"އަސްމާއުލްޙުސްނާ" އޮނަސައްތަ އިސްމްފުޅުގެ މާނަ އާއި ޝަރަޙަ އަދި އެއިގެ ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 23މ 34ސ
"އަސްމާއުލްޙުސްނާ" އޮނަސައްތަ އިސްމްފުޅުގެ މާނަ އާއި ޝަރަޙަ އަދި އެއިގެ ފައިދާ-

الْحُسْنَى ގެ މާނަ:

ޢަރަބިބަހުގައި الْحُسْنَى އަކީ الأَحْسَن ގެ މުއައްނަޘް (އެބަހީ: އަންހެން) ގޮތެވެ. އެއީ الكُبْرَى އޭ އެއްގޮތަށް އެއްވަޒަނަކަށެވެ. الأَحْسَن ގެ މާނައަކީ އެންމެ ރިވެތިވުމެވެ. މިއީ ރިވެތިއަށްވުރެންވެސް މަތީ ދަރަޖައެކެވެ.

އެހެންކަމުން، الأَسْمَاءُ الْحُسْنَى ގެ މާނައަކީ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތަކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ އިސްމުފުޅުތަކަށް މިނަން ދެއްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

((قُلْ ادْعُوا اللَّهَ أَوْ ادْعُوا الرَّحْمَنَ أَيّاً مَا تَدْعُوا فَلَهُ الأَسْمَاءُ الْحُسْنَى)) الإسراء: ١١٠

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ގެ އިސްމުފުޅުން ދުޢާ ކުރާށެވެ. ނުވަތަ رحمٰن ގެ އިސްމުފުޅުން ދުޢާކުރާށެވެ. ތިޔަބައިމީހުން (އެއިލާހުގެ އިސްމިފުޅުތަކުން) ކޮންމެ އިސްމުފުޅަކުން ދުޢާ ކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެއިލާހަށް الأَسْمَاءُ الْحُسْنَى (އޭ ކިޔުނު އިސްމުފުޅުތައް) ވެއެވެ." 

ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެންމެހާ އިސްމުފުޅެއް އެންމެ ރިވެތިވެގެންވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. 

((وَلَهُ الْمَثَلُ الْأَعْلَى فِي السَّمَاوَاتِ وَالْأَرْضِ)) الروم:27

މާނައީ: "އަދި އުޑުތަކާއި ބިމުގައި އެންމެ މަތިވެރިވެގެންވާ މިޘާލު ވަނީ އެކަލާނގެއަށެވެ." 

މިއާޔަތުން ދޭހަކޮށްދޭގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެއިލާހުގެ ޛާތުފުޅުގައާއި، އިސްމުފުޅުތަކުގައި އެންމެ މަތިވެރިވެގެންވާ ފަރާތެވެ. އެހެންކަމުން، އެއިލާހުގެ އެންމެހާ އިސްމުފުޅުތައް އެންމެ ރިވެތިވެގެންވެއެވެ. އެބަހީ، އެއިސްމުފުޅުތައް ރިވެތިކަމުގައާއި، ފުރިހަމަވުމުގައި އެންމެ މަތިވެރިވެގެންވެއެވެ. 

ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކަކީ އެންމެ ރިވެތިވެގެންވާ ޞިފަފުޅުތައްކަމުގެ ދަލީލުތައް: 

1. ﷲ ސުބުޙަނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.  

((قُلْ ادْعُوا اللَّهَ أَوْ ادْعُوا الرَّحْمَنَ أَيّاً مَا تَدْعُوا فَلَهُ الأَسْمَاءُ الْحُسْنَى)) الإسراء: ١١٠ 

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ގެ އިސްމުފުޅުން ދުޢާ ކުރާށެވެ. ނުވަތަ رحمٰن ގެ އިސްމުފުޅުން ދުޢާކުރާށެވެ. ތިޔަބައިމީހުން (އެއިލާހުގެ އިސްމިފުޅުތަކުން) ކޮންމެ އިސްމުފުޅަކުން ދުޢާ ކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެއިލާހަށް الأَسْمَاءُ الْحُسْنَى (އޭ ކިޔުނު އިސްމުފުޅުތައް) ވެއެވެ." 

2. އެހެން ވަޙީ ބަސްފުޅެއްގައިވެއެވެ.  

((وَلِلَّهِ الأَسْمَاءُ الْحُسْنَى فَادْعُوهُ بِهَا وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ)) الأعراف:180

މާނައީ: "އެންމެރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، ﷲއަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ދުޢާކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ." 

3. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. 

((اللَّهُ لا إِلَهَ إِلا هُوَ لَهُ الأَسْمَاءُ الْحُسْنَى)) طـه:8 

މާނައީ: " ﷲއީ، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެންމެ ރިވެތި އިސްމުފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ."

4. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. 

((هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْأَسْمَاءُ الْحُسْنَى)) الحشر:24 

މާނައީ: "އެކަލާނގެއީ، ﷲއެވެ. ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ރަސްކަލާނގެއެވެ. ޞޫރަކުރައްވާ ރަސްކަލާނގެއެވެ. އެންމެހާ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ."

ﷲގެ އިސްމުފުޅުތަކަށް އެންމެ ރިވެތިވާގޮތް:

ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތައް އެންމެ ރިވެތި ވަނީ ދެގޮތަކުންނެވެ. އެއީ:

1. މިއިސްމުފުޅުތަކުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނަންފުޅު ދެއްވާފައިވުމެވެ. އެއިލާހުގެ ކޮންމެ އިސްމުފުޅަކީ އެންމެ މަތިވެރިވެގެންވާ، އެންމެ ރިވެތިވެގެންވާ، އަދި އެންމެ ޢިއްޒަތް ލިބިގެންވާ އިސްމުފުޅެކެވެ.

2. އެއިލާހުގެ ކޮންމެ އިސްމުފުޅަކީ، އެއިސްމުފުޅެއްގައި އެއިސްމުފުޅަކާގުޅޭ އެންމެ ފުރިހަމަވެގެންވާ ޞިފައެކުލެވިގެންވާ އިސްމުފުޅެކެވެ. އެއްވެސްގޮތަކުން އެއިސްމުފުޅުތަކަށް އުނިކަމެއް، އަދި ޢައިބުކަމެއް ނުވެއެވެ. 

އެގޮތުން އެއިލާހުގެ އިސްމުފުޅެއް ވަކިން އޮންނައިރުވެސް، އެއިސްމުފުޅެއްގައި އެންމެ ރިވެތިކަން އެކުލެވިގެންވެއެވެ. މިސާލެއްގެ ގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކުގެ ތެރެއިން އެއް އިސްމުފުޅަކީ الحَيُّ އެވެ. އެބަހީ ދިރިދެމިވޮޑިގެންވާ އިލާހެވެ. މިއިސްމުފުޅުން ދޭހަކޮށްދެނީ އެއިލާހަށް ދިރިދެމިވޮޑިގަތުމުގެ ޞިފަފުޅު އެންމެ ފުރިހަމައަށް ލިބިވޮޑިގެންވާކަމެވެ. ހަމައެފަދައިން އެއިސްމުފުޅު އަނެއްއިސްމުފުޅަކާގުޅުމުންވެސް އެންމެ ރިވެތިކަން ހާމަކޮށްދެއެވެ. މިގޮތުން ޤުރުއާނުގެ އެކި އާޔަތްތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއިސްމުފުޅު އެއްތަނެއްގައި ގުޅޭނެގޮތަށް ގެންނަވާފައިވެއެވެ. މިސާލަކަށް الحَيُّ القَيُّوم، الغَفُورُ الرَّحِيم އެވެ. 

އަދި އެއިލާހުގެ އިސްމުފުޅުގެ ތެރޭގައި “الرحمن” “الرحيم” ވެއެވެ. މިދެއިސްމުފުޅު ދަލީލުކުރަނީ މިދެނަން ކިޔޭ ފަރާތަށެވެ. އެއީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އަދި ދަލީލުކުރަނީ މިދެއިސްމުފުޅުން ނެގޭ ޞިފަފުޅުކަމުގައިވާ ރަޙްމަތަށެވެ. އަދި މިދެއިސްމުފުޅުން ނެގޭ ޞިފަފުޅު ނޫން އެހެން ލާޒިމުކުރާ ޞިފަފުޅުތައްކަމަށްވާ ދިރިދެމިވޮޑިގެންވާކަމަށާއި، ކުޅަދުންވެވޮޑިގެންވާކަމަށް ދަލީލުކުރެއެވެ. ދެން ބާކީހުރި އިސްމުފުޅުތައްވެސް މިފަދައެވެ. މިއީ އެއިލާހުގެ މަޚްލޫޤުތަކުންނާ ޚިލާފުކަމެކެވެ. އެހެނީ، މީހަކީ ޖާހިލެއް ނަމަވެސް އެމީހަކަށް ޙަކީމޭ ކިޔާފާނެއެވެ. އަދި އަނިޔާވެރިޔަކަށްވެސް ޙަކަމް (އެބަހީ ޙުކުމް ކުރުމުގައި މޮޅުމީހާ) އޭ ކިޔާފާނެއެވެ. އަދި ޤަދަރެއްނެތް މީހަކަށްވެސް ޢަޒީޒް (އެބަހީ ޢިއްޒަތްތެރިމީހާ) އޭ ކިޔާފާނެއެވެ. ޝަރަފުވެރިނޫން މީހަކަށްވެސް ޝަރީފް (އެބަހީ ޝަރަފުވެރިޔާ) އޭ ކިޔާފާނެއެވެ. އަދި ހެޔޮނޫން މީހަކަށްވެސް ކަރީމް (އެބަހީ ހެޔޮމީހާ) އޭ ކިޔާފާނެއެވެ. އަދި ނުބައިމީހަކަށްވެސް ޞާލިޙު އޭ ކިޔާފާނެއެވެ. އަދި ނުތަނަވަސްކަމުގައި އުޅޭމީހާއަށްވެސް ސަޢީދު (އެބަހީ ހިތްހަމަޖެހިގެންވާމީހާ) އޭ ކިޔާފާނެއެވެ. އަދި އަސަދު (އެބަހީ ސިންގާ) އަދި ޙަންޟަލާ އާއި ޢަލްޤަމާ (އެބަހީ ހިތިދެގަހަށްކިޔާ ދެނަން) މިފަދަ ނަންނަން މިސިފަތައް ލިބިގެންނުވާ މީހާއަށް ކިޔާފާނެއެވެ. 

ފަހެ، ﷲ ގެ މަތިވެރިކަމާއެވެ. ޙަމްދުހުރީ އެއިލާހަށެވެ. އެއިލާހު ވަނީ އެއިލާހު ޞިފަކުރައްވާފައިވާ ފަދައިންނެވެ. އަދި އެއިލާހުގެ މަޚްލޫޤުން އެއިލާހަށް ޞިފަކުރާ ޞިފަކުރުންތަކުން އެއިލާހު ވަނީ މަތިވެރިވެ ވޮޑިގެންނެވެ. 

މަސްދަރު: ދި ސަލަފިއްޔާ 

"އަސްމާއުލްޙުސްނާ" އޮނަސައްތަ އިސްމްފުޅުގެ މާނަ އާއި ޝަރަޙަ  

1.    ٱلْرَّحْمَـانُ އަޅުތަކުންނަށް ރަޙްމަތްލައްވާ، އޯގާތެރިވެވޮޑިގަންނަވާ ރިޒްޤު ތަނަވަސް ކޮށްދެއްވާ އިލާހު.

2.    ٱلْرَّحِيْمُ: އެއިލާހުގެ އަޅުތަކުންގެ ތެރެއިން އީމާންކަމުގެ އަހްލުވެރިންނަށް ޚާއްޞަގޮތެއްގައި ރަޙްމަތްލައްވާ, އަދި އެބައިމީހުން ކުރާ ހެޔޮޢަމަލުތަކަށް މެދުކެނޑުމެއްނެތި ހެޔޮޖަޒާ ދެއްވާ އިލާހު. 

3.    ٱلْمَلِكُ: އެއިލާހުގެ މިލްކިއްޔާތުގައިވާ ކަންތައް ތަންފީޛު ކުރައްވާ ތަޞައްރުފް ކުރައްވ އިލާހު. 

4.    ٱلْقُدُّوسُ: އެންމެހައި ޢައިބު ޞިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ, ދަރިކަލަކު އަދި ބައިވެރިޔަކުވެސް ނުވާ އިލާހު. 

5.    ٱلْسَّلَامُ: ހުރިހާ ޢައިބުތަކުން ސަލާމަތްވެ ވޮޑިގެންވާ,އާފަތްތަކުން ބަރީއަވެ ވޮޑިގެންވާ, މުއިމިނުންނަށް ޢުގޫބާތް ދެއްވުމުން ސަލާމަތްވެ ވޮޑިގެންވާ އިލާހު. 

6.    ٱلْمُؤْمِنُ: އެއިލާހުގެ އަމިއްލަ ޛާތުފުޅު ތެދު ކުރައްވާ, އަދި އެއިލާހުގެ އަޅުތަކުން އެއިލާހު ތެދުކޮށްފައިވާ އިލާހު . 

7.    ٱلْمُهَيْمِنُ: އެއިލާހުގެ އަޅާ ބުނާ ބަސްތަކާއި ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ, އެއްވެސް ކަމެއް އެއިލާހަށް ވަންހަނާވެ ވޮޑިގެން ނުވާ އިލާހު. 

8.    ٱلْعَزِيزُ: އެއްވެސް ފަރާތަކަށް އެއިލާހުގެ މައްޗަށް ގަދަވެ ނުގަނެވޭ, ގަދަފަދަވަންތަ އިލާހު. 

9.    ٱلْجَبَّارُ: އެއިލާހު އިރާދަ ކުރެއްވި ކަމެއް މެނުވީ ނުވާ, ގަދަފަދަވަންތަ އިލާހު. 

10.  ٱلْمُتَكَبِّرُ: ކިބުރުވެރިވުމަކީ ހަމައެކަނި الله އަށް ލިބިވޮޑިގެންވާ ޞިފައެއް. ސަބަބަކީ ހުރިހާ ކަމެއްގެ ބާރުވެރިކަން އަދި ފަޟްލުވަނީ ހަމައެކަނި الله އަށް ކަމަށްވާތީވެ. 

11.  ٱلْخَالِقُ: ނެތުމުގެ ތެރެއިން އެއްޗެހި އުފައްދަވައި ޚަލްޤުކުރައްވާ ރަސްކަލާނގެ 

12.  ٱلْبَارِئُ: ކުރީގެ މިޘާލެއް ނެތް ގޮތަށް ޚަލްގުތަކުން އުފެއްދެވި އިލާހު. 

13.  ٱلْمُصَوِّرُ:  އެއިލާހުގެ ޚަލްގުތަކުން އެކި ޞިފަތަކުގައި އުފެއްދެވި އިލާހު.  

14.  ٱلْغَفَّارُ: ފަހަރަކަށްފަހު ފަހަރެއްގައި އެއިލާހުގެ އަޅުތަކުންގެ ފާފަތައް ވަންހަނާކޮށްދެއްވާ ޢަފޫކޮށްދެއްވާ އިލާހު. 

15.  ٱلْقَهَّارُ: ދެކޮޅުވެރިވީ މީހުންނާއި ދެކޮޅަށް ޙުއްޖަތާއި މުޢްޖިޒާތް ދައްކަވާ އެބައިމީހުން ބަލިކަށިކުރެއްވި އިލާހު,

16.  ٱلْوَهَّابُ: ދީލަތިވަންތަ ގިނަގިނައިން ދެއްވާ އިލާހު 

17.  ٱلْرَّزَّاقُ: އަޅުތަކުންގެ ބޭނުންތައް ފުއްދުމަށް ބޭނުންވާނެ ކަންކަން ތަނަވަސްކޮށްދެއްވާ އެކަންތަކާއި ތަކެތި ތަނަވަސްކޮށްދެއްވާ އިލާހު 

18.  ٱلْفَتَّاحُ: އަޅުތަކުންނަށް ބަންދުވެފައިވާ ދޮރުތައް ހުޅުވލަ ދެއްވާ ޙައްޤާއި ބާޠިލް ވަކިކުރައްވާ ޙައްޤު މަތިވެރި ކުރައްވާ ބާޠިލް ފޮހެލައްވާ އިލާހު. 

19.  ٱلْعَلِيمُ: ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހު 

20.  ٱلْقَابِضُ: އިރާދަ ކުރެއްވި އަޅަކަށް ރިޒްގު ތަނަވަސްކޮށްދެއްވާ, އިރާދަ ކުރެއްވި އަޅަކަށް ރިޒްގު ހަނި ކުރައްވާ އިލާހު. އެއިލާހުގެ ދީލަތިވަންތަކަމާއި ރަޙްމަތުން ދެއްވާ, އަދި ޙިކްމަތަކަށް ޓަކައި ދަތިކުރައްވާ އިލާހު.

21.  ٱلْبَاسِطُ: އިރާދަ ކުރެއްވި އަޅަކަށް ރިޒްގު ތަނަވަސްކޮށްދެއްވާ, އިރާދަ ކުރެއްވި އަޅަކަށް ރިޒްގު ހަނި ކުރައްވާ އިލާހު. އެއިލާހުގެ ދީލަތިވަންތަކަމާއި ރަޙްމަތުން ދެއްވާ, އަދި ޙިކްމަތަކަށް ޓަކައި ދަތިކުރައްވާ އިލާހު. 

22.  ٱلْخَافِضُ: އަނިޔާ ވެރިންނާއި، ކިބުރުވެރިން ތިރިކުރައްވާ ނިކަމެތި ކުރައްވާ މުއުމިނުންނާއި ޞާލިޙުންގެ ދަރަޖަ އފުއްލަވާ އިލާހު. 

23.  ٱلْرَّافِعُ: އަނިޔާ ވެރިންނާއި، ކިބުރުވެރިން ތިރިކުރައްވާ ނިކަމެތި ކުރައްވާ މުއުމިނުންނާއި ޞާލިޙުންގެ ދަރަޖަ އފުއްލަވާ އިލާހު. 

24.  ٱلْمُعِزُّ: الله އިރާދަކުރެއްވި އަޅަކު ޢިއްޒަތްތެރިކުރައްވާ. 

25.  ٱلْمُذِلُّ:  