ލިޔުނީ: ޢަލީ އިޙްސާން ފިރާޤު
އެނގިވަޑައިގަންނަވާނެ ފަދައިން، ޔޫސުފުގެފާނަކީ ޠާހިރު ނަބީބޭކަލުންގެ ތަކެއްގެ ސުލާލަތުން ވަޑައިގެން ހުންނެވި ބޭކަލެކެވެ. ޠާހިރު އުޅުއްވުމާ އަދަބު އަޚްލާޤާއި، އިއްފަތްތެރިކަމާއި، ތަޤުވާވެރިކަން އެކަލޭގެފާނަށް ލިބިވަޑައިގެންފައިވަނީ ވާރުތައިންނެވެ. ޢަޒީޒުގެ އަންހެނުންގެ ހިތްޕުޅުގެ މުރާދު އެނގިވަޑައިގެންނެވުމުން، ޔޫސުފުގެފާނު އަރަހުށި މާތްﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވިއެވެ.
[އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ ކުރުމަށް އެއުރެން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، ތިމަންއަޅާއަށް ލޮބުވެތިކަން މާބޮޑެވެ. އަދި އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި جاهل ންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ.]{ޔޫސުފު 33}
އަރަހުށި މާތްﷲ، يوسف عليه السّلام، ކުރެއްވި ދުޢާފުޅު ވަރަށް ފުރިހަމައަށް އިޖާބަކުރެއްވިއެވެ. އަދި އެބައިމީހުންގެ މަކަރުވެރި ރޭވުންތައްކުން ދުރުކުރެއްވިއެވެ. ޙަޤީޤަތުގައި ޔޫސުފުގެފާނަށް ޖަލުގައި ހުންނެވުމުގެ އަދަބު ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ އެއްވެސް ކުށެއް ބުށެއް ނެތިއެވެ. އެކަމުގެ ޞަރީޙަ ދަލީލުތައް ޚުދު އެބައިމީހުންނަވެސް ވަނީ ފެނިފައެވެ. މިދެންނެވި ވާހަކަ ޔޫސުފު ސޫރަތުގެ 35 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.
ثُمَّ بَدَا لَهُم مِّن بَعْدِ مَا رَأَوُا الْآيَاتِ لَيَسْجُنُنَّهُ حَتَّىٰ حِينٍ ﴿٣٥﴾
މާނައީ: [ދެން (އެކަލޭގެފާނު ބަރީއަވެގެންވާކަމުގެ) دليل ތައް އެއުރެންނަށް ފެނިދިއުމަށްފަހުވެސް، ހަމަކަށަވަރުން، އެކަލޭގެފާނު ދުވަސްކޮޅަކަށް ޖަލުގައި ހައްޔަރުކުރުމަށް އެއުރެންނަށް ފެނުނެވެ.]
މިޞްރުގެ ޢަޒީޒުގެ އަނބިކަނބަލުންނަކީ، ޙަސަބާއި ނަސަބުގެ ގޮތުން އަރާ އިންނެވި ބޭކަނބަލެކެވެ. ވަރަށް ރީތިފުޅު ބޭކަނބަލެއްވެސްމެއެވެ. ނަމަވެސް ޔޫސުފުގެފާނު އެކަމަނާގެ އެދުމަށް އިންކާރު ކުރެއްވިއެވެ. ރީތިކަމާއި، ޙަސަބާއި ނަސަބުގެ ގޮތުން އަރާއިން އަންހެނަކު ފާޙިޝްކަމަކަށް ގޮވައިލުމުން އިންކާރު ކުރާ މީހާއަށް ޤިޔާމަތް ދުވަހުގައި، ޢަރުޝިގެ ހިޔާވަހިކަން ލިބޭނެކަމަށް ޙަދީޘްގައި ވާރިދުވެގެން އައިސްފައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.
"سَبْعَةٌ يُظِلُّهُمُ اللهُ في ظِلِّهِ يَوْمَ لاَ ظِلَّ إلاَّ ظِلُّهُ : إمَامٌ عَادِلٌ ، وَشَابٌّ نَشَأ في عِبَادَةِ الله – عز وجل – ، وَرَجُلٌ قَلْبُهُ مُعَلَّقٌ بِالمَسَاجِدِ ، وَرَجُلاَنِ تَحَابّا في اللهِ اجْتَمَعَا عَلَيهِ وتَفَرَّقَا عَلَيهِ ، وَرَجُلٌ دَعَتْهُ امْرَأةٌ ذَاتُ حُسْنٍ وَجَمَالٍ ، فَقَالَ : إنِّي أخَافُ الله ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ ، فَأخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ الله خَالِياً فَفَاضَتْ عَيْنَاهُ" { مُتَّفَقٌ عَلَيهِ}
މާނައީ: [ޤިޔާމަތްދުވަހުގައި އަރަހުށި މާތްﷲ ހަތް ބާވަތެއްގެ ބަޔަކަށް އެއިލާހުގެ ހިޔާވަހިކަން ދެއްވާނެއެވެ. އެއީ އެއިލާހުގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާނެ ދުވަހެވެ. އެބައިމީހުންނަކީ، ޢަދުލުވެރި ވެރިޔާއާއި މާތްﷲ އަށް އަޅުކަމުގެމަތީ ބޮޑުވި ޒުވާނާއާއި، އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހާއާއި، މާތްﷲ އަށްޓަކައި ލޯބިވެ އެކަމުގެމަތީ ޖަމާވެ އެކަމުގެމަތީ ވަކިވެދާ ދެމީހުންނާއި، ރީތިކަމާއި ޙަސަބާއި ނަސަބުގެ ގޮތުން އަރާއިން އަންހެނަކު (ނުބައިކަމަކަށް) ގޮވާލާހިނދު، ތިމަން ﷲ އަށް ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވެގަންނަ މީހާއާއި، އެކަނިހުރެ މާތްﷲ ހަނދުމަކުރުމުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ.]
ނުނިމޭ...