ޔޫސުފުގެފާނު ވާހަކަ 7: ޖަލުގެ ދެ އެކުވެރިންނާ، އެ ދެ މީހުންނަށް ފެނުނު ހުވަފެން

ކިޔުމަށް ހޭދަވާނީ 5މ 21ސ
ޔޫސުފުގެފާނު ވާހަކަ 7: ޖަލުގެ ދެ އެކުވެރިންނާ، އެ ދެ މީހުންނަށް ފެނުނު ހުވަފެން

ޢަލީ އިޙްސާން ފިރާޤު

 

ޖަލުގެ އެކުވެރިން

يوسف عليه السّلام، ޖަލަށް ލެވުނު ދުވަސްވަރުގައިމެ، އެހެން ދެ މީހަކުވެސް ޖަލަށް ލެވުނެވެ. އޭގެ ތެރެއިން އެކަކީ ރަސްގެފާނަށް ރާފޮދު އަރުވާ މީހާއެވެ. އަނެކަކީ ރަސްގެފާނަށް ރޮށި ފިހެދޭ މީހާއެވެ. މިދެމީހުންނަށް ވަރަށް އާދަޔާ ޚިލާފު ދެ ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގެ ވާހަކަ އެ ދެ މީހުން ޔޫސުފުގެފާނުގެ އަރިހުގައި ދެންނެވިއެވެ.

[ އޭގެތެރެއިން އެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ރާހެދުމަށް، ތިމަން މޭބިސްކަދުރުން ދިޔަފެލާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. އަދި އަނެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބޮލުގައި ރޮށިތަކެއް ބަހައްޓައިގެން ދަނިކޮށް، ދޫނި އެއިން ކާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. މިކަމުގެ މާނަ ތިމަންމެންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ، إحسان ތެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައެވެ.] {ޔޫސުފު 36}

މި ދެ މީހުންގެ ވާހަކަ އަޑު އައްސަވައި ޔޫސުފުގެފާނު ވިދާޅުވިއެވެ.

 [ތިޔަ ދެމީހުންނަށް ލިބޭ ކާނާއެއް ތިޔަ ދެމީހުންނަށް އައުމުގެ ކުރިން، ތިމަންކަލޭގެފާނު ތިޔަ ދެމީހުންނަށް އެއީ ކޮންއެއްޗެއްކަން އަންގައިދެއްވާހުށީމެވެ. އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނަށް އުނގަންނައިދެއްވި ކަންތަކުގެ ތެރެއިން ކަމެކެވެ. اللَّه އަށް إيمان ނުވާ ބަޔެއްގެ دين ހަމަކަށަވަރުން، ތިމަން ދޫކޮށްލައިފީމެވެ. އަދި އެއުރެންނީ، ހަމަ، آخرة އަށް كافر ވެގެންވާ ބަޔެކެވެ. އަދި ތިމަންކަލޭގެފާނުގެ ކާބަފައިކަލުނަވި إبراهيم ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނުގެ دين އަށް ތިމަންކަލޭގެފާނު تبع ވެވަޑައިގަތީމެވެ. اللَّه އަށް އެއްވެސް އެއްޗެއް شريك ކުރުމަކީ ތިމަންމެންނަށް އޮތްކަމެއްނޫނެވެ. އެއީ ތިމަންމެންނަށާއި، މީސްތަކުންނަށް اللَّه ދެއްވި فضل ވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަލާނގެއަށް) شكر އެއް ނުކުރެތެވެ. އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ހެއްޔެވެ؟ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއްނުލައްވަތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ أمر ކުރައްވާފައެވެ. އެއީ حق ތެދު دين އެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. " {ޔޫސުފު ސޫރަތުގެ 36 ވަނަ އާޔަތުން ފެށިގެން 40 ވަނަ އާޔަތުގެ ނިޔަލަށް}

އޭގެ ދެ މީހުން އިސްލާމްވުމުން، يوسف عليه السّلام، އެ ދެ މީހުންނަށް، ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ތަޢުބީރު ވިދާޅުވެ ދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

[އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ތިޔަ ދެމީހުންކުރެ އެކަކު ދަންނާށެވެ! ފަހެ، އޭނާގެ ސާހިބުމީހާއަށް އޭނާ ރާ ދޭނެތެވެ. އަދި އަނެކަކު ދަންނާށެވެ! ފަހެ، އޭނާ صليب އަށް އެރުވޭނެތެވެ. ދެން އޭނާގެ ބޮލުން ދޫނި ކާނެތެވެ. ތިޔަ ދެމީހުން އޮޅުންފިލުވަން އުޅޭކަންތައްވަނީ (އެގޮތަށް) ނިޔާކުރައްވާފައެވެ.] {ޔޫސުފު 41}

އޭގެ ތެރެއިން ސަލާމަތްވާނެ މީހާކަމުގައިވާ ރަސްގެފާނަށް ރާފޮދު އަރުވާ މީހާއަށް يوسف عليه السّلام، ވިދާޅުވިއެވެ. [ހަމަކަށަވަރުން ކަލޭ އަހަރެންގެ ވާހަކަ ރަސްގެފާނަށް ދަންނަވައި ދެއްވާށެވެ.] ނަމަވެސް ޝައިޠާނާގެ ސަބަބުން އޭނާ ޔޫސުފުގެފާނު މަތިން ހަނދާން ނެތުނެވެ. އޭގެ ސަބަބުން އެތަކެއް އަހަރުވަންދެން ޔޫސުފުގެފާނު ޖަލުގައި ހައްޔަރުވެވަޑައިގެން ހުންނަވަން ޖެހިވަޑައިގެންނެވިއެވެ. މިވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

وَقَالَ لِلَّذِي ظَنَّ أَنَّهُ نَاجٍ مِّنْهُمَا اذْكُرْنِي عِندَ رَبِّكَ فَأَنسَاهُ الشَّيْطَانُ ذِكْرَ رَبِّهِ فَلَبِثَ فِي السِّجْنِ بِضْعَ سِنِينَ ﴿٤٢﴾

މާނައީ: [އެ ދެމީހުންކުރެ ނަޖާވާނެކަމަށް ހީކުރެއްވި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވާހަކަ، ތިބާގެ ސާހިބުމީހާގެ ގާތުގައި ކިޔައިދޭށެވެ! ފަހެ، އޭނާގެ ސާހިބުމީހާގެ ގާތުގައި އެވާހަކަދައްކަން شيطان އާ އޭނާ ހަނދާން ނެއްތިއެވެ. ފަހެ (އެކަމުގެ ސަބަބުން) އެކަލޭގެފާނު ޖަލުގައި (އިތުރު) އެތައްއަހަރަކު ހުންނެވިއެވެ.]

މިދެންނެވި އާޔަތުގައިވާ [بِضْعَ سِنِينَ ] އޭ ގޮތް ބަސްފުޅުގެ މުރާދަކީ ތިން އަހަރާއި ނުވަ އަހަރާ ދެމެދުގެ މުއްދަތެއް ކަމަށް މުޖާހިދު ވިދާޅުވެފައިވެއެވެ. ވަހަބު ބުން މުނައްބިހު ވިދާޅުވެފައިވެއެވެ. [އައްޔޫބުގެފާނު އާލާސްކަންފުޅާ ހަތްއަހަރު ދުވަސް އުޅުއްވިއެވެ. ޔޫސުފުގެފާނު ޖަލުގައި ހަތްއަހަރު ދުވަސް ވޭތު ކުރެއްވިއެވެ. އަދި ހަތްއަހަރު ވަންދެން بختنصر އަށް ދުނިޔެމަތީގެ ޢަޛާބު ޖެހުނެވެ.] بختنصر އަކީ ބާބިލުގައި ރަސްކަންކުރި ޖައްބާރު ރަސްކަލެކެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 171 ވަނަ ޞަފްޙާ}

ނުނިމޭ...

މިއަދު އޮންލައިން