނާށެވެ. އަދި ﷲ ތަޢާލާ ބައްލަވާ ވޮޑިގެންވާކަންވެސްމެއެވެ. އެއަށްފަހު އަޢޫޛް ކިޔައި ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަތުމަށްފަހު ޙަރަމް ބަންނާށެވެ! 

އެކަންކަމަށް ހޭދަވާ ފަޅި ސިކުންތުކޮޅަށްވުރެ އެކަންކަން ނުކޮށް އަވަސް އަރުވާލައި، ތެޅިފޮޅެގަނެގެން ޙަރްމްބަނުމުން ލިބޭދެރަ މާބޮޑުވާނެއެވެ. ޝައިޠޯނާ ތިބާ ވަށާލައިފާނެއެވެ. ހިތަށްވެރިވެގެންފާނެއެވެ. އެޙާލަތުގައި ކުރާ ނަމާދަކީ ބޭކާރު ނަމާދަކަށްވުން ކައިރިއެވެ. 

ނަމާދުގައި ޚުޝޫޢަތްތެރި ނުވެވެނީ ޝައިޠޯނާގެ ސަބަބުންނެވެ. ވީމާ ޝައިޠޯނާ ފައްސައި ދުރައްޖައްސާނުލައި ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުން ވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. މިސާލަކަށް ބުނާނަމަ ގިނަ ބައަކަށް އަލްޙަމްދުގެ މާނައެނގެއެވެ. ނަމަވެސް ސުވާލަކީ ކިޔަވާއިއރު ހިތްމައްޗަށް މާނަ ގެނެވޭ ހެއްޔެވެ؟ ނުގެނެވޭ އެންމެ ބޮޑު ސަބަބަކީ ޝައިޠޯނާގެ ވަސްވާސްތަކެވެ. ވީމާ އޮތީ ރައްކައުތެރިވާން މަސައްކަތްކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން