ލިޔުނީ: ޢަލީ އިޙްސާން ފިރާޤު
ދެވަނަ ފަހަރަށް މިޞްރުގައި
ޔަޢުޤޫބުގެފާނު ދެއްވި ނަސޭޙަތްފުޅުގައި، ހިއްޕަވައިގެން އެކަލޭގެފާނުގެ ދަރިދަރިކަލުން މިޞްރަށް ވަދެވަޑައިގަތީ، ތަފާތު ދޮރާށިތަތަކުންނެވެ. އެބޭފުޅުން ވަޑައިގެންނެވުމުން ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް ހެޔޮފުޅުކޮށް ހިއްތަވައި، ކަމޭހިއްތެވިއެވެ. ކުރިންވެސް ދެންނެވިފައިވާނެ ފަދައިން މިފަހަރު، އެބައިމީހުން އައީ ޔޫސުފުގެފާނުގެ އެއްބަނޑު އެއްބައްޕާފުޅު ބިންޔާމީން ވެސް ގޮވައިގެންނެވެ.
ޔޫސުފުގެފާނު އެކަލޭގެފާނުގެ ކޮއްކޯފުޅު ބިންޔާމީންއާ ވަކިން ބައްދަލު ކުރައްވައި، ޔޫސުފުގެފާނަކީ އޭނާގެ ބޭބޭފުޅުކަމަށް ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނާ މެދު ޢަމަލުކުރެއްވި އިހާނެތި ގޮތްތައް ބަޔާންކޮށްދެއްވިއެވެ. މިކަމަށް އިޝާރާތް ކުރައްވައި، ޔޫސުފު ސޫރަތުގެ 69 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَلَمَّا دَخَلُوا عَلَىٰ يُوسُفَ آوَىٰ إِلَيْهِ أَخَاهُ ۖ قَالَ إِنِّي أَنَا أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا يَعْمَلُونَ ﴿٦٩﴾
މާނައީ: [އަދި يوسف ގެފާނުގެ އަރިހަށް އެއުރެން ވަނުމުން، އެކަލޭގެފާނުގެ أخ އެކަލޭގެފާނުގެ އަރިހަށް ގެންދަވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއީ، ތިބާގެ أخ އާއެވެ. ފަހެ، އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިބާ ހިތާމަނުކުރާށެވެ!]
ޔޫސުފުގެފާނު ބޭނުންފުޅުވެވަޑައިގެންނެވީ، އެކަލޭގެފާނުގެ އަޚު ބިންޔާމީން އެކަލޭގެފާނުގެ އަރިހުގައި ބެހެއްޓޭނެ ކޮންމެވެސް ޙިކުމަތެއް ހެއްދެވުމަށެވެ. އެހެންކަމުން އެކަލޭގެފާނުގެ އަޚުން އެނބުރި ކަންޢާނުގެ ބިމަށް ދަތުރަށް ފެށުމަށް ކައިރިވުމުން، މިނެދެން ގެންގުޅޭ ނާޅި އެކަލޭގެފާނުގެ ކޮއްކޯފުޅު ބިންޔާމީންގެ ތަކެތީގެ ތެރެއަށް ލެއްވިއެވެ. އެހިނދު މިޞްރުގެ ސަރުކާރުގެ ފަރާތުން މީހަކު އައިސް ހަރުއަޑުން ބުނަން ފަށައިފިއެވެ. [އޭ قافلة ގެ މީހުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވައްކަންކުރާ ބަޔެކެވެ.]
ޔޫސުފުގެފާނުގެ އަޚުން ނުހަނު ޙައިރާންފުޅުވެވަޑައިގެން ތިއްބަވައި ވިދާޅުވިއެވެ. [ތިޔަބައިމީހުން ގެއްލިގެންތިޔަ އުޅެނީ ކޮންއެއްޗެއް ހެއްޔެވެ؟] އެހިނދު މިޞްރުގެ ދައުލަތުގެ ފަރާތުން އައި މީހާ ބުންޏެވެ. [ތިމަންމެން ގެއްލިގެން މިއުޅެނީ، ރަސްގެފާނުގެ ނާޅިއެވެ. އަދި އެ ގެނެސްދިން މީހަކަށް އޮތް އިނާމަކީ، جمل އަކަށް އެރުވޭހާ ތަކެއްޗެވެ. އެކަމަށް އަހަރެން ޖާމިނުވެގެންވަމެވެ.]
ދެން ޔޫސުފުގެފާނު އަޚުން ޖަވާބު ދެއްވިއެވެ. [اللَّه ގަންދީ ބުނަމުއެވެ. ތިމަންމެންއައީ ބިމުގައި فساد ކުރުމަށް ނޫންކަން ތިޔަބައިމީހުންނަށް އެނގިފައިވާނެކަން ކަށަވަރެވެ. އަދި ވައްކަންކުރާ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.] ދައުލަތުގެ ފަރާތުން އައި މީހާ ބުންޏެވެ. [ތިޔަބައިމީހުން ދޮގުހަދާކަމަށްވާނަމަ، ފަހެ، އެކަމުގެ (އެބަހީ: މިނާއެތި ވަގަށްނެގުމުގެ) ޖަޒާއަކީ ކޮބައިހެއްޔެވެ؟] ޔޫސުފުގެފާނުގެ އަޚުން ދެންނެވިއެވެ. [އެކަމުގެ ޖަޒާއަކީ، އެމީހެއްގެ ތަކެތީގެ ތެރެއިން އެ މިނާއެތި ފެނުނު މީހެކެވެ. ފަހެ، އޭނާ އެއީ އެކަމުގެ ޖަޒާއެވެ.]
ޔޫސުފުގެފާނުގެ އަޚުން އެބައިމީހުން މުދާތައް ބަލައި ފާސްކޮށް ރަސްގެފާނުގެ މިނެދެން ގެންގުޅޭ ނާޅި ހޯދުމުގެ ކުރީން، ދައުލަތުގެ ފަރާތުން އައި މީސްތަކުން އެބައިމީހުންގެ ތަކެތި ބަލައި ފާސް ކުރަން ފަށައިފިއެވެ. ހަމައެހެންމެ، އެބައިމީހުންނަށް އެ ނާޅި ބިންޔާމީންގެ ތަކެތިތަކުގެ ތެރޭގައި ވަނިކޮށް ފެނުނެވެ. މި މަންޒަރު ފެނުމުން ޔޫސުފުގެފާނު އަޚުން ދެންނެވިއެވެ. [ އޭނާ ވައްކަންކުރިކަމަށްވާނަމަ، މީގެކުރިން އޭނާގެ أخ އަކުވެސްވަނީ ވައްކަންކޮށްފައެވެ.] މިބަހުގެ މުރާދަކީ، މީގެ ކުރީން ބިންޔާމީންގެ އަޚު ޔޫސުފުގެފާނުވެސްވަނީ ވައްކަންކޮށްފައެވެ.
ޔޫސުފުގެފާނަށް އެކަލޭގެފާނުގެ އަޚުންގެ ދޮގުވެރި އިލްޒާމު އިވިވަޑައިގެންނެވުމުން ނުހަނު ބޮޑަށް ކޯފާއިސް ކުރެއްވިއެވެ. ވަރަށް ބޮޑަށް ދެރަފުޅުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެބައިމީހުންނަށް އަޑުނީވޭ ވަރަށް މަޑުމަޑުން ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ ދަރަޖަ އެއަށްވުރެ މާނުބައެވެ. އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއް اللَّه ދެނެވޮޑިގަތުން ބޮޑެވެ.]
އިރުކޮޅެއް ފަހުން، ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ العزيز އެވެ! ހަމަކަށަވަރުން، އޭނާގެ قدر ވެރި މުސްކުޅި ބައްޕައެއްވެއެވެ. ފަހެ، ތިމަންމެންގެ ތެރެއިން އެކަކު އޭނާގެ ބަދަލުގައި ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ، إحسان ތެރިންގެ ތެރެއިންނެވެ.]
މިބައިމީހުންގެ ވާހަކަފުޅުތައް އަޑު އައްސަވައި ޔޫސުފުގެފާނު ޖަވާބު ދެއްވިއެވެ. [معاذ اللَّه] އެވެ. (އެބަހީ: اللَّه ގެ ރައްކާތެރިކަމަށް އެދެމެވެ.) އެމީހެއްގެ އަތުގައި ތިމަންމެންގެ ތަކެތި ހުއްޓައި ފެނުނު މީހަކު މެނުވީ، ތިމަންމެން ހިފެހެއްޓުމުން ދުރުވެ، ރައްކާތެރިވުން އެދެމެވެ. އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ އަނިޔާވެރިން ކަމުގައެވެ.]
ޔޫސުފުގެފާނު މިދެންނެވި ފަދައިން ޖަވާބު ދެއްވުމުން، އެބައިމީހުން އެކަލޭގެފާނުގެ ފަރާތުން ނާއުއްމީދުވެވަޑައިގެންނެވިއެވެ. ބިންޔާމީނަށް މާފުދެއްވައި، އެކަލޭގެފާނު އެބައިމީހުންނާއެކު ނުފޮނުއްވާނެކަން އެނގިވަޑައިގަތުމުންވެސް މެއެވެ. ދެން، އެބައިމީހުން ވަކިންތަނަކަށް އެއްވެ މަޝްވަރާ ކުރުމަށްފަހު، އެއުރެންގެ ތެރެއިން ބޮޑަކަށް ހުރި މީހާ ބުންޏެވެ.
[ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ބައްޕާ، اللَّه ގެ حضرة ން عهد ކަށަވަރު ހިއްޕަވާފައިވާކަމާއި، އޭގެކުރިން يوسف ގެފާނާމެދު ތިޔަބައިމީހުން ފަރުވާކުޑަކޮށްފައިވާކަން، ތިޔަބައިމީހުންނަކަށް ނޭނގޭހެއްޔެވެ؟ ފަހެ، ތިމަންގެ ބައްޕާ ތިމަންނައަށް إذن ދެއްވައިފުމަށްދާނދެން، ނުވަތަ اللَّه ތިމަންގެ މައްޗަށް ނިޔާކުރައްވައިފުމަށްދާނދެން ތިމަން (مصر ގެ) ބިން ދޫކޮށެއް ނުލާހުށީމެވެ. އަދި އެކަލާނގެއީ حكم ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ.ތިޔަބައިމީހުން އެނބުރި ތިޔަބައިމީހުންގެ ބައްޕާ އަރިހަށްގޮސް ދަންނަވާށެވެ! އޭ އަހުރެމެންގެ ބައްޕާއެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ދަރިކަލުން ވައްކަންކޮށްފިއެވެ. އަދި ތިމަންމެންނަށް އެނގިފައިވާކަމަކަށް މެނުވީ، ތިމަންމެން ހެތްކެއް ނުވަމުއެވެ. އަދި غيب ގައިވާ ކަންތައް ދަންނަބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.އަދި ތިމަންމެންގޮސް ތިބި ރަށުގެ މީހުންނާ، އަދި ތިމަންމެން އޭގައި ދަތުރުކޮށްފައި އައި قافلة ގެ މީހުންނާ سؤال ކުރައްވާށެވެ! އަދި ހަމަކަށަވަރުން، ތިމަންމެންނީ ތެދުބުނާ ބަޔަކީމުއެވެ.] {ޔޫސުފު 80-82}
ދެން އެބައިމީހުން އެބައިމީހުންގެ ބައްޕާފުޅުގެ އަރިހަށް ކަންޢާނުގެ ބިމަށް ވަޑައިގެން މިދެންނެވި ވާހަކަތައް ވިދާޅުވެދެއްވިއެވެ. މުޙައްމަދު ބިން އިސްޙާޤު ވިދާޅުވެފައިވެއެވެ. [އެބައިމީހުން ޔަޢުޤޫބުގެފާނުގެ އަރިހަށް ވަޑައިގެން ކަންހިނގައިދިޔަ ގޮތުގެ ވާހަކަ ބަޔާންކޮށްދެއްވުމުން ޔަޢުޤޫބުގެފާނު އެކަން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އެކަލޭގެފާނު ހީފުޅު ކުރެއްވީ ޔޫސުފުގެފާނާމެދު އެބައިމީހުން ޢަމަލުކުރި ގޮތް އަލުން ތަކުރާރު ކުރެއްވީ ކަމަށެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،199 ޞަފްޙާ}
ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުން ވިދާޅުވިއެވެ. [އަދި ކިއެއްތަ! ތިޔަބައިމީހުންގެ نفس ތައް ތިޔަބައިމީހުންނަށް (ނުބައި) ކަމެއް ޒީނަތްތެރިކޮށްދިނީއެވެ. ފަހެ، ދެން އޮތީ ރިވެތިވެގެންވާ ކެތްކުރުމެކެވެ. اللَّه އެ އެންމެން ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދެއްވައިފާށިއެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.]
ދެން ޔަޢުޤޫބުގެފާނު، އެކަލޭގެފާނުގެ ދަރިދަރިކަލުންގެ ފަރާތުން އެއްކިބާވެވަޑައިގެން ވިދާޅުވިއެވެ. [يوسف ގެފާނުގެ މައްޗަށް އަހުރެން ކުރާ ހިތާމައެއްގެ ބޮޑުކަމާއެވެ!] ޔަޢުޤޫބުގެފާނު ކުރައްވަމުން ގެންދެވި ހިތާމަފުޅުގެ ބޮޑުކަމުންނާއި، އެކަލޭގެފާނުގެ ޢުމުރުފުޅުގެ ސަބަބުން އެކަލޭގެފާނުގެ ލޯފުޅުގެ ނޫރުފުޅު މުޅިން ކެނޑިގެންދިޔައެވެ. ނަމަވެސް، އެކަލޭގެފާނު ވެވަޑައިގެންނެވީ، އާންމު އެހެން މީހުންނާ ޚިލާފަށް ނުހަނު ބޮޑަށް އެކަލޭގެފާނުގެ ހިތާމަފުޅުތައް ހިފަހައްޓަވައި އުޅުއްވި ބޭކަލެއް ކަމަށެވެ.
ޤަތާދާ ރަޙިމަހުﷲ، ވިދާޅުވެފައިވެއެވެ. [ޔަޢުޤޫބުގެފާނު ދުވަހުވެސް އެކަލޭގެފާނަށް ޖެހިވަޑައިގެންނެވި އެއްވެސް ހިތާމަފުޅެއް ޝަކުވާ ނުވަތަ ޝިކާޔަތު، އެއްވެސް މަޚުލޫޤެއްގެ އަރިހުގައި، ފާޅުކޮށްފައެއް ނުވެއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،201 ޞަފްޙާ}
ޔަޢުޤޫބުގެފާނު މޮޅިވެރިކަމާއި، ހިތާމަފުޅު ކުރެއްވުމުގެ ޙާލުކޮޅު ފެނިވަޑައިގެންނެވުމުން އެކަލޭގެފާނުގެ އަހުލުވެރިން ކަންބޮޑުވެވަޑައިގެން ދެންނެވިއެވެ.[ اللَّه ގަންދީ ހުވާކުރަމެވެ. ކަލޭގެފާނު ބަލިحال ބޮޑުވެއްޖެއުމަށްދާނދެން، ނުވަތަ މަރުވެފައިވާ މީހުންގެ ތެރެއިން ހިމެނިއްޖައުމަށްދާނދެން، يوسف ގެފާނުމަތިން ހަނދުމަކުރެއްވުމުގައި ކަލޭގެފާނު ފިލާވަޑައިނުގަންނަވަމުއެވެ.]
ޔަޢުޤޫބުގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. [ ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ شكوى ދަންނަވާކަން ކަށަވަރީ، ހަމައެކަނި اللَّه އަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، اللَّه ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ.އޭ އަހުރެންގެ ދަރިންނޭވެ! يوسف ގެފާނާއި، އޭނާގެ أخ އާގެ خبر އެއްވޭތޯ ތިޔަބައިމީހުން ދާށެވެ! އަދި اللَّه ގެ رحمة ން ތިޔަބައިމީހުން اميد ކަނޑައިނުލާށެވެ! (ހަމަކަށަވަރުން، كافر ވިމީހުން މެނުވީ، اللَّه ގެ رحمة ން اميد ކަނޑައެއް ނުލާނެތެވެ.)]
ނުނިމޭ...