އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަނަކަށް މުސްލިމަކު ޒިޔާރަތްކޮށް އެތަނެއްގައި އޮންނަ ޙަފްލާއެއް ނުވަތަ އެނޫންވެސް ކަމެއްގައި ބައިވެރިވުމުގައި ނުރަގަޅު އެތައް ކަމެއް ހިމެނެއެވެ.
އޭގެ ތެރޭގައި:
1. الله އަށް ޝިރްކުކުރެވޭ އެފަދަ ތަންތަން އިޙްޔާކޮށް ދިރުވުމުގައި ބައިވެރިވެވުން. އެތަންތަނަކީ الله އަށް ދަރިކަލަކުވާކަމަށް ގަބޫލުކުރާ, އަދި އަޅުކަން ކުރުމުގައި الله ފިޔަވާ އެހެން ފަރާތްތައްވާ ކަމަށް ގަބޫލުކުރާ މީހުންގެ އަޅުކަން ކުރުމުގެ މަރްކަޒެއްކަމުން މުސްލިމުން އެފަދަ ތަންތަނުން ދުރުހެލިވެ ރައްކާތެރިވާން ޖެހެއެވެ.
2. ހަމައެފަދައިން, މުސްލިމުންގެ ވެރިންނަށް ތިއްބަވާ ބޭފުޅުން އެފަދަ ތަންތަނަށް ޒިޔާރަތްކޮށް, އެބައިމީހުންގެ އަޅުކަންތަކުގައި ބައިވެރިވެ ހެދުމަކީ ޢާއްމު ރައްޔިތުންގެ ޝުޢޫރުތަކާއި އިޙްސާސްތައް ކަތިލެވޭފަދަ ކަމެކެވެ. މީގެ ސަބަބުން, މީސްތަކުންނަށް ހީވެގެންދަނީ އެތަންތަނުގައި ކުރެވޭ ކަންތައްތަކަކީ ރަގަޅު ކަންތަކެއް ކަމުގައެވެ. އަދި މިކަމުގެ ސަބަބުން الله އަށް ޝަރީކުކުރާ މީހުންނަށް އިތުރު ހިތްވަރު ލިބިގެންދެއެވެ.
3. އދ ފަދަ ދުނިޔޭގެ ހުރިހާ ދީނެއްގެ މީހުން ބައިވެރިވާ ޖަމްޢިއްޔާ އެއްގައި ހުރިހާ ދީންތަކަށް އެބައިމީހުންގެ މިނިވަންކަން ދެވިފައި އޮންނައިރު, މުސްލިމަކު އޭނާގެ ދީނުގެ އަސާސްތަކުގައި ހިފަހައްޓާ, އަދި އޭނާގެ ގައުމުގެ ރަޢްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް, އެފަދަ ތަންތަނުން ދުރުހެލިވުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި އޮންނަންވެސް ޖެހޭނެއެވެ. ވީމާ، ދިވެރިރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ އިސްވެރިޔަކު ކްރިސްޓިއަން ފައްޅިއެއްގެ ތެރޭގައި އޮތް ރަސްމިއްޔާތެއްގައި ބައިވެރިވީވުން އެއީ އެއްގެތަކަށްވެސް ބަލައިގަނެވޭނެ, އަދި އެކަން ރަގަޅުކޮށް ދިފާޢުގައި ވާހަކަ ދެއްކޭނެ އެއްވެސް ޖާގަ އެއް އޮތް ކަމެއް ނޫނެވެ. މިފަދަ ކަންތައް ކުރިއަށް އޮތްތަނުގައި ތަކްރާރުވިޔަ ނުދިނުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް