ކަހްފި ސޫރަތުގެ މާނައާ ތަފްސީރު: ޣައިބު ދެނެވޮޑިގެންވަނީ ހަމައެކަނީ ﷲ ތަޢާލާކަމާ ކޮންމެކަމެއްގަވެސް ﷲ ގެ ޙުކުމްފުޅަށް ބޯލަނބަންޖެހޭކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 14މ 38ސ
ކަހްފި ސޫރަތުގެ މާނައާ ތަފްސީރު: ޣައިބު ދެނެވޮޑިގެންވަނީ ހަމައެކަނީ ﷲ ތަޢާލާކަމާ ކޮންމެކަމެއްގަވެސް ﷲ ގެ ޙުކުމްފުޅަށް ބޯލަނބަންޖެހޭކަން-

( وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾ )

(لَبِثُوا ) އިޝާރާތް ކުރައްވަނީ ކަހަފް ބާގައިގެ މީހުންނަށެވެ.

( كَهْفِهِمْ ) އެބައިމީހުންގެ ޖަގަހައެއް ކަމުގައި އިޚްތިޔާރު ކުރި ހޮހޮޅަ

“އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ”

(قُلِ اللَّـهُ أَعْلَمُ بِمَا لَبِثُوا ۖ لَهُ غَيْبُ السَّمَاوَاتِ وَالْأَرْضِ ۖ أَبْصِرْ بِهِ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِ مِن وَلِيٍّ وَلَا يُشْرِكُ فِي حُكْمِهِ أَحَدًا ﴿٢٦﴾  )

(قُلِ  ) މުޚާޠަބު ކުރައްވާފައިވަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. "ކަލޭގެފާނު ވިދާޅުވާށެވެ."

(اللَّـهُ أَعْلَمُ بِمَا لَبِثُوا  ) " އެއުރެން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ."

މި ޖުމްލަ އިން ބައެއް ބޭފުޅުން ދަލީލު ނަންގަވާ ވިދާޅުވަނީ ( وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾ ) “އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ” މިއީ ޔަހޫދީންގެ ވާހަކަ އެއް ކަމަށެވެ. އެހެނީ، ކަހަފް ބާގައިގެ މީހުން ހޮހޮޅައިގާ ތިބި މުއްދަތާއި ބެހޭ ގޮތުން ޔަހޫދީން ބުނި ވާހަކަތަކެވެ. ނަމަވެސް، ރަގަޅު ގޮތަކީ ( وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾ ) މިއީ ﷲ ގެ ވަޙީގެ ބަސްފުޅެވެ. އަދި (اللَّـهُ أَعْلَمُ بِمَا لَبِثُوا  ) " އެއުރެން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ." މިއީ ކުރީގެ ޖުމްލަ އަށް ޔަގީންކަން ދެއްވުމުގެ ގޮތުން ގެންނަވާފައިވާ ބަސްފުޅެކެވެ.

(لَهُ غَيْبُ السَّمَاوَاتِ وَالْأَرْضِ   ) "އުޑުތަކާއި، ބިމުގެ غيب (ދެނެވޮޑިގަތުން) ވަނީ، އެކަލާނގެއަށެވެ." އެހެންކަމުން، ކާހިނަކު ޣައިބުގައިވާ ކަންތަކުގެ ވާހަކަ ބުނިނަމަވެސް، އެކަން ގަބޫލުކޮށްގެން ނުވާނެއެވެ. ގަބޫލުކޮށްފިނަމަ އެމީހަކު ވާނީ ކާފިރަކަށެވެ. ސޫރަތުއް ނަމްލުގެ 65 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿٦٥﴾  ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް غيب ގައިވާކަމެއް ނޭނގޭނެތެވެ. އަދި އެއުރެން އަލުން ދިރުއްވައި، محشر އަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެއުރެންނަކަށް ނުމެއެނގޭމެއެވެ."

(أَبْصِرْ بِهِ وَأَسْمِعْ   ) މިއީ ޢަރަބި ބަހުގައި ބުނެ އުޅޭ ތަޢައްޖުބުގެ ޞީޣާ އެވެ. އެއީ ކަމެއް ޞިފަ ކުރުމުގައި އެންމެ މަތީ ދަރަޖައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ހުރިހާ ތަކެއްޗެއް ބައްލަވާ ވޮޑިގެންވެއެވެ. އަނދިރި ރެއެއްގައި ކަޅު ހިލަމަތީގައި ޙަރަކާތްކުރާ ކަޅު ހިނިވެސް ﷲ ދެކެވޮޑިގެންވެއެވެ. ހަމައެފަދައިން އެކަލާންގެ ހުރިހާ ކަމެއް އައްސަވާވޮޑިގެންވެއެވެ. ސިއްރާއި ފާޅުގައި ބުނާ ބުނުންތަކާއި ކުރާ ކުރުންތައް މޮޅަށް ދެނެވޮޑިގެންވެއެވެ. އައްސަވާ ވޮޑިގެންވެއެވެ. ސޫރަތު ޠާހާގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَإِن تَجْهَرْ بِالْقَوْلِ فَإِنَّهُ يَعْلَمُ السِّرَّ وَأَخْفَى ﴿٧﴾   ) މާނައަކީ: "ކަލޭގެފާނު އަޑުހަރުކޮށް ބަސް ވިދާޅުވިޔަސް، ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ސިއްރާއި އެއަށްވުރެ ވަންހަނާ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. (قَدْ سَمِعَ اللَّـهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّـهِ وَاللَّـهُ يَسْمَعُ تَحَاوُرَ‌كُمَا ۚ إِنَّ اللَّـهَ سَمِيعٌ بَصِيرٌ‌  ) މާނައަކީ: " ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّه އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّه އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

މި އާޔަތް ބާވާލެއްވުމާއި ގުޅިގެން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "ހުރިހާ އަޑުތަކެއްގެ މައްޗަށް އެފަރާތުގެ އިވުން ތަނަވަސްވެގެންވާ ﷲ އަށް ޙަމްދު ހުއްޓެވެ. އެކަމެއް ހިނގިއިރު ތިމަންކަމަނާ ހުންނެވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކޮޓަރިކޮޅުގައެވެ. އެއަންހެން ކަމަނާ ޖަދަލުކޮށް، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާ އާއި ވާހަކަ ދައްކަވަމުން ގެންދެވިއިރު ތިމަންކަމަނާ އަށް ބައެއް ވާހަކަތައް އަޑެއް ނީވެއެވެ. އެހެންނަމަވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެއަންހެންކަމަނާ އާއި ދެމެދުގައި ދެކެވުނު ހުރިހާ ވާހަކަތަކެއް ﷲ ވަނީ އައްސަވާވޮޑިގެންފައެވެ."

އެހެންކަމުން، ﷲ ތަޢާލާ ހުރިހާ ކަމެއް ދެކިވޮޑިގެންވާ ކަމާއި، އައްސަވާ ވޮޑިގެންވާ ކަމަށް އީމާންވާން ޖެހެއެވެ. މިގޮތަށް އީމާންވުމުގެ މާނައަކީ ﷲ އަށް ބިރުވެތި ވުމެވެ. ތިމާކުރާ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވާ ކަމާއި، ބުނާ ހުރިހާ ބަހެއް އައްސަވާ ވޮޑިގެންވާ ކަން އެނގުމުން އެކަލާންގެ ރުހިވޮޑިގެން ނުވާ ފަދަ ކަމެއް ނުކުރުމެވެ. އަދި އެފަދަ ބަހެއްވެސް ނުބުނުމެވެ. އެހެންނަމަވެސް، ގިނަ އިންސާނުންނަށް އެކަމެއް ހަނދާނެއް ނުހުރެއެވެ. ދުލުން ބަހެއް ބޭރުކޮށްލާއިރު ނުވަތަ ކަމެއް ކުރާއިރު އެއީ ﷲ ރުހިވޮޑިގެންވާފަދަ ކަމެއްތޯ ބަލައެއް ނުލެވެއެވެ. މީހަކު ހަނދާންކޮށްދިނުމުން މެނުވީ ހޭލުންތެރި ނުވެވެއެވެ.

(مَا لَهُم مِّن دُونِهِ مِن وَلِيٍّ  )

(مَا لَهُم) މިތަނުގައި ޟަމީރު ދަނީ ކަހްފުގެ އަހްލުވެރިންނަށްތޯ ނުވަތަ އުޑާއި ބިމާއި ދެމެދުގައިވާހާ ތަކެއްޗަށްތޯ، ނުވަތަ ބަޔަކަށްތޯ މުފައްސިރުންގެ މެދުގައި ސުވާލު އުފެދިފައިވެއެވެ.

ރަގަޅު ގޮތަކީ: އުޑާއި ބިމާއި ދެމެދުގައިވާހާ ތަކެއްޗަކާއި ބަޔެކެވެ. އެހެނީ އެއްވެސް އިންސާނަކަށް، އެއީ މުސްލިމެއް ކަމުގައވީނަމަވެސް އަދި ކާފިރެއް ކަމުގައިވީނަމަވެސް، ﷲ ފިޔަވާ އެހެން އެއްވެސް އެހީތެރިޔަކު އެބައިމީހުންނަކަށް ނުވެއެވެ. ސޫރަތުލް އަންޢާމްގެ 61 އަދި 62 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ ﴿٦١﴾ ثُمَّ رُدُّوا إِلَى اللَّـهِ مَوْلَاهُمُ الْحَقِّ ۚ أَلَا لَهُ الْحُكْمُ وَهُوَ أَسْرَعُ الْحَاسِبِينَ ﴿٦٢﴾  ) މާނައަކީ: " އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރަނިވި ملائكة ން ފޮނުއްވަވަތެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކުގެ ގާތަށް މަރު އަތުވެއްޖެނަމަ، އެހިނދު ތިމަންރަސްކަލާނގެ ފޮނުއްވަވާ ملائكة ން އެމީހަކުގެ ފުރާނަ ހިއްޕަވަތެވެ. އެ ملائكة ން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެތެވެ. ދެން އެއުރެންގެ އެހީތެރިވަންތަ، حق ވަންތަ اللَّه ގެ حضرة އަށް އެއުރެން ރައްދުކުރައްވާނެތެވެ. ދަންނާށެވެ! حكم ކުރެއްވުންއޮތީ، އެކަލާނގެއަށެވެ. އެކަލާނގެއީ، حساب ބެއްލެވުމުގައި އެންމެ އަވަސް ރަސްކަލާނގެއެވެ."

ﷲ އީ ހުރިހާ އިންސާނުންގެ ވެސް އެހީތެރި ފަރާތެވެ. އިންސާނުންނަށް ރިޒްގު ދެއްވާ އެބައިމީހުންނަށް ޓަކައި އުޑާއި ބިމާއި ދެމެދުގައިވާހާ ތަކެއްޗެއް ލެއްވީ އެކަލާންގެ އެވެ. މިކަމުގައި މުސްލިމުންނާއި ކާފިރުން ޝާމިލުވެއެވެ. މިއީ ވިލާޔާ ޢާއްމާ (ހުރިހާ އެންމެންނަށް ޢާއްމުވާ ފަދަ އެހީތެރިކަމެވެ.)

ވިލާޔާ ޚާއްޞާ ނުވަތަ ޚާއްޞަ އެހީތެރިކަން ވަނީ ހަމައެކަނި މުއިމިނުންނަށެވެ. ސޫރަތުލް ބަގަރާގެ 257 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (اللَّـهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ ۖ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُم مِّنَ النُّورِ إِلَى الظُّلُمَاتِ ۗ أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢٥٧﴾  ) މާނައަކީ:  "اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، كافر ވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، شيطان ންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ شيطان ން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ."

ﷲ ތަޢާލާގެ ޚާއްޞަ އެހީތެރިކަން ލިބުމުން އިތުރު ޢިނާޔަތްތައް ލިބިގެންދާނެއެވެ. އެގޮތުން އިންސާނާ އަށް މަންފާ ކުރުވަނިވި ޢިލްމު ދެއްވާ ހެޔޮ ޢަމަލު ކުރުމުގެ މަގު ފަހިކޮށްދެއްވާނެއެވެ.

(وَلَا يُشْرِكُ فِي حُكْمِهِ أَحَدًا  )" އަދި އެކަލާނގެ حكم ފުޅުގައި އެއްވެސްމީހަކު ބައިވެރިޔެއް ނުކުރައްވަތެވެ." މިތަނުގައި ޝަރްޢީ އަދި ކައުނީ ޙުކުމްތައް ހިމެނެއެވެ.

މިއިން ދޭހަވަނީ ކޮންމެ ކަމެއްގައިވެސް ﷲ ގެ ޙުކުމަށް ރުޖޫޢަވާން ޖެހޭ ކަމެވެ. އަދި ﷲ ގެ ޙުކުމާއި ޚިލާފަށް އެއްވެސް ކަމެއް ކުރުމުގެ އާރެއް ބާރެއް އެއްވެސް މީހަކަށް ދެއްވާފައިނުވާ ކަމެވެ. މިއީ ޝަރްޢީ ހުކުމެވެ. އިސްލާމީ ޝަރީޢަތުގައިވާ ޙުކުމްތަކަކީ މިޒަމާނަށް ފެތޭ ޙުކުމްތަކެއް ނޫނޭ ބުނެ ދޫކޮށްލުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. އިސްލާމީ ޝަރީޢަތަކީ ހުރިހާ ޒަމާނަކާއި މަކާނަކަށް ފެތޭގޮތަށް ބާވާލައްވާފައިވާ ޝަރީޢަތެކެވެ.

ކައުނީ ޙުކުމަކީ އެއްވެސް މީހަކަށް ވާރޭ ވެހުން ހުއްޓުވުމުގެ ބާރު ލިބިގެންނެއް ނުވެއެވެ. އަދި ވާރޭ ވެއްސުމުގެ ބާރުވެސް ލިބިގެންނުވެއެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

 

މިއަދު އޮންލައިން