ބަލިކަށިވުމާ އެކަނިވެރިވުމާ ނިކަމެތިވުން- 3 ކަންތައް އެކުގަ ކުރިމަތިވިނަމަވެސް ކަންބޮޑުނުވެ އުފާކުރަންޖެހޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބަލިކަށިވުމާ އެކަނިވެރިވުމާ ނިކަމެތިވުން- 3 ކަންތައް އެކުގަ ކުރިމަތިވިނަމަވެސް ކަންބޮޑުނުވެ އުފާކުރަންޖެހޭ ސަބަބު-

ބަލިކަށިވުމާއި އެކަނިވެރިވުމާއި ނިކަމެތިވުމާއި މިތިންކަންތަކުންކުރެ ކަމެއް ކުރިމަތިވެއްޖެނަމަ ގިނަ ބައަކު އިންތިހާއަށް ކަންބޮޑުވެއެވެ. 3 ކަންތައް އެކުގައި ކުރިމަތިވެއްޖެނަމަ މީހާގެ ކަޅި ހުއްޓޭވަރުވެއެވެ. ވީމާ އިތުރަށް ވިސްނައިލަމާހެއްޔެވެ؟

ބައެއް ފަހަރު އިންސާނާ ބަލިކަށިކުރައްވަވައެވެ. އެކަނިވެރި ކުރައްވަވައެވެ. އަދި ނިކަމެތިވެސް ކުރައްވަވައެވެ. މިފަދަ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އެއީ ލިބޭ ނިކަމެތިކަމެއް ނޫނެވެ. އެއީ ލިބޭ މަތިވެރި ކަމެކެވެ. މިބުނި ފަދަ އެއްވެސް ކަމެއް، އެއްވެސް ޙާލަތެއް ކުރިމަތިވެއްޖެ ނަމަ އެއީ ލިބުނު ނިޢްމަތެއް ކަމަށް ޔަޤީންކުރާށެވެ!

މި 3 ހާލަތުންކުރެ ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް އަދި 3 ޙާލަތު އެކުގައި މެދުވެރިވި ނަމަވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވުމަށް އަވަސްވެގަންނާށެވެ! ﷲ ތަޢާލާ އާއި ކުއްތަންވުމުގެ މަސައްކަތް އަވަހަށް ފަށާށެވެ! އެ މަސައްކަތް ބާރަށް ކުރިއަށް ގެންދާށެވެ!

މިފަދަ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އެއީ ﷲ ތައާލާ އެމީހަކަށް އަންގަވާ އެންގެވުމެކެވެ. ޢަމަލުތައް އިޞްލާޙުކުރުމަށެވެ. ތައުބާވުމަށެވެ. ތަޤްވާވެރިވުން އިތުރުކުރުމަށެވެ. ކުރާ އަޅުކަން އިތުރުކުރުމަށެވެ. އެ މެސެޖު ފުރިހަމައަށް ލިބިގެންފިނަމަ މިއިން އެއްވެސް ކަމަކާއިހުރެ އެއްވެސް މީހަކު ކަންބޮޑެއް ނުވާނެއެވެ.

ހިތްދަތިވެ ގައިން އުދާސް ނުކުންނަނީ މެސެޖް ފުރިހަމައަށް މާނަ ނުކުރެވޭތީއެވެ. މާނަކުރުން ރަނގަޅުކޮށްލާށެވެ! އެއިރުން މިއިން ކޮންމެ ކަމަކީވެސް ﷲ ތަޢާލާ މިންވަރުކުރެއްވެވި ވަރަށް ބޮޑު ނިޢްމަތެއްކަން އެނގިގެންދާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން