ޙަޤީޤީ ޙާދިސާ: ލޯބީގެ ވާހަކަ ނުވެސް ދައްކައިތިބެ މާތް ﷲ ގެ ލޯބިވެވޮޑިގަތުން އެދިގެން ކައިވެނިކުރުމުން ލިބުނު ބޮޑު ކާމިޔާބީގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
ޙަޤީޤީ ޙާދިސާ: ލޯބީގެ ވާހަކަ ނުވެސް ދައްކައިތިބެ މާތް ﷲ ގެ ލޯބިވެވޮޑިގަތުން އެދިގެން ކައިވެނިކުރުމުން ލިބުނު ބޮޑު ކާމިޔާބީގެ ވާހަކަ-

އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅުނީ އަޅުގަނޑަށް ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓަރު ބުނުމުންނެވެ. ދަރިން ނުލިބޭނެ އަންހެނަކާއިއެކު ދިރިއުޅެން ފިރިމީހާ ބޭނުން ނުވުމުންނެވެ. އެކަމުގައި ފިރިމީހާ ކުށްވެރިކުރާކަށްވެސް ނެތީމެވެ. ކެތްތެރިކަން އެކި މީހުންގެ ހުންނާނީ އެކިވަރަށެވެ. އެކި މީހުން ކަންކަން ބޭނުންވާނީވެސް އެކިވަރަށެވެ. އެއީ ޝަކުވާކުރަންޖެހޭނެ ކަމެއް ނޫނެވެ. 

އެއިގެ ފަހުން ބައްދަލު ކޮންމެ މީހަކުވެސް އަޅުގަނޑާއި ދުރުވަނީ އަޅުގަނޑަކީ ދަރިން ނުލިބޭނެ އަންހެނެއް ކަމަށް ޑޮކްޓަރު ބުނެފައިވާކަން އެނގުމުންނެވެ. އެކަމާއިވެސް ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. މުދަލާއި ދަރިން ދެއްވަވާނީ އެކަލާނގެކަން ހިތުގެ އަޑިން ޤަބޫލުކުރަމެވެ. 

ދުވަސްތައް ފާއިތުވަމުން ގޮސް ފުރަތަމަ ކައިވެނި ރޫޅުމަށް 12 އަހަރުވީފަހުން އަވަށްޓެރިޔާގެ އަނބިމީހާ ނިޔާވިއެވެ. އެއިރު ދމަފިރިންގެ 3 އަހަރުގެ އަންހެން ކުއްޖަކު ހުރެއެވެ. އެދެމަފިރިންނަކީ އެކަނި ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. އެހެންކަމުން މަންމަ ނިޔާވުމުން އެކުއްޖާއަށް ލިބޭނެ ހިތްދަތިކަމާއި އެކުއްޖާގެ ބައްޕައަށް ކުރިމަތިވާނެ ތަކްލީފްތައް ވިސްނުނެވެ. އެހެންވެ ދަރިފުޅު ބަލަން އަޅުގަނޑާއި ޙަވާލުކޮށްދިނުމަށް އެދުނީމެވެ. 

އޭނާ ބޭނުންވީ އޭނާގެ ގޭގައި ބަހައްޓައިގެން ދަރިފުޅު ބަލައިދިނުމަށެވެ. އެގޮތަށްވެސް އަޅުގަނޑު ރުހި ދަރިފުޅު ބަލަހައްޓައިދޭން ފެށީމެވެ. 

އަހަރެއްހައި ދުވަސްފަހުން އެއް ރޭ ކުއްޖާ ނިންދަވަން އުޅެނިކޮށް ކުއްޖާ އަމިއްލައަށް ބައްޕައަށް ގޮވާލިއެވެ. ބައްޕަ އައުމުން ބުންޏެވެ. "ކޮންމެ ރެއަކު ކޮއްކޮ ނިންދަވާފަ މަންމަ ދަނީ ކޮންތާކަށްތަ؟ ކޮއްކޮއަށް ހޭލެވޭއިރު މަންމަ ކޮޓަރިއަކު ނުހުރޭ. މަންމަ ނުކުތަ ނުދީ ނިކަން ކޮޓަރީގަ ބަހައްޓަބަލަ. ހޭލެވޭއިރު މަންމަ ނުފެންނާތީ ކޮއްކޮ ވަރަށް ދެރަވޭ!"

ބައްޕަގެ ޖަވާބަކަށްވީ "މަންމަ ކޮޓަރިން ނުކުތަނުދީ ހިފަހައްޓަން ބައްޕަ މަސައްކަތްކުރާނަން." 

އެރޭ ދެމީހުން ކާމޭޒުދޮށުގައި ތިބެފައި އޭނާ ބުންޏެވެ. "ކޮއްކޮގެ މަންމަ ކޮޓަރިން ނުކުތަނުދީ ހިފަހައްޓަން މިއޮތީޖެހިފަ. އެކަން ކޮއްކޮގެ ބައްޕައަށް ކުރެވިދާނެތަ؟" 

ޖަވާބުގައި ބުނީމެވެ. "ކުރަން ބޭނުންވެގެން ކުރާހިތުން ކޮށްފިނަމަ ކުރެވޭނެއެވެ!" 

އެރޭ އޭނާ ނިދީ ސިޓިންގ ރޫމްގައެވެ. އަލުގަނޑު ނިދީ ކޮޓަރީގައެވެ. ކޮއްކޮ ކައިރީގައެވެ. އެއިރަކީ ވަލީ ލިބޭނަމަ އެދުވަހުން އެދުވަހަށްވެސް ކައިވެނިކުރެވޭ ޒަމާނެވެ. އަނެއް ދުވަހު އަހަރެމެން ތިބީ ކައިވެނިކޮށްގެންނެވެ. 

އަހަރެންވީ ޤުރްބާނީގެ އަގު ވަރަށް އަވަހަށް ލިބުނެވެ. ކައިވެންޏަށް އަހަރުފުރުނިއިރު ފިރިހެން ދަރިއަކު ވަނީ ލިބިފައެވެ. ވިއްސީވެސް އަޅުގަނޑަށް ދަރިން ނުލިބޭނެ ކަމަށް ބުނި ޑޮކްޓަރެވެ. އެކަމާ ޑޮކްޓަރު ކުށްވެރިކުރާކަށްވެސް ނެތީމެވެ. ޑޮކްޓަރު އެބުނީ އޭނާއަށް އެނގޭ މިންވަރުންނެވެ. ކޮންމެ ކަމެއްގައިވެސް ކޮންމެ ވަގުތަކުވެސް ޙާލަތު ބަދަލުކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ.

މިކިޔައިދިނީ މީގެ 30 އަހަރުކުރީގައި ކަންހިނގައިދިއަ ގޮތެވެ. މިހާރު ދެމީހުންގެ 7 ޕްލަސް 1، 8 ދަރިން އެބަތިއްބެވެ. ކާފަ މާމްކިޔައި އިތުރުވެސްވެއްޖެއެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުމީ އިޚްލާޞްތެރިކަމާއިއެކު ކުޑަކުދިން ބަލާށެވެ! ބަދަލުގައި ދެއްވަވާނީ ކޮންފަދަ ބޮޑު ނިޢްމަތެއްކަން ނުވެސް އެނގޭނެއެވެ. 

ދެން ބުނެލަން ބޭނުމީ މާތް ﷲ އަށްޓަކައި ލޯބިވެއްޖެނަމަ ލޯބި އުފެދި އިތުރުވާގޮތް ނުވެސް އެނގޭނެކަމެވެ. އަހަރެމެން ދެމީހުން ކައިވެނިކުރިއިރުވެސް އެންމެ ކުޑަމިނުން އެކަކު އަނެކަކު ދެކެ ލޯބިވާކަމަށްވެސް ބުނެވިފައެއް ނުވާނެއެވެ. ކައިވެނިކުރީ ކުޑަ ދަރިފުޅަށްޓަކައެވެ. މާތް ﷲ ގެ ރުހިވޮޑިގަތުން އެދިގެންނެވެ. މާތް ﷲ އަށް ލޯބިންނެވެ. 

ފިރިމީހާ އަޅުގަނޑަށްވުރެ 10 އަހަރު ހަގެވެ. ނަމަވެސް ފިރިމީހާ އަޅުގަނޑު ގެންގުޅެނީ އަޅުގަނޑަށްވުރެ 20 އަހަރު ދޮށީ ފިރިހެނަކުވެސް މަދުން ނޫނީ އަނބިމީހާ ނުގެންގުޅޭނެހައި ލޯބިންނެވެ. ވީމާ މާތް ﷲ އަށްޓަކައި ލޯބިވުމުގެ ފައިދާ މިދަނީ ތަޖުރިބާކުރެވެމުންނެވެ. އިން ޝާ ﷲ

- ބަޝީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން