އަޅުގަނޑު ވަޒީފާއަދާކުރަންފެށީ އުމުރުން 20 އަހަރުގައެވެ. ވަޒިފާގައި ވަރަށް ބުރަކޮށް މަސައްކަތްކުރީމެވެ. އިތުރަށް ކިޔަވައި އެމްބީއޭވެސް ޙާޞިލްކުރީމެވެ. ނަމަވެސް 7 އަހަރުވީއިރުވެސް އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން މަސައްކަތްކުރުންމަތިން ވަރަށް ބޮޑަށް ފޫހިވިއެވެ.
އެއީ މީގެ 3 އަހަރު ކުރިއެވެ. އެލިޔުން އަޅުގަނޑަށް ފެނުނީ މިއަދުނޫހުންނެވެ. އެ ލިޔުމަކީ ދިރިއުޅުމުގެ ކަންކަން ކާމިޔާބުކުރަން އެދޭމީހާ އެންމެ ކުޑަމިނުން ފަތިސްނަމާދުގެ އިހު ސުންނަތުގެ 2 ރަކްއަތް ކުރަން ޖެހޭނެކަމަށް ބުނެ ލިޔެފައިވާ ލިޔުމެވެ.
އެލިޔުން ކިޔުމަށްފަހު ހިތަށްއެރީ އެކަން އަޖުމަބަލައިލުމަށެވެ. ރަސޫލް ﷺ ގެ ޙަދީޘްފުޅެއް ދޮގު ނުވާނެކަމަށް އަބަދުވެސް ޔަޤީންކުރާތީ އެކަން ޤަބޫލުކުރަން އުނދަގުލެއް ނުވިއެވެ. ކޮންމެ ގޮތަކުން ނަމަވެސް ފަތިސް ނަމާދަށް ހޭލަންފެށީމެވެ. ފުރަތަމަ ކޮޅު ކުޑަކޮށް އުނދަގޫވިއެވެ. ނަމަވެސް 10 ވަރަކަށްދުވަހު ހިތްވަރުކޮށްލަންވާއިރަށް ބަންގީގެކުރިން ހޭލައި މިސްކިތަށްދިއުމަކީ ނުހަނު ފަސޭހަކަމަކަށް ވެއްޖެއެވެ. މަހެއްހައި ދުވަސްފަހުން އުނދަގޫވަނީ އެއްވެސް ސަބަބެއް ދިމާވެގެން ފަތިސްނަމާދުގެ ޖަމާއަތަށް ނުދެވިއްޖެނަމައެވެ.
އެގޮތުގައި އަހަރެއްހައި ދުވަސް ފާއިތުވިފަހުން މިސްކިތުން ބައްދަލުވާ ވިޔަފާރިވެރިއަކަށް އަޅުގަނޑު ފާހަގަކުރެވި ދިރިއުޅުމުގެ ކަންކަމާއިމެދު ސުވާލުކުރުމުން ކިޔައިދިނީމެވެ. ސިވިލްސަރވިސްގެ ވަޒީފާއިން ލިބެނީ ނުހަނު ކުޑަ މުސާރައެއްކަމާއި ލިބެންވާ ޕްރަމޯޝަން ވެސް ޤަވާއިދުން ނުލިބޭތީ ލިބޭ އާމްދަނީ މަދުކަމުން ކައިވެންޏެއްވެސް ނުކުރެވިހުރިކަމަށް ބުނީމެވެ.
އެދުވަހު އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. ނަމަވެސް އެއިގެ މަހެއްހައިދުވަސްފަހުން އަޅުގަނޑަށް އޭނާގެ ކުންފުނިން މަޤާމެއް ހުށަހެޅިއެވެ. އެކަން އަޅުގަނޑު ޤަބޫލުކުރުމުން ފުރަތަމަވެސް މުސާރައަށް މަހަކު 20،000 ރުފިޔާ އާއި ސޭލްސްކޮމިޝަނުގެ ގޮތުގައި މަހަކު 4،000 ރުފިޔާވަރު ލިބެން ފެށިއެވެ.
މިހާރު އަޅުގަނޑަކީ ސޭލްސް މެނޭޖަރެވެ. އަދި ކަންކަން ދިމާވިގޮތުން ކައިވެނިކުރެވުނީ ވިޔަފާރިވެރިޔާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކާއެވެ. ދިރިއުޅެނީ އޭނާގެ ގެއަކުން ދީފައި ހުރި ފްލެޓެއްގައެވެ.
އަޅުގަނޑުގެ ބޭނުމަކީ މިކަންކަން މިހެން މިދިމާވީ، މިނިޢްމަތްތައް ،މިލިބުނީ ކީއްވެގެންކަން ބުނުމެއް ނޫނެވެ. އެއީ އަޅުގަނޑަށް އެނގޭ ކަމެއް ނޫނެވެ. ނަމަވެސް އެނގޭ ކަމެއް އެބަ އޮތެވެ. މި ނިޢްމަތްތައް ލިބިގެންދިއައީ ފަތިސް ނަމާދަށް ހޭލައި ބަންގިގޮވާއިރަށް މިސްކިތަށްދާންފެށިފަހުން ކަމެވެ. އަޅުގަނޑު އެދެނީ މިއަދުނޫހުގެ ކިޔުންތެރިންވެސް މިކަން ތަޖުރިބާކޮށްލުމެވެ.
- އިބްރާހީމް ފިރާޤް / މިއަދުނޫހުގެ ކިޔުންތެރިއެއް