ދުނިޔޭގަ ވަރަށް ގިނަ އަޅުކަންކުރިނަމަވެސް ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރާނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދުނިޔޭގަ ވަރަށް ގިނަ އަޅުކަންކުރިނަމަވެސް ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރާނެ މީހުން-

ކޮންމެ މީހަކުވެސް އަޅުކަންކުރަނީ ނުހަނު ބުރަ މަސައްކަތުން އެތައް ބައިވަރު ވަގުތުތައް ހޭދަކޮށް އަދި އެތައް ޤުރްބާނީތަކެއް ވެގެންނެވެ. ހޯދާ ފައިސާވެސް ހޭދަކުރެއެވެ. އެމީހުން އަޅުކަންކުރި ގިނަކަމުން އަޅުކަމުގެ ބޮޑެތި ބިޔަ ފަރުބަދަތައް ހިފައިގެން ޤިޔާމަތް ދުވަހު މަޙްޝަރަށް ގޮސް އެ ބިމުގައި އެމީހާކުރި އަޅުކަމުގެ ބިޔަ ފަރުބަދަތައް ބަހައްޓާނެ ބައަކު އުޅޭނެއެވެ.

މައްސަލަ އަކީ އެ ފަރުބަދަ ތަކުގައި އެއްވެސް ބުރަދަނެއް ނުހުންނާނެ ކަމެވެ. ހޮއި ނުވަތަ ލޯވަޅުތަކުން ފުރިފައިވާނެ ކަމެވެ. އެކަން އެމީހާއަކަށް ނުއެނގޭނެއެވެ. އެހައި ގިނަ އަޅުކަން ހިފައިގެން ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތަށް ދެވުނުކަމަށްޓަކައި ފަޚުރުވެރިވާން ހުއްޓައި ފެންނާނީ އަޅި ނުވަތަ ހިރަފުސް ފަދައިން އެ ބިޔަ ފަބަދަތައް ބުރަބުރައިގެންދާތަނެވެ،

ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށްޓަކައި އެވަރުން ކުރި ބުރަ މަސައްކަތްތައް ވަޔަށް ބުރަބުރައިގެން ދިއުމުން ކުރާނެ އަސަރަށް ވިސްނާށެވެ! ނޯށުކުރިން ނުރޮވޭނެ މީހަކު ހުންނާނެތޯއެވެ

މިފަދަ ޙާލަތު ކުރިމަތިވާނީ ދެއްކުންތެރިކަމުގެ ގޮތުން އަޅުކަންކުރި މީހުންނަށެވެ. އެމީހުން ވަރަށް ގިނަ އަޅުކަން ކުރާނެއެވެ. މީހުންނަށް ދީނީ ނަޞޭޙަތްވެސް ދޭނެއެވެ. ޒަކާތްވެސް ދައްކާނެއެވެ. ރޯދަވެސް ހިފާނެއެވެ. ޞަދަޤާތްވެސް ދޭނެއެވެ. ކީރިތި ޤުރްއާންވެސް ކިޔަވާނެއެ. ފަރުޟު ނަމާދާއި ސުންނަތް ނަމާދުތައްވެސް ކުރާނެއެވެ. މައްސަލަ އަކީ އެމީހުން ކުރާ ހުރިހާ ކަމެއް ކުރަނީ މީސްތަކުންނަށް ދައްކަންކަމެވެ. އެހެންމީހުންގެ ލޯތަކުގައި އަނދުން އަޅުވައިގެން ތަޢްރީފް ހޯދަން ކަމެވެ.

މީސްތަކުންނޭވެ! މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ. އަދި އެހައިމެ ގެއްލުންވެސް ހުރިކަމެކެވެ. ހިތާމަ ހުރިކަމެކެވެ. އެހެނީ ދުނިޔޭގައި ކުރި ހުރިހާ މަސައްކަތާއި ހޭދަތައް އަޅިއަށްވެ ބުރައިގެން އެދަނީ ލޯމަތީގައެވެ. މިހާލަތުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ދެއްކުންތެރިކަމުގެ ޒއްރަެއްގެ މިންވަރުވެސް ހިތުގައި ނުބޭއްވުމެވެ. ހިތުގައި ހަމަ އެންމެ ކުޑަކުޑަ ޒައްރެއްގެ މިންވަރު ބާއްވައިގެން ކުރާ އެއްވެސް އަޅުކަމެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ!

އަޅުކަންކުރަންވީ އެއްވެސް މީހަކަށް ދައްކާކަށް ނޫނެވެ. އެއްވެސް މީހަކު ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވަން އެއްވެސް މީހެއްގެ އެހީތެރިކަން ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. އެއްވެސް މީހެއްގެ ހެކިބަހެއްވެސް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. އެކަލާނގެ ުރިހާކަމެއް ދެނެވޮޑިގެންވެއެވެ. ހެކިބަސްދޭނީ އެމީހާ ކުރި ޢަމަލުތައް ލިޔެވިފައިވާ ފަތެވެ. އެމީހާގެ ގުނަވަންތަކެވެ. ވީމާ އަޅުކަންކުރިކަން ސާބިތުކުރަން އެހެން މީހެއްގެ އެހީތެރިކަމަކަށް އެދުވަހު ބޭނުމެއް ނުވާނެއެވެ! ވީމާ ދައްކަންވީ ކާކަށް ކީއްކުރަން ހެއްޔެވެ؟

--ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

މިއަދު އޮންލައިން