ޢަލީ އިޙްސާން ފިރާޤު
އައްސުއްދީ އާއި، މުޙައްމަދު ބިން އިސްޙާޤު ވިދާޅުވެފައިވެއެވެ. [ޔޫސުފުގެފާނު މިޞްރުގެ މާލީ ވަޒީރަށް ވެވަޑައިގެން، ތިޔާގިކަމުގެ ހަތް އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އެއަށްފަހު ތަދުމަޑުކަމާއި ހައިހޫނުކަމާއި ހަނަފަސްކަމުގެ ހަތް އަހަރަށް ފެށިއްޖެއެވެ. މި ތަދުމަޑުކަން މިޞްރުގެ އެންމެހައި ހިސާބުތަކެއްގެ އިތުރު ކަންޢާނަށްވެސް ފޯރިއެވެ. ކަންޢާނުގެ ބިމަކީ، ސަލާމްލެއްވި ޔަޢުޤޫބުގެފާނާއި، އެކަލޭގެފާނުގެ އަހުލުބައިތުން ވަޒަންވެރިވެވަޑައިގެން އުޅުއްވަމުން ގެންދެވި ބިމެވެ.
ތިޔާގިކަމުގެ ހަތް އަހަރުގެ ތެރޭގައި، ޔޫސުފުގެފާނު ވަރަށް ރަނގަޅަށް ދަނޑުގޮވާމުގެ ބާވަތްތައް ކޮށާރުކޮށް ފަހަށް ރައްކާ ކުރައްވަމުން ގެންދެވިއެވެ. ތަދުމަޑުކަމުގެ އަހަރުތަކުގެ ތެރޭގައި، ފަރާތްފަރާތުން މީސްތަކުން މިޞްރަށް ގޮވާމުގެ ބާވަތްތައް ގަންނަން އަންނަން ފަށައިފިއެވެ. ޔޫސުފުގެފާނު ކޮންމެ ޢާއިލާއަކަށްވެސް ގޮދަން ދޫކުރައްވަމުން ގެންދެވީ، ކަނޑައެޅިގެން ވަކި މިންވަރަކަށެވެ. އަހަރެއްގެ މައްޗަށް ކޮންމެ ޢާއިލާއަކަށްވެސް ދެއްވަމުން ގެންދެވީ ޖަމަލެއްގެ ގޮދަނެވެ. ރަސްގެފާނާއި، ޔޫސުފުގެފާނާއި، އެކަލޭގެފާނަށް އެހީތެރިވެވަޑައިގަންނަވަމުން ގެންދެވި މީސްތަކުންވެސް ފަރިއްކުޅުއްވަމުން ގެންދެވީ ދުވާލަކު އެއްފަހަރުއެވެ.
ފަރާތްފަރާތުން ގޮވާން ގަންނަން މިޞްރަށް އައި މީސްތަކުންގެ ތެރޭގައި، ޔޫސުފުގެފާނުގެ އަޚުންވެސް ހިމެނުނެވެ. އެބައިމީހުން މިޞްރަށް ވަޑައިގެންނެވީ އެބައިމީހުންގެ ޢިއްޒަތްތެރި ބަފައިކަލުން ސަލާމްލެއްވި ޔަޢުޤޫބުގެފާނު އަމުރުފުޅުގެ ކުރައްވައިގެންނެވެ. މިޞްރުގައި ހުންނަވާ ޢަޒީޒު ބޭނުން ޖެހިފައިތިބޭ މީސްތަކުންނަށް ވަރަށް ކުޑަ އަގެއްގައި ކާބޭތަކެތި ދެއްވާކަން އެބޭފުޅުންނަށް ވަނީ އެނގިވަޑައިގެންފައެވެ. އެހެންކަމުން، އެބައިމީހުން އެބައިމީހުންގެ ބިމުން ލިބެހުންހުރި ބައެއް ވިޔަފާރި މުދަލާއިގެން ޔޫސުފުގެފާނުގެ އަރިހަށް ވަޑައިގަތެވެ. މިވަޑައިގަތް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ބިންޔާމީން ފިޔަވައި ޔޫސުފުގެފާނުގެ ދިހަ އަޚުންނެވެ. ބިންޔާމީނަކީ، ޔޫސުފުގެފާނު ފިޔަވައި، ޔަޢުޤޫބުގެފާނު އެންމެ ލޯބިފުޅުވާ ދަރިކަލުންނެވެ.
ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނުގެ އަރިހަށް ހަމަ ވަޑައިގެންނެވުމުން އެކަލޭގެފާނުގެ އެންމެ ފުރަތަމަ ނަޒަރުންވެސް އެއީ، އެކަލޭގެފާނުގެ ދިހަ އަޚުންކަން އެނގިވަޑައިގެންފިއެވެ. ނަމަވެސް އެބޭކަލުންނަކަށް މިހާރު މިޞްރުގެ ޢަޒީޒުގެ ގޮތުގައި ހުންނެވީ މީގެ އެތައް ދުވަސްތަކެއް ކުރިން، އެބައިމީހުންގެ އަމިއްލަ އަތްތަކުން ވަޅުގެ ތެރެއަށް އެއްލައިލެއްވި ޔޫސުފުގެފާނު ކަމެއް އެނގިވަޑައެއްނުގެންނެވިއެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު، 181-183 ޞަފްޙާ}
އައްސުއްދީ ވިދާޅުވެފައިވެއެވެ. ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އަޅުގަނޑުގެ ބިމަށް ތިޔަބައިމީހުން ވަޑައިގަންނަވަން ޖެހިވަޑައިގަތީ ކޮން ސަބަބަކާ ހުރެތޯއެވެ؟] އެބައިމީހުން ދެންނެވިއެވެ. [އޭ ޢަޒީޒެވެ. އަޅުގަނޑުމެން މިއައީ ކާބޯތަކެތި ގަންނާށެވެ.] ޔޫސުފުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންނަކީ، ޖާސޫސުންކަމުގައި ނުވެދާނެބާވައެވެ.] އެބައިމީހުން ދެންނެވިއެވެ. [އެއީ މާތްﷲ ޙަރާމްކުރައްވައިފައިވާ ކަމެކެވެ.] ޔޫސުފުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ ވަޒަނަކީ ކޮބައިހެއްޔެވެ؟] އެބައިމީހުން ދެންނެވިއެވެ. [އަޅުގަނޑުމެންގެ ބިމަކީ، ކަންޢާނެވެ. އަޅުގަނޑުމެންނަކީ، މާތްﷲ ގެ ނަބިއްޔާ ޔަޢުޤޫބުގެފާނުގެ ދަރިދަރިކަލުންނީމުއެވެ.] ޔޫސުފުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ އިތުރު އަޚަކުވޭ ހެއްޔެވެ؟.] އެބައިމީހުން ދެންނެވިއެވެ. [އާދޭހެވެ. ބައްޕާފުޅުގެ 12 ބޭފުޅުން ތިއްބަވައެވެ. އެތަނުން އެއްކުއްޖަކުވަނީ، ވަރަށް ކުޑައިރު ސަހަރާ ތެރޭގައި މަރުވެފައެވެ. ބައްޕާފުޅު އެންމެ ލޯބިފުޅުވަނީ އޭނާ ދެކެއެވެ. ދެންހުރީ އޭނާއާ އެއްކިހުނުފަން ކޮއްކޮއެވެ. މިހާރު ބައްޕާފުޅުގެ ހުރިހާ ލޯބިފުޅެއް ހަދިޔާ ކުރައްވައިފައިވަނީ އެބޭފުޅާއަށެވެ. ބައްޕާފުޅު އަމުރުފުޅު ނުދެއްވުމުން ނާދެވުނީއެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،183 ޞަފްޙާ}
يوسف عليه السّلام އެކަލޭގެފާނުގެ އަޚުންނަށް ނުހަނު ކަމޭހިއްތެވުމާއެކު، އެބައިމީހުން އެދުނު ފަދައިން އެބައިމީހުންނަށް ގޮދަށް ވިއްކެވިއެވެ. ނުހަނު ހެޔޮފުޅުކޮށް ހިއްތަވައި ވަރަށް ރަނގަޅަށް މެހުމާންދާރީ އަދާ ކުރެއްވިއެވެ. އެބައިމީހުން މިޞްރުން ކަންޢާނަށް ދާން ދަތުރުއެރެހެއްޓަން ފެށުމުން ޔޫސުފުގެފާނު ވިދާޅުވިއެވެ.
[(ތިޔަބައިމީހުން ދޫކޮށްފައި އައި) ތިޔަބައިމީހުންނާ އެއްބަފާ أخ އެއް ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ! ތިމަންކަލޭގެފާނު ހަމަޔަށް މިނެދެއްވާކަމާއި، ތިމަންކަލޭގެފާނީ، އެންމެހެޔޮގޮތުގައި މެހުމާނުންނަށް ކަމޭހިތާ މީހަކުކަން ތިޔަބައިމީހުން ނުދެކެމުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އޭނާ ނުގެނައިނަމަ، ތިމަންކަލޭގެފާނުގެ އަރިހުން ތިޔަބައިމީހުންނަކަށް މިނެދިނުމެއް ނެތެވެ. އަދި ތިޔަބައިމީހުން، ތިމަންކަލޭގެފާނުގެ އަރިހަށް ނާންނާށެވެ!] {ޔޫސުފު 59 އަދި 60}
ޖަވާބުގައި، ޔޫސުފުގެފާނުގެ އަޚުން ދެންނެވިއެވެ. [އޭނާގެ ބައްޕާ އަރިހުން އޭނާ ގެނެވޭތޯ ތިމަންމެން ގަދަމަސައްކަތް ކުރާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންމެން (އެކަން) ކުރާހުށީމުއެވެ.]{ޔޫސުފު 61}
يوسف عليه السّلام އެކަލޭގެފާނުގެ އަޚުންނަށް އެނގިވަޑައިނުގަންނަވާނެހެން އެކަލޭގެފާނުގެ އަރިހުގައި މަސައްކަތް ކުރަން އުޅޭ ކުދިންނަށް ދެންނެވިއެވެ.
[އެއުރެން (އަގަކަށް) ގެނައި މުދާ، އެއުރެންގެ ތަކެތީގެ ތެރެޔަށްލާށެވެ! (އެއީ) އެއުރެންގެ أهل ންގެ ގާތަށް އެނބުރިދާހިނދު، އެކަން އެއުރެންނަށް އެނގުމަށްޓަކައެވެ. (އަދި ތިމަންކަލޭގެފާނުގެ އަރިހަށް) އެއުރެން އެނބުރި އާދޭތޯއެވެ.] {ޔޫސުފު 62}
ދެން ޔޫސުފުގެފާނުގެ އަޚުން ކަންޢާނަށް ގޮސް ޔަޢުޤޫބުގެފާނުގެ ފައިންޕުޅު ދެކެވަޑައިގެން ދެންނެވިއެވެ. [އޭ އަހުރެމެންގެ ބައްޕާއެވެ! (ތިމަންމެންގެ ކޮއްކޮ ތިމަންމެންނާއެކު ނުފޮނުއްވައިފިނަމަ، ދެން) ތިމަންމެންނަށް މިނެދިނުން މަނާވީއެވެ. ފަހެ، ތިމަންމެންނަށް މިނެދޭތޯ ތިމަންމެންނާއެކު ތިމަންމެންގެ ކޮއްކޮ ފޮނުއްވާށެވެ! އަދި ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާ ހުށީމުއެވެ.] {ޔޫސުފު 63}
ޖަވާބުގައި ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. [މީގެކުރިން އޭނާގެ أخ (يوسف ގެފާނު) އާމެދު ތިޔަބައިމީހުންނަށް އިތުބާރުކުރި ފަދައިން މެނުވީ، އޭނާއާމެދު ތިޔަބައިމީހުންގެ މައްޗަށް ތިމަން އިތުބާރުކުރާނޭ ހެއްޔެވެ؟ ފަހެ، اللَّه އީ، ރައްކާތެރިކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ.] {ޔޫސުފު 64}
އެބައިމީހުން މިޞްރުންގެ ގެނައި ގޮދަން ބަސްދާތައް ކަނޑައިގެން ބެލިމުން އެބައިމީހުންނަށް ވަރަށް ބޮޑު ޙައިރާން ކަމެއް ލިބުނެވެ. އެބައިމީހުންނަށް ފެނުނީ އެ ގޮދަން ބަސްދާތަކުގެ ތެރޭގައި އެބައިމީހުން ގޮދަން ގަންނަން ގެންދިޔަ ފައިސާތައް ހުއްޓައެވެ. އެބައިމީހުން އަވަހަށް ވަޑައިގެން ބައްޕާފުޅު އަރިހުގައި އެވާހަކަ ވިދާޅުވިއެވެ.
[އޭ އަހުރެމެންގެ ބައްޕާއެވެ! (މިއަށްވުރެމޮޅަށް) ތިމަންމެން އެދޭނީ ކޮންކަމެއްހެއްޔެވެ؟ މިހިރީ ތިމަންމެންގެ މުދާ ތިމަންމެންނަށް ރައްދުކުރެވިފައެވެ. އަދި ތިމަންމެންގެ أهل ންނަށް (އިތުރަށް) ކާބޯތަކެތި ގެނެސްދީ، އަދި ތިމަންމެންގެ ކޮއްކޮ ރައްކާތެރި ކުރާހުށީމުއެވެ. އަދި جمل އަކަށް އެރުވޭތަކެތި އިތުރުކުރާނޫއެވެ. އެއީ މިނެދެވޭ މަދު އެތިކޮޅެކެވެ.] {ޔޫސުފް 65}
ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ މައްޗަށް عداوة ތެރިންގެ ބަޔަކު ގަދަވެއްޖެހިނދަކު މެނުވީ، އޭނާ އަނބުރާ ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭންކަމަށް، اللَّه ގެ حضرة ންވާ عهد އެއް ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ގެނެސްދީފުމަށް ދާނދެން ތިޔަބައިމީހުންނާއެކު އޭނާއެއް ނުފޮނުއްވާ ހުށީމެވެ. ފަހެ، އެއުރެންގެ ކަށަވަރުވެގެންވާ عهد ގެ ބަސް ގެނެސްގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން މިބުނާ އެއްޗަކަށް، اللَّه ހެކިވެވޮޑިގެންވާނެތެވެ.] {ޔޫސުފު 66}
މުޙައްމަދު ބިން އިސްޙާޤު ވިދާޅުވެފައިވެއެވެ. [ޔަޢުޤޫބުގެފާނު އެބައިމީހުންނާއެކު ބިންޔާމީން ފޮނުއްވުމަށް އެއްބަސްވެވަޑައިގެންނެވީ އެއްވެސް ގޮތެއް ނެތުނީމައެވެ. އެހެނީ އެބައިމީހުން ދިރިތިބުމަށްޓަކައި ކާބޯތަކެތި ކޮންމެހެން ބައްލަވައި ގަންނަވަން ޖެހިވަޑައިގަންނަވާތީއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،183 ޞަފްޙާ}
ޔަޢުޤޫބުގެފާނު އެކަލޭގެފާނު ދަރިދަރިކަލުން ދެވަނަ ފަހަރަށް މިޞްރަށް ފުރުވައިލައްވަމުން އެބޭފުޅުންނަށް ނަޞޭހަތްޕުޅު ދެއްވައި ވިދާޅުވިއެވެ. [އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި اللَّه ގެ حضرة ން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި وكيل ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކުރާހުށިކަމެވެ!] {ޔޫސުފު 67}
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހާއި، މުޙައްމަދު ބިން ކަޢުބާއި، މުޖާހިދާއި، ޟައްޙާކާއި، ސުއްދީއާއި، ޤަތާދާ ވިދާޅުވެފައިވެއެވެ. [ޔަޢުޤޫބުގެފާނުގެ ބޭފުޅުންނަކީ ވަރަށް ރީތިފުޅު ބޭފުޅުންތަކެކެވެ. ޔަޢުޤޫބުގެފާނު އެބޭކަލުންނަށް މިޞްރަށް ވަދެވަޑައިގަންނަވާއިރު، އެކި ދޮރާށިތަކުން ވަދެވަޑައިގެންނެވުމަށް އަމުރުފުޅު ކުރެއްވީ، އެސްފީނާއިން ރައްކާތެރިވުމަށެވެ. އެބޭފުޅުންގެ ފުރިހަމަކަމާއި ރީތިފުޅުކަން ފެނި މީސްތަކުން ޙަސަދަވެރިކަމުގެ ލޯތަކުން ބަލައި އެސްފީނާ ލާފާނެތީއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،189 ޞަފްޙާ}
ނުނިމޭ....