ޢަލީ އިޙްސާން ފިރާޤު
ތިންވަނަ ފަހަރު މިޞްރަށް
ޔަޢުޤޫބުގެފާނު އެދިވަޑައިގަތުމުގެ ދަށުން، އެކަލޭގެފާނުގެ ދަރިދަރިކަލުން، ޔޫސުފުގެފާނާއި، ބިންޔާމީންގެ ޚަބަރެއްވޭތޯ ބެއްލެވުމަށް ތިންވަނަ ފަހަރަށް މިޞްރަށް ވަޑައިގެންނެވިއެވެ. މި ފަހަރުވެސް އެބައިމީހުން ވަޑައިގެންނެވީ ތަދުމަޑުކަމުގެ ސަބަބުން ގޮވާމުގެ ބާވަތްތައް ގަތުމުގެ ބޭނުމުގައިވެސް މެއެވެ. އެބޭކަލުން މިޞްރަށް ވަޑައިގެން، މިޞްރުގެ މާލީވަޒީރު ޔޫސުފުގެފާނާ މުޚާތަބު ކުރައްވައި ދެންނެވިއެވެ. [އޭ العزيز އެވެ! ތިމަންމެންނަށާއި، ތިމަންމެންގެ أهل ވެރިންނަށް ތަދުމަޑުކަން ޖެހިއްޖެއެވެ. ތިމަންމެންއައީ، ދެރަ މުދަލަކާއިގެންނެވެ. ފަހެ، ތިމަންމެންނަށް ފުރިހަމަގޮތުގައި މިނެދެއްވައި، ތިމަންމެންނަށް صدقات ކުރައްވާށެވެ! ހަމަކަށަވަރުން، صدقات ކުރާ މީހުންނަށް اللَّه (ހެޔޮ) ޖަޒާދެއްވާނެތެވެ.]
ޔޫސުފުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންނަށް ނޭނގިތިބި حال، يوسف ގެފާނަށާއި، އެކަލޭގެފާނުގެ أخ އާއަށް ތިޔަބައިމީހުން ކުރިކަންތައް ތިޔަބައިމީހުން ދެނެތިބީމުހެއްޔެވެ؟] ޔޫސުފުގެފާނު މިހެން ވިދާޅުވުމުން އެބައިމީހުންނަށް ކުއްލި ޙައިރާންކަމަކާއި، ސިހުމެއް ލިބިވަޑައިގެން ދެންނެވިއެވެ. [ހަމަކަށަވަރުން، ތިޔައީ يوسف ގެފާނު ތޯއެވެ؟] ޔޫސުފުގެފާނު ވިދާޅުވިއެވެ. [އަހުރެންނަކީ، يوسف ގެފާނީމެވެ. އަދި މިއީ ތިމަންކަލޭގެފާނުގެ أخ އާއެވެ. ހަމަކަށަވަރުން، اللَّه ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންފިއެވެ. ހަމަކަށަވަރުން، تقوى ވެރިވެ ކެތްތެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، إحسان ތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެތެވެ.]
މިހާރު މިޞްރުގެ ޢަޒީޒަކަށް ވެވަޑައިގެން ހުންނެވީ، މީގެ އެތައް ޒަމާނެއް ކުރީން، އެބައިމީހުން ވަޅެއްގެ ތެރެއަށް އެއްލައިލެއްވި އެބައިމީހުންގެ އަޚު ޔޫސުފުގެފާނުކަން އެނގިވަޑައިގެން އެބައިމީހުން ވަރަށް ލަދުފުޅުގެން ވަޑައިގެންނެވިއެވެ. ހަމައެހެންމެ، އެބައިމީހުންނަށް ކުރެވުނު ކުށުގެ ބޮޑުކަން އިހުސާސުވެވަޑައިގެން ދެންނެވިއެވެ. [ اللَّه ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން، اللَّه ތިމަންމެންގެ މައްޗަށް ކަލޭގެފާނު މަތިވެރިކުރައްވައި، މާތްކުރެއްވިއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، ކުށްވެރިން ކަމުގައެވެ.]
ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނާ ނުހަނު ތަނަވަސް ހިތްޕުޅަކާއިގެން ކުރިމަތިލައްވައި ވިދާޅުވިއެވެ. [މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް اللَّه ފާފަފުއްސަވާށިއެވެ! އަދި އެކަލާނގެއީ، رحمة ލައްވާ އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މި ގަމީސްކޮޅާއިގެން ދާށެވެ! އަދި ތިމަންކަލޭގެފާނުގެ ބައްޕާގެ މޫނުފުޅުމައްޗަށް އެ ގަމީސްކޮޅު އެއްލާށެވެ! އޭރުން ލޮލަށް ފެންނަމީހަކު ކަމުގައި އެކަލޭގެފާނު އަލުން ވެވަޑައިގެންފާނެތެވެ. އަދި ތިޔަބައިމީހުންގެ أهل ވެރިންގެ އެންމެން ގޮވައިގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!]
ދެން އެބައިމީހުން، މިޞްރުގެ ޢަޒީޒު ސަލާމްލެއްވި ޔޫސުފުގެފާނު ދެއްވި ގަމީސްކޮޅު ހިއްޕަވައިގެން، ކަންޢާނުގެ ބިމަށް ދަތުރުފުޅު ފެއްޓެވިއެވެ. ހަމައެވަގުތުމެ، އަރަހުށި މާތްﷲ ގެ ކަށަކުޅަދުންވަންތަކަމުގެ ސަބަބުން، ޖެހިގެން ދިޔަ ވައިރޯޅިއަކުން ޔަޢުޤޫބުގެފާނަށް ޔޫސުފުގެފާނުގެ ވަސްފުޅު ދުވިއެވެ. ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އަހުލުވެރިންނަށް ވިދާޅުވިއެވެ. [ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް يوسف ގެފާނުގެ ވަސް އެބަދުވައެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނު މޮޔައަކަށް ނަހަދާނެނަމައެވެ.]
ކޮންމެއަކަސް ސަލާމްލެއްވި ޔަޢުޤޫބުގެފާނުގެ މިދެންނެވި އަޖާއިބު ކުރުވަނިވި، ބަސްފުޅުތައް އިވިވަޑައިގަތުމުން، އެކަލޭގެފާނުގެ އަހުލުވެރިން ހީފުޅު ކުރެއްވީ އެކަލޭގެފާނުގެ މުސްކުޅިފުޅުކަމުގެ ސަބަބުން ބުއްދިފަސްވެ ދިޔައީ ކަމަށެވެ. އެބައިމީހުން ދެންނެވިއެވެ. [اللَّه ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ކުރިންވެސް ކަލޭގެފާނު ހުންނެވި ކުށް خيال ގައިކަން ކަށަވަރެވެ.]
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [ޤާފިލާ މިޞްރުން ފުރިތަނާ ޖެހުނު ވައިރޯޅިއެއް، ސަލާމްލެއްވި ޔޫސުފުގެފާނުގެ ވަސްފުޅު ޔަޢުޤޫބުގެފާނުގެ އަރިހަށް ގެންގޮސް ދިނެވެ. އޭރު ސަލާމްލެއްވި ޔަޢުޤޫބުގެފާނު އުޅުއްވަމުން ގެންދެވީ މިޞްރާއި އަށްދުވަހުގެ ރާސްތާގެ ދުރުމިނުގައެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،201 ޞަފްޙާ}
ޤާފިލާ ދަތުރު ކުރަމުން އައިސް، ޔަޢުޤޫބުގެފާނު ދިރިއުޅުއްވަމުން ގެންދެވި، ގެކޮޅާ ހަމައަށް ފޯރުމުން އެތަނުން އެކަކު އައިސް ޔަޢުޤޫބުގެފާނު މޫނުފުޅުގެ މައްޗަށް ގަމީސްކޮޅު އެއްލަވައިލެއްވިއެވެ. އެ ގަމީސްކޮޅުގެ ބަރަކާތުން އަރަހުށި މާތްﷲ ޔަޢުޤޫބުގެފާނު ލޯފުޅުގެ ފެނުން ރައްދުކޮށް ދެއްވިއެވެ. އެހިނދު އެކަލޭގެފާނު ދަރިދަރިކަލުންނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. [ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް ހަމަކަށަވަރުން، اللَّه ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާކަމަށް، ތިމަންކަލޭގެފާނު ވިދާޅެއް ނުވަންހެއްޔެވެ؟]
ދެން، ޔަޢުޤޫބުގެފާނު ދަރިދަރިކަލުން އެކަލޭގެފާނަށް ދެންނެވިއެވެ. [އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންނަށް ތިމަންމެންގެ ފާފަތައް ފުއްސެވުމަށް، ކަލޭގެފާނު دعاء ކޮށްދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެންވީ ކުށްވެރިން ކަމުގައެވެ.] ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށްއެދި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވާހުށީމެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.]
ނުނިމޭ...