މުދާ ދިނުމުގަ އަންހެންދަރިންނާ ފިރިހެން ދަރިން ތަފާތުކުރާ މައިންބަފައިންނަށް މިލިޔުމުން ރަނގަޅު ޢިބްރަތެއް ޙާޞިލުކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
މުދާ ދިނުމުގަ އަންހެންދަރިންނާ ފިރިހެން ދަރިން ތަފާތުކުރާ މައިންބަފައިންނަށް މިލިޔުމުން ރަނގަޅު ޢިބްރަތެއް ޙާޞިލުކުރެވޭނެ! އިން ޝާ ﷲ

އެއީ ވަރަށް މުއްސަނދި މަންމައެކެވެ. ރަށުގެ އެންމެ މުއްސަނދިންގެ ތެރޭގައި ގުނައިލެވޭ މަންމައެކެވެ. ތިބީ 2 ދަރިންނެވެ. އަންހެން ދަރިއަކާއި ފިރިހެންދަރިއެކެވެ. އާދަކާދައިގެމަތިން ފިރިހެން ދަރިފުޅަށް އިސްކަންދީ ގިނަ މުދަލާއި ވިޔަފާރިތައް ރަޖިސްޓްރީކުރެވިފައިވަނީ ފިރިހެން ދަރިފުޅުގެ ނަމުގައެވެ. 

އެހެންކަމާއިއެކުވެސް ފިރިހެން ދަރިފުޅުގެ ކިބައިން އެއްވެސް ޒިންމަދާރުކަމެއް ނުފެނެއެވެ. އަގުބޮޑު ދިރިއުޅުމަކަށް އިސްރާފްކުރުން ނޫން އެއްވެސް ކަމެއް ނުފެއެވެ. ވިޔަފާރިތައް ކުރިއަރުވަން މަސައްކަތްކުރާތަނެއްވެސް ނުފެނެއެވެ. އަންހެން ދަރިފުޅު ތަފާތެވެ. ބޭބެ ކުރަންޖެހޭ މަސައްކަތްވެސް ކުރެއެވެ. މައިމީހާ އާއިވެސް އަޅާލައި އެހީތެރިވެއެވެ. 

އެހެންކަމުން ދެދަރިންގެ ހިތުގައި މައިމީހާއަށް ލޯބި އޮތް މިންވަރު ބަލާލަން ބޭނުންވިއެވެ. 

އެއް ދުވަހަކު ކުއްލިއަކަށް މަންމަ ބަލިވެއްޖެއެވެ. ދެދަރިންނަށް ގުޅީ އެކުގައެވެ. ނަމަވެސް ފިރިހެން ދަރިފުޅަށް ގެއަށް އާދެވުނީ އަންހެންދަރިފުޅު ގެއަށް އައިސް މައިމީހާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް އެޑްމިޓްވެސް ކުރިފަހުންނެވެ. 

އިރުކޮޅެއްފަހުން ޑޮކްޓަރު ގުޅާފައި ބުނީ މަންމަގެ ޙާލު ވަރަށް ގޯސްކަމަށެވެ. ކޯމާއަކަށްވެސް ހިނގައްޖެ ކަމަށެވެ. 

ޑޮކްޓަރު ބުނީ ކުރަންޖެހޭ ކަންކަމަށް ވަރަށް ގިނަ ފައިސާ ޚަރަދުވާނެކަމަށެވެ. މިލިއަނުންވެސް އަރައިގެން ހިނގައިދާނެ ކަމަށެވެ. އަދި އެކަންކަން ކުރުމުން ވެސް ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ ޔަޤީންކަމެއް ނެތްކަމަށެވެ. ވީމާ ހަދަންވީ ގޮތަކާއިމެދު ދެބެއިން ގޮތެއް ނިންމުމަށެވެ. 

ފިރިހެން ދަރިފުޅު ބޭނުންވީ އެކަންކަން ނުކުރުމަށެވެ. އެހާގިނަ ފައިސާ ޚަރަދުކުރަންޖެހިފައި ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ ޔަޤީންކަން ނެތުމުންނެވެ. ވީމާ އެހާގިނަ ފައިސާ ޚަރަދުކުރުން ބޭކާރުކަމަކަށް ވެދާނެތީއެވެ. 

އަންހެން ދަރިފުޅު ބޭނުންވީ ކިތަންމެ ބޮޑު ޚަރަދެއްކުރަން ޖެހުނު ނަމަވެސް މައިމިހާގެ ފުރާނަ ސަލާމަތްކުރެވޭތޯ މަސައްކަތްކުރުމަށެވެ. ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދުނިޔޭގައި ހުރޭތޯ މަސައްކަތްކުރުމަށެވެ. 

ދެދަރިންގެ މެދުގައި އެއްބަސްނުވެވުމުން ޑޮކްޓަރު ވަނީ އެތެރެއަށެވެ. އަދި އިރުކޮޅެއް ފަހުން ފެނުނީ ހިނިތުންވެގެން ހުރި މަންމަ ގޮވައިގެން ނުކުތްތަނެވެ. މަންމަ ފެނުމާއިއެކު އަންހެން ދަރިފުޅު ވީއުފަލުން ދުވެ ގޮސް މަންމަގެ ގައިގާ އޮޅުލައިގަތެވެ. މަންމަ މަރުވަނީކަމަށް ހީކޮށް އުފަލުގައި ހުރި ފިރިހެންދަރިފުޅަށް މަންމަ ފެނުމުން ލިބުނު ޙައިރާންކަމުގައި ބަލަހައްޓައިގެން ހުރީއެވެ. 

"އަހަރެން އެއްވެސް ބައްޔެއް ނުވެއެވެ. މިއީ ދެދަރިން އިމްތިޙާނުކޮށްލުމެކެވެ. ނަތީޖާ ވަރަށް ރަނގަޅަށް ލިބިއްޖެއެވެ. އަހަރެން ދެން ފިރިހެން ދަރިފުޅު ބޭނުމެއް ނޫނެވެ. ހުރިހާ މުދަލެއް އަނހެންދަރިފުޅުގެ ނަމަށް ބަދަލުކުރާނަމެވެ. އެކުގައި ހިބައިން ނުދެވިހުރިކަން އެއީ އަހަރެންގެ ނަޞީބެވެ." 

މަންމަ ބުނި ގޮތަށް ލަމްމަ ކަންތައް ކުރިއެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ އަޅުގަނޑުގެ އަމިއްލަ ޙަޔާތާއި ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އަޅުގަނޑުގެ މައިންބަފައިންގެ ހުރިހާ މުއްސަނދިކަމެއްހެން ވާރުތަކޮށްދީފައިވަނީ ބޭބެއަށެވެ. ނަމަވެސް މުސްކުޅިވި ދުވަހު ދެމީހުން ބެލީ އަޅުގަނޑެވެ. ދެމަހުން އެއްމަހުވެސް އެމީހުން ދެކެލަން ބޭބެއަށް އާދެވޭ ކަމަކަށްވެސް ނުވެއެވެ. 

އެކަމާ އަޅުގަނޑުގެ ހިތަކު އެއްވެސް ޝަކުވާއެއް ނެތެވެ. މަންމަ އާއި ބައްޕަ ކަންކަން ކުރީ ރަނގަޅު ނިޔަތުގައެވެ. ބޭބެ އެކަމުގެ ނާޖާއިޒު ފައިދާ ނެގީއެވެ. ބޭބެއަކަށްވެސް އެއްވެސް ޝަކުވާއެއް ނެތެވެ. 

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާ މިކުރީ މިނުބައި އާދަ އަދިވެސް ހަމަ އަޅުގަނޑުމެންގެ މުޖުތަމައުގައިވެސް އޮތުމުން އެކަން ފާހަގަކުރުމަށެވެ. އަންހެން ދަރިއަކަށްވީތީ ކުޑަބައިދޭ އުޞޫލު ބަދަލުކުރަންޖެހޭކަން ފާހަގަކުރުމަށެވެ. ދުނިޔޭގައި ތިބެގެން ބަހައިދޭނަމަ ޖިންސަކަށް ނުބަލައި ދަރިންގެ މެދުގައި ހަމަހަމަކޮށްދިނުމަކީ އެކަންކުރަން އޮތް ގޮތްކަންވެސް ހާމަކުރުމަށެވެ. 

އަޅުގަނޑުގެ އިތުރުން އަޅުގަނޑުގެ އެތައް އެކުވެރިންނަށްވެސް މިކަންތައް ވަނީ ކުރިމަތިވެފައެވެ. ވީމާ ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް މިއީ ހަމަ އަދިވެސް އޮތް މައްސަލައެކެވެ. 

- ޙާމިދާ އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެިއެއް

މިއަދު އޮންލައިން