މިހާރަކަށް އައިސް ދޮގުހެދުން ޢާންމެވެފައިވާވަރުން ދޮގުހަދަން ބިރުގަންނަ މީހުން މަދުވެ ގިނައީ އެއީ ކުރެވޭ ފާއެއްކަމަސްވެސް ނުދެކޭ މީހުންނެވެ. ނަމަވެސް އެއީ ކަނޑައެޅިގެން މުޅިން ނުބައި ވިސްނުމެކެވެ. ދަލީލަކީ މި ޙަދީޘްފުޅެވެ.
އެންމެ ބޮޑެތި ފާފަތަކަކީ ކޮބައިކަން ބަޔާންކޮށްދެއްވަވަމުން ޙަދީޘްފުޅުކުރައްވަވާފައިވަނީ 1. ޝަރީކުކުރުން 2 މައިންބަފައިންނަށް ނުކިޔަމަންތެރިވުން (އެމީހުންގެ ޙައްޤުތައް އަދާނުކުރުން، ކުރަންޖެހޭ އިޙްތިރާމް ނުކުރުން) 3 ޝަރުޢީ ޙުކުމަކާ ނުލާ މީހުން މެރުން 4 ދޮގުހެކިދިނުން އެވެ.
ދޮގުހެކި ދިނުމަކީ ހަމައެކަނި ޝަރީޢަތުގެ މަޖިލީހުގައި ދޮގުހެކި ދިނުމެއް ނޫނެވެ. ދިރިއުޅުމުގެ ކަންކަމުގައި ދޮގުހެދުމަކީވެސް ދޮގުހެކި ދިނުމެވެ.
"ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފް ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލް ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ." (އައްނޫރު: 24)
މިއާޔަތުން ދަލީލުނެރެ ދޮގުހަދާ މީހުން ޙައްދުވެސް ޖަހައެވެ.
މިހިސާބުން އިތުރު ކަމެއް ފާހަގަކޮށްލާނަމެވެ. މިހާރަކަށް އައިސް ބައެއް އަންހެނުން ފިރިހެނުންނާއި ގާތް ގުޅުން ބާއްވާތީ އެއީ ޒިނޭކުރާ އަންހެނެއްގެ ގޮތުގައި އެބަ ވާހަކަ ދައްކައެވެ. މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެކަމުގެ މައްޗަށް ހެކި ދެއްކެން ނެތި އެފަދަ ވާހަކަތައް ދެއްކުމުން އެމީހަކާއިމެދު ޢަމަލުކުރަން އޮތީ މިއާޔަތުގައިވާ ފަދައިންނެވެ.
ދެން އޮތީ ދެމަފިރިންގެ ވާހަކައެވެ. އެކަކު އަނެކަކަށް ޚިޔާނާތްތެރިވެފައި ނުވަތަ އަނެކާ ނުރުހޭ ކަންކަން ކޮށްފައި އެއްވެސް ބިރެއް ޖެހިލުމެއް ނެތި އެބަދޮގުހަދައެވެ. އެއީ ކުރެވޭ ވަރަށް ބޮޑު ފާފައެވެ. އެކަކު އަނެކަކަށް ދޮގުހަދާ ދެމަފިރިއަކަށް އުފާވެރި ޙަޔާތެއް ނުލިބޭނެއެވެ. އަދި ތަނަވަސްކަމެއްވެސް ނުލިބޭނެއެވެ.
އެހެނީ ދޮގުހެދުމަކީ އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އުނިކުރައްވަވާނެ ކަމެކެވެ. ބަރަކާތް ނުލައްވަވާނެ ކަމެކެވެ. ﷲ ތަޢަލާގެ ރަޙްމަތާއި ބަރަކާތް ނުލިބި އުފާވެރިކަމާއި ތަނަވަސްކަން ލިބޭނީ ކިހިނަކުން ހެއްޔެވެ؟
ދިރިއުޅުމުގައި ހެޔޮ ގޮތްތައް ބޭނުންވެއެވެ. ތަނަވަސްކަންވެސް ބޭނުންވެއެވެ. އެހެންކަމަށްވާއިއރު ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ ކަންކަމާއި ދުރުހެލިވާން އެބަޖެހެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން