ދަރިން ބަސް ނޭހުމާއި މަގުފޔރެދުމުގެ މައްސަލަތައް އިތުރުވަމުން އަންނާތީ އެކަމުގެ ޝަކުވާކޮށް އަދި ދަރިން ދެކެ ރުޅި އައިސް ކަންކަން ކުރުމުގެ ކުރިން ތިމާގެ ޒިންމާ އެކަމުގައި އޮތް މިންވަރަށް ބަލާލަންވާނެއެވެ.
އެއްވެސް ޢާއިލާއެއްގެ ގިނަ ދަރިން މަގުފުރެދިފައިވާނަމަ، އެ ދަރިން ބަލައި ބޮޑުކުރަން ޚަރަދުކުރި ގޮތާމެދު ވިސްނަން ޖެހޭނެ އެވެ. އެއިރުން ވަރަށް ރަނގަޅަށް ސަބަބު އޮޅުން ފިލާނެއެވެ.
100 އިންސައްތަ ޙަލާލު ފައިސާއިން ޚަރަދުކޮށްގެން ޢާއިލާ ބެލެހެއްޓި ނަމަވެސް ގޯސްމަގުން ދަރިއަކު ހިނގައިދާނެއެވެ. ނަމަވެސް ޢާއިލާގެ ގިނަ ދަރިން މަގުފުރެދިފައިވާނަމަ އެއީ މައްސަލައެކެވެ. އެކުދިން ބަލައި ބޮޑުކުރަން ފައިސާ ޚަރަދުކުރި ގޮތާއިމެދު ފުންކޮށް ވިސްނާށެވެ! އަނބިދަރިންނަށް ޙަލާލު ތަކެތި ކާންދޭން ޖެހެނީ މި ސަބަބަށްޓަކައެވެ.
ބައެއް މީހުން ކިރިޔާ އަތްމަތިދަތިވެލާއިރަށް މީހުންނަށް މަކަރުހަދައިގެންނާއި ވައްކަންކޮށްގެން ފައިސާ ހޯދައެވެ. ވަޒީފާއަދާކުރާތަނުން ވައްކަންކުރެއެވެ. މަކަރާއި ޙީލަތް ހަދައެވެ. އެފައިސާއަށް ތަކެތި ގަނެގެން ޢާއިލާއަށް ކާންބޯންދެއެވެ.
ހަރާމްތަކެތި ކައިގެން ގައިގައި ޖަހާ މަސް ދިއުން ގާތީ ނަރަކައަށްކަން ޞަޙީޙް ޙަދީޘްފުޅުން އެންމެންނަށްވެސް އެނގޭނެއެވެ. އެކަން ނުއެނގޭ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. ބައެއް މީހުންނަށް ހީވަނީ ޙަރާމް ތަކެތި ކެއުމަކީ އޫރު މަސް ފަދަ ތަކެތި ކެއުމާއި ބަނގުރާ ބުއިން ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެހައި ތިލަކޮށް ނިންމައި ލެވެން އޮތް ކަމެއް ނޫނެވެ. ތިމާއަށް ޙަލާލު ނޫން އެންމެ ވަކިލާރިއެއް ބޭނުން ކުރުމުން ވެސް އެ ކެވެނީ ހަމަ ޙަރާމް ތަކެއްޗެވެ. ވައްކަމާއި ކޮރަޕްޝަން ފަދަ އަމަލުތައްކޮށްގެން ހޯދާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ. އެކެވެނީ ޙަރާމް ތަކެއްޗެވެ.
ބައެއް މައިން އަތްމަތިދަތިވުމުން ޒިނޭކުރުމާއި ޙަރާމްކަންކަން ކޮށްގެން ފައިސާހޯދައި ޚަރަދުކުރާއިރު ވިސްނައިލާށެވެ. ދަރިންނަށް ކާން އެދެވެނީ ކަނޑައެޅިގެން ޙަރާމް ތަކެއްޗެވެ.
ބައެއް މީހުންނަށް މަޤާމެއް ލިބުމުން ދައުލަތުގެ ފައިސާއިން ވައްކަންކުރާއިރު މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން ނުވެސް އެނގެނީ ކަމަށްވެދާނެއެވެ. ރައްޔިތުންގެ ފައިސާއިން ވައްކަންކުރުމަކީ ބިރުހުރި ކަމެކެވެ. ޤަމުގައި ތިބި ހުރިހާ ޔަތީމުންގެ ފައިސާވެސް ދައުލަތުގެ ފައިސާގައި ހިމެނޭތީ އެ ބިރުވެރިކަން އިންތިހާއަށް އިތުރުވެއެވެ.
"ހަމަކަށަވަރުން، އަނިޔާވެރިކަމުގެގޮތުން ޔަތީމުންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދަ އަނދާ ހުންނަ ނަރަކައަކަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ." (އައްނިސާ: 10)
ވީމާ ތިމާގެ ދަރިންނަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ތެދުވެރި މުސްލިމުންގެ ގޮތުގައި ތަރުބިއްޔަތުކުރަން ބޭނުން ނަމަ ޙަރާމް ގޮތުގައި ފައިސާ ނުހޯދާށެވެ! އެފައިސާއިން އެކުދިންނަށް ކުރާ ޚަރަދުތަކުން ހޯދައިދެވޭ އުފާވެރިކަމަކީ ތިބާ އެންމެ ލޯބިވާ ދަރިން ނަރަކައިގައި އަންދާނެ ދަރަށް ވެދާނެ ކަމަށްޓައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން