9 އަހަރުގެ ކުއްޖަކު އަމިއްލައަށް ތެދުވެ ދަމުނަމާދުކޮށް ކޮއްކޮއަށް ދުޢާކުރުމުން ވަގުތުން ކޮއްކޮގެ ހުންފިލައި ޝިފާލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
9 އަހަރުގެ ކުއްޖަކު އަމިއްލައަށް ތެދުވެ ދަމުނަމާދުކޮށް ކޮއްކޮއަށް ދުޢާކުރުމުން ވަގުތުން ކޮއްކޮގެ ހުންފިލައި ޝިފާލިބުނު ގޮތުގެ ވާހަކަ-

އެއްބަނޑު އެއްބަފާ ދެބެއިންނެވެ. އުމުރުން 7 އަހަރުގެ ކުއްޖާ ހުން އަންނަނީއެވެ. ޑޮކްޓަރުންނަށް ދައްކައިގެން ބޭސްކުރެއެވެ. ނަމަވެސް ހުންފިލާނެ ގޮތެއް ނުވެއެވެ. މަޑުވެލާފައި ގަދަކޮށްލައެވެ. 

މިފަދަ ގޮތަކަށް އުޅޭތާ 5 ވަނަ ދުވަހު ހެނދުނުވީއިރު ހުމުގެ އަސަރުވެސް ނެތެވެ. ހުރީ ހަމައެކަނި ވަރުބަލިކަމެވެ. އެހެންވެ ހެނދުނު ސައިމޭޒުދޮށުގައި މިވާހަކަ ދެކެވުނެވެ. ދެވުނު ފަރުވާ އާއި ދެން ކުރަންހުރި ފަރުވާ އާއިމެދުގައެވެ. 

މަންމައާއި ބައްޕައަށް ބޮޑު ސިހުމެއް ލިބުނީ އުމުރުން 9 އަހަރުގެ ދަރިފުޅު ދެއްކި ވާހަކައަކުންނެވެ. "ކޮއްކޮ ބަލިވެ އުޅޭތީ ދޮންބެ ވަރަށް ދެރަވެއެވެ. އެކުގައި ކުޅެނުލެވޭތާވެސް ބައިވަރު ދުވަސްވެއްޖެއެވެ. އެކަނި ނަމާދުކުރަންވެސް ފޫހިވެއެވެ. އެހެންވެ ދޮންބެ ރޭ ފަތިހު 4 ޖެހިއިރު ހޭލެވުނީމާ ބައްޕަމެން ހޭލުމުގެ ކުރިން ވުޟޫކޮށްގެން ދަމުނަމާދުކުރީމެވެ. ކޮއްކޮގެ ބަލި އަވަހަށް ފަސޭހަކޮށްދެއްވަވާތޯ ދުޢާކުރީމެވެ. 

ދޮންބެއަށް ހީވަނީ ކުރި ދުޢާ ﷲ ޢިޖާބަކުރެއްވެވީހެންނެވެ. މިއަދު ކޮއްކޮގެ އިންޓޯލު ދޭނީ ކޮންމެވެސް ފަޤީރުކުއްޖަކަށެވެ. އެއީ ﷲ އަށް ޝުކުރުވެރިވާށެވެ!" 

ދޮންބެގެ ވާހަކަކޮޅު ނިންމައިލިއިރު މަންމަ އަށާއި ބައްޕައަށް ތިބެވުނީ އިނގިލީގައި ދަތްއަޅައިގެންނެވެ. ބުނާނެ އެއްޗެއްވެސް ނުއެނގިފައެވެ. ހަމަހިމޭންކަން ގެއްލިގެން ދިއައީ ލިބުނު އުފަލުގެ ބޮޑުކަމުން މަންމައަށް ރޮވެން ފެށުމުންނެވެ. 

މީސްތަކުންނޭވެ! އެކުޑަކުއްޖާ އަމިއްލައަށް ހޭލައި ދަމުނަމާދުކޮށް ދުޢާއެކުރީ ކީއްވެގެން ހެއްޔެވެ؟ ވިސްނާލަންވީ އެކަމަށެވެ. ޖަވާބަކީ މައިންބަފައިން އެކުއްޖާ ބައިވެރިކޮށްގެން މަދުން ނަމަވެސް ދަމުނަމާދުކޮށް ދުޢާކުރާތީއެވެ. ދަމުނަމާދުގެ މުހިންމުކަމާއި އެއީ ދުޢާ ޢިޖާބަ ކުރައްވަވަން އޮތް އެންމެ ފަހިމަގުކަން ދަރިފުޅަށް ދަސްކޮށްދެވިފައިވާތީއެވެ. ހަމަ އެއާއިއެކު ކޮއްކޮދެކެ ލޯބިވާންވެސް ދަސްކޮށްދެވިފައި ހުރުމުންނެވެ. ދެކުދިންގެ ހިތުގައިވެސް އަޚާއަށް ލޯބި އުފައްދުވާފައިވާތީއެވެ. 

ނިކަން ބުނެބަލާށެވެ! މިތާ މިތިބަ އެންމެންގެ ތެރެއިން ދަރިން ހޭލައްވައި ދަމުނަމާދުގައި ބައިވެރިކުރުވަނީ ކިތައް މައިންބަފައިން ހެއްޔެވެ؟ ހަފްތާ ބަންދު ދެރޭ އެކަން ކުރަން އޮތީ ކޮން ހުރަހެއް ހެއްޔެވެ؟ 

ރުޅިއައިނަމަވެސް، ހިތްހަމަނުޖެހުނު ނަމަވެސް މިސުވާލުކުރާނަމެވެ! ތެދުބަހުން ނިކަން ޖަވާބުދީބަލާށެވެ! އެ ދޮންބެގެ ވާހަކަ އަޑުއިވުމުން އަޅެ ލަދެއް ނުގަތް ހެއްޔެވެ؟ ދެރައެއް ނުވޭހެއްޔެވެ؟ ދެންވެސް ވިސްނައި ހޭލުންތެރިވާށެވެ! ދަރިން ދެކެ ލޯބިން ކުރަން އޮތް ކަމަކީ ހަމައެކަނި ހަފްތާ ބަންދުގައި މަޖާކުރުމެއް ނޫނެވެ. ޕާކްތަކަށާއި ރެސްޓޯރަންޓްތަކަށް ކުދިން ގޮވައިގެން ދިއުން އެކަންޏެއް ނޫނެވެ! އުމުރާއި ގުޅޭވަރަކުން ﷲ ތަޢާލާ އާއި ކުއްތަންކުރުވަންވެސް، ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖައްސުވަންވެސް މަސައްކަތްކުރާށެވެ! އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. ހިތްވަރުކުރާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން