ބިރުވެތިވޭ! ތިބާގެ ޓިކްޓޮކް ތިބާ ނަރައަށް މިފަދައިން ވައްދައިފާނެ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ބިރުވެތިވޭ! ތިބާގެ ޓިކްޓޮކް ތިބާ ނަރައަށް މިފަދައިން ވައްދައިފާނެ-

ތިބާ ދުނިޔޭގައި އުޅުނީ ފާފަތަކެއް ނުކޮށް ރަނގަޅު ގޮތުގައިކަމަށްވެދާނެއެވެ. މީޒާނުގައި ހެޔޮކަމުގެ ކޮޅު ތިބާގެ ކޮޅަށް ބުރަވެ ސުވަރުގެ ވަދެވޭނެ ގޮތަށް ކަމަށްވެސްވެދާނެއެވެ. ނަމަވެސް ތިބާ ޢާންމުކުރި އެންމެ ޓިކްޓޮކްގެ ސަބަބުން ނަރަކައަށް ވަންނަން ތިބާއަށް ޖެހިދާނެއެވެ. 

ﷲ ތަޢާލާ ހުއްދަކުރައްވަވާފައިނުވާ މަންޒަރެއް، ނުވަތަ ކަމެއް ތިބާ ޓިކްޓޮކްގައި ޢާންމުކުރީއެވެ. ތިބާގެ އައުރައިން މިނަވަރެއް ނަމަވެސް ޢާންމުކުރީއެވެ. ތިބާ މަރުވީއެވެ. ކައްވަޅުގައި އޮތް ނަމަވެސް އެޓިކްޓޮކް މީސްތަކުން ބަލާނެއެވެ. އެބަލާ ކޮންމެ ބެލުމަކުން ތިބާ ފާފަވެރިވާނެއެވެ. ތިބާގެ ފާފައިގެ ފޮތުގައި ލިޔުއްވަވާނެތެވެ. އެހެރަދަނީ މީޒާނުގައި ފާފައިގެ ކޮޅަށް ބަރުވަމުންނެވެ. ޤިޔާމަތް ދުވަހު ހިސާބުބައްލަވާއިރު ބަރުވެފައި އޮންނާނީ ކިހައި މިންވަރަކަށް އެނގޭނީވެސް ކިހިނަކުން ހެއްޔެވެ؟ 

ހަމައެކަނި ޓިކްޓޮކެއް ނޫނެވެ. ޓިކްޓޮކްގެ ވާހަކަ މިދެއްކީ މިހާރު އެންމެ މަޝްހޫރުވެގެން އުޅޭ އެއްކަމަކީ ޓިކްޓޮކްކަމަށްވުމުންނެވެ. ޓިކްޓޮކް ނޫންނަމަވެސް ދެމިގެންދާ ގޮތަށް ކުރެވޭ ކޮންމެ ނުބައި ޢަމަލެއްގެ ސަބަބުން މެދުވެރިވާނީ ހަމަ މިބުނި ޙާލަތެވެ. ސޯޝަލް މީޑިއާގައި ހާމަކުރާ އެފަދަ ކޮންމެ ކަމަކުންވެސް މެދުވެރިވާނީ ހަމަ މިބަޔާންކުރި ޙާލަތެވެ. 

ދުނިޔޭގައި ކިތަންމެ މަޝްހޫރުވިނަމަވެސް އެއީ ހެޔޮ ޢަމަލުކުރުމުން ނޫންކަމުގައިވެއްޖެނަމަ އެކަމަކުން ޤިޔާމަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ދެއްކުންތެރިކަމެއް ނެތި ހެޔޮ ޢަމަލުކުރުމުން މަޝްހޫރުވެއްޖެނަމަ ނުވަތަ މަޝްހޫރުނުވި ނަމަވެސް އެވަރަށް ހެޔޮ ޢަމަލުކުރެވިއްޖެނަމަ އެމީހާ ދުނިޔޭގައި ހުއްޓައި އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. އެއާއިއެކު އުޑުތަކުގައި އެމީހަކު މަޝްހޫރުވެގެންދާނެއެވެ. ސުވަރުގެ ލިބުން އޮތީ ކުރިން ބުނިފަދައިން ދުނިޔޭގައި މަޝްހޫރުވެގެނެއް ނޫނެވެ. ހަމައެކަނި އުޑުތަކުގައި މަޝްހޫރުވެވިގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން