ކަހްފި ސޫރަތުގެ ތަރުޖަމާއާ ތަފްސީރު: ﷲ ތައާލާ އިރާދަކުރައްވަވާ ބައަކަށް ޙިމާޔަތާ ރައްކައުތެރިކަން ދެއްވަވާނެކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 15މ 39ސ
ކަހްފި ސޫރަތުގެ ތަރުޖަމާއާ ތަފްސީރު: ﷲ ތައާލާ އިރާދަކުރައްވަވާ ބައަކަށް ޙިމާޔަތާ ރައްކައުތެރިކަން ދެއްވަވާނެކަން-

(إِنَّهُمْ إِن يَظْهَرُوا عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِي مِلَّتِهِمْ وَلَن تُفْلِحُوا إِذًا أَبَدًا ﴿٢٠﴾  )  "ހަމަކަށަވަރުން، އެއުރެންނަށް ތިޔަބައިމީހުންގެ خبر އެނގިއްޖެނަމަ، ގަލުން ތަޅައި، ތިޔަބައިމީހުން މަރައިފާނެތެވެ. ނުވަތަ އެއުރެންގެ دين އަށް ތިޔަބައިމީހުން ވައްދައިފާނެތެވެ. އޭރުން، ތިޔަބައިމީހުން ދުވަހަކުވެސް ނުދިނޭނެތެވެ."

( وَلَن تُفْلِحُوا إِذًا أَبَدًا ) ތިޔަބައިމީހުން ރަށުގެ މީހުންގެ ދީނަށް އެނބުރި ގޮސްފިކަމަށްވަނީނަމަ، ދުވަހަކުވެސް ކަމިޔާބު ލިބިގެންވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާނެތެވެ.

މި އާޔަތުން ދޭހަވަނީ ޢަދާވާތްތެރިންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް ހުރިހާ ގޮތަކުންވެސް ތައްޔާރުވެގެން ހުންނަން ޖެހޭނެކަމެވެ.

(وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّـهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١﴾  )

(وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ  ) އެމީހުން ނިދިން ހޭލެއްވި ފަދައިން، އެބައިމީހުންގެ ރަށުމީހުންނަށް ނެރެ ދެއްކެވީމެވެ.

(لِيَعْلَمُوا أَنَّ وَعْدَ اللَّـهِ حَقٌّ  ) އެގައުމުގެ މީހުންނަށް އެބައިމީހުން ފެނުނީ ﷲގެ ވަޢްދުފުޅު ޙައްގުތެދުކަން އަންގަވައި ދެއްވުމަށްޓަކައެވެ. އެއީ އެކަމަކާއި މެދު އެބައިމީހުން އިންކާރު ކުރަމުން ގެންދާ ގިޔާމަތުގެ ވާހަކަތަށް އިންކާރު ކުރާ ކަންތައްކަމަށްވިޔަސް، ނުވަތަ އަނިޔާވެރި ގައުމުގެ މީހުންގެ ފަރާތުން އެޒުވާން ކުދިން މިންޖު ކުރެއްވުންކަމަށްވިޔަސްވެސް އެވެ.

( وَأَنَّ السَّاعَةَ لَا رَيْبَ فِيهَا )

(السَّاعَةَ) ގިޔާމަތްވުން،

(لَا رَيْبَ فِيهَا) ޝައްކެތް ނެތެވެ. ގިޔާމަތްދުވަސް އަންނާނެކަމީ ޝައްކެތްނެތް ޔަގީން ކަމެކެވެ.

(إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ) އެޒުވާނުންގެ ކަންތަކާއި މެދުގައި އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އަރާރުންވިއެވެ. އެޒުވާނުންނާއި މެދުގައި ކަންކުރާނީ ކިހިނަކުން ހެއްޔެވެ؟ ދޫކޮށްލާނީ ހެއްޔެވެ؟ ނޫންނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟

(فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ) "ފަހެ، އެއްބަޔަކު ބުނޫއެވެ. އެ ޒުވާނުންގެ ވަށައިގެން ބިނާއެއް ހަދާށެވެ!"

( رَّبُّهُمْ أَعْلَمُ بِهِمْ  ) " އެ ޒުވާނުންގެ ކަންތައް ދެނެވޮޑިގަތުންބޮޑީ، އެއުރެންގެ ވެރިރަސްކަލާނގެއެވެ." ތިންސަތޭކަ ނުވަ އަހަރުވަންދެން އެބައިމީހުން ނުކައިނުބޮއި އެތަނުގައި ތިބީ ކިހިނަކުން ކަމާއި މެދުގައި އެބައިމީހުން ޙައިރާންވިއެވެ.

(قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ) " އެއުރެންގެ ކަންތަކުގެ މައްޗަށް ގަދަވެގަތްމީހުން ބުނޫއެވެ." އެއީ އެމީހުންގެ ތެރެއިން އަމީރުންނެވެ.

(لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا) އެބައިމީހުން ވަށައިގެން ޢިމާރާތެއް ހެދުމުގެ ބަދަލުގައި އެމީހުން ތިބިތަނުގައި މީސްތަކުން ނަމާދުކުރާނެ މިސްކިތެއް ބިނާކުރާނީއެވެ.

ގަބުރު މަތީގައި މިސްކިތް ބިނާކުރުމަކީ ޝިރްކުގެ ޢަމަލެކެވެ. އިސްލާމްދީނުގައި އެކަންތައް ވަނީ ވަރަށް ބޮޑަށް މަނާ ކުރައްވާފައެވެ. (لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ) މާނައަކީ: "މާތް ﷲ ޔަހޫދީންނާއި ނަޞާރާ އިންނަށް ލަޢްނަތް ލެއްވިއެވެ. އެބައިމީހުންގެ ނަބީބޭކަލުންގެ ގަބުރުތައް މިސްކިތަކަށް ހެދިއެވެ."

ހޮހޮޅައިގާ ތިބި މީހުންގެ ޢަދަދު ކުރުމުގައި އެބައިމީހުންގެ ތެރޭގައި އިޚްތިލާފު ވެފައިވާކަން އަންގަވާ ވަޙީ ކުރެއްވިއެވެ.

(سَيَقُولُونَ ثَلَاثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًا بِالْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّي أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَاءً ظَاهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا ﴿٢٢﴾  ) " އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ތިންމީހުންނެވެ. އެއުރެންކުރެ ހަތަރުވަނައަކީ އެއުރެންގެ ކުއްތާއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ފަސްމީހުންނެވެ. އެއުރެންގެ ހަވަނައަކީ އެއުރެންގެ ކުއްތާއެވެ. ހީއަކަށް غيب ގެ ވާހަކަ ދައްކަނީއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ހަތްމީހުންނެވެ. އެއުރެންގެ އަށްވަނައަކީ އެއުރެންގެ ކުއްތާއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ عدد ދެނެވޮޑިގަތުންބޮޑީ، ތިމަންގެ ވެރިރަސްކަލާނގެއެވެ. މަދުބަޔަކަށްމެނުވީ އެއުރެންގެ عدد އެއް ނޭނގެތެވެ. ފަހެ، ފާޅުވެގެންވާ جدل އަކުން މެނުވީ، އެއުރެންނާ ދޭތެރޭގައި ކަލޭގެފާނު جدل ނުކުރައްވާށެވެ! އަދި އެއުރެންނާ ދޭތެރޭގައި އެ جدل ކުރާ މީހުންކުރެ އެކަކާވެސް ކަލޭގެފާނު سؤال ނުކުރައްވާށެވެ!"

ހޮހޮޅާގައި ތިބި މީހުންގެ ޢަދަދު ކުރުމުގައި ތަފާތުވެފައިވާ ސަބަބު ދެގޮތަކަށް މުފައްސިރުން ބަޔާން ކުރައްވައެވެ. އެއީ:

1.    އެމީހުންގެ ތެރެއިން ބަޔަކު މީހުން ބުންޔެވެ. އެމީހުންގެ ޢަދަދު ތިނެކެވެ. ހަތަރުވަނަ އަށް އޮތީ ކުއްތާ އެކެވެ. އަނެއް ބަޔަކު ބުންޔެވެ. އެމީހުންގެ ޢަދަދު ފަހެކެވެ. ހަވަނަ އަށް އޮތީ ކުއްތާ އެކެވެ.  އަނެއް ބަޔަކު ބުންޔެވެ. އެމީހުންގެ ޢަދަދު ހަތެކެވެ. އަށްވަނަ އަށް އޮތީ ކުއްތާ އެކެވެ.

2.     އެމީހުންގެ ޢަދަދު ގުނުމުގައި ޔަގީންނުވެ، ދެކޮޅަށް ކެނޑޭގޮތްވީއެވެ. ބައެއް ފަހަރަށް ތިނެކޭ، އަނެއްބައި ފަހަރަށް ފަހެކޭ، އަދި އަނެއްބައި ފަހަރަކަށް ހަތެކޭވެސް ބުނަނީއެވެ.

(رَجْمًا بِالْغَيْبِ ) އެމީހުންގެ ޢަދަދަކީ ތިނެކޭ ހަތަރުވަނަ އަށް އޮތީ ކުއްތާ އެކޭ، ނުވަތަ އެމީހުންގެ ޢަދަދަކީ ފަހެކޭ ހަވަނަ އަށް އޮތީ ކުއްތާ އެކޭ، މި ހުރހާ ޢަދަދުތަކެއް އެބައިމީހުން ބެނެފައިވަނީ ހީއަކަށް ބުރަވެގެންނެވެ. ޔަގީންވެގެންނެއް ނޫނެވެ.

(وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ) އެމީހުންގެ ޢަދަދަކީ ހަތެކޭ އަށްވަނަ އަށް އޮތީ ކުއްތާ އެކޭ އޮތްބަސްފުޅާއި އެކުގައި ( رَجْمًا بِالْغَيْبِ  ) "އެބައިމީހުން އެހެން ބުނީ ހީއަކަށް ބުރަވެއޭ" ވަޙީ ނުކުރައްވައެވެ. މިފަދައިން ވަޙީ ނުކުރައްވައެވެ. އޭގެ މާނައަކީ އެމީހުންގެ އަސްލު ޢަދަދަކީ ހަތެއް ކަމެވެ. އަދި އަށްވަނަ އަށް އޮތީ ކުއްތާ އެއް ކަމެވެ.

މީގެ އެހެން މިޘާލަކީ  ސޫރަތުލް އަޢްރާފްގެ 28 ވަނަ އާޔަތެވެ. (وَإِذَا فَعَلُوا فَاحِشَةً قَالُوا وَجَدْنَا عَلَيْهَا آبَاءَنَا وَاللَّـهُ أَمَرَنَا بِهَا ۗ قُلْ إِنَّ اللَّـهَ لَا يَأْمُرُ بِالْفَحْشَاءِ ۖ أَتَقُولُونَ عَلَى اللَّـهِ مَا لَا تَعْلَمُونَ ﴿٢٨﴾  ) މާނައަކީ: " އެއުރެން فاحش ކަމެއް ކޮށްފިނަމަ، ބުނެތެވެ. ތިމަންމެންގެ ކާބަފައިންވެސް އެކަން ކުރުންމަތީވަނިކޮށް ތިމަންމެން ދުށީމުއެވެ. އަދި އެކަމަށް اللَّه ވަނީ، ތިމަންމެންނަށް أمر ކުރައްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! فاحش ކަމަކަށް ހަމަކަށަވަރުން، اللَّه أمر އެއް ނުކުރައްވަތެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟"

މިތަނުގައި އެމީހުން ފާޙިޝް ކަމެއްކޮށްފިނަމަ، ތިމަންމެންގެ ކާބަފައިންވެސް އެކަން ކުރުންމަތީ ވަނިކޮށް ތިމަންމެން ދުށީމުއެވެ. އޮތް ބަސްފުޅަށް އިންކާރެއް ނުކުރައްވައެވެ. ނަމަވެސް " އެކަމަށް اللَّه ވަނީ، ތިމަންމެންނަށް أمر ކުރައްވާފައެވެ." މިހެން ބުނުމުން އެކަމަށް ރައްދު ދެއްވާ ވަޙީ ކުރެއްވިއެވެ. (قُلْ إِنَّ اللَّـهَ لَا يَأْمُرُ بِالْفَحْشَاءِ ۖ أَتَقُولُونَ عَلَى اللَّـهِ مَا لَا تَعْلَمُونَ  ) " ކަލޭގެފާނު ވިދާޅުވާށެވެ! فاحش ކަމަކަށް ހަމަކަށަވަރުން، اللَّه أمر އެއް ނުކުރައްވަތެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟"

(قُل رَّبِّي أَعْلَمُ بِعِدَّتِهِم  ) އެމީހުންގެ ޢަދަދާއި މެދުގައި ޚިޔާލުތަފާތުވުން އުފެދިއްޖެނަމަ ކަލޭގެފާނު ވިދާޅުވާށެވެ. "އެމީހުންގެ ޢަދަދަކީ ކޮބައިކަން މޮޅަށް ދެނެވޮޑިގެންވަނީ ތިމަންނާ ހައްދަވާ ގެންގުޅުއްވާ އިލާހެވެ."

އެމީހުންގެ ޢަދަދަކީ ކޮބައިކަން ﷲ އަންގަވާފައިވޭތޯ؟

ޖަވާބަކީ: އާއެކެވެ. އެމީހުންގެ ޢަދަދަކީ ހަތެއް ކަމާއި އަށްވަނަ އަށް އޮތީ ކުއްތާ އެއް ކަން ﷲ ވަނީ އަންގަވާފައެވެ.

( مَّا يَعْلَمُهُمْ إِلَّا قَلِيلٌ  ) އެމީހުންގެ ސީދާ ޢަދަދަކީ ކޮބައިކަން ﷲ އެންގެވުމުގެ ކުރިން ގިނަބަޔަކަށް އެކަމެއް ނޭނގެއެވެ.

(فَلَا تُمَارِ فِيهِمْ إِلَّا مِرَاءً ظَاهِرًا ) " ފަހެ، ފާޅުވެގެންވާ جدل އަކުން މެނުވީ، އެއުރެންނާ ދޭތެރޭގައި (އެއީ ކޮން ޒަމާނެއްގެ ބަޔެއް ކަމާއި، އެމީހުން ތިބީ ކޮންތަނަކު ކަމާއި، އެމީހުންގެ ކަންކަން ނިމިގެން ދިޔައީ ކިހިނެއް ކަމާއި) މި ކަންކަމާއި މެދުގައި ކަލޭގެފާނު جدل ނުކުރައްވާށެވެ!" ސަބަބަކީ އެކަންކަމާއި މެދުގައި ޖަދަލު ކުރައްވައިގެން ލިބިވަޑައިގަންނަވާނެ ކުރިއެރުމެއް ނެތެވެ. އެކަކު އަނެކަކަށް ރުޅި އައުން ފިޔަވާ އެހެންކަމެއް ނުވާނެއެވެ. ވީމާ، އެކަންކަމާއި މެދުގައި ޖަދަލު ނުކުރައްވާ ދޫކޮށްލައްވާށެވެ.

މި އާޔަތުން ދޭހަވާ ގޮތުގައި ޖަދަލުކުރުމުން ފައިދާ އެއް ނެތް ކަންކަމުގައި ޖަދަލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

(وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا  ) ކަހަފްބައިގައިގެ މީހުންގެ ކަންތައްތަކާއި ބެހޭ ގޮތުން އަހްލުކިތާބީންނާއިވެސް އަދި އެނޫން މީހުންނާއި ވެސް ކަލޭގެފާނު ސުވާލު ކުރައްވާ ނުހައްދަވާށެވެ.

މިއިން ދޭހަވަނީ ކަމެއްގެ މަޢްލޫމާތު ސާފުކުރުމަށް ސުވާލު ކުރަންވާނީ އެކަމުގެ މަޢްލޫމާތު ހުރި މީހުންނާއި ކަމެވެ. ކަމާއި ނުބެހޭ މީހުންގެ ކުރެ އަހާ ހަދައިގެން ނުވާނެ ކަމެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

 

މިއަދު އޮންލައިން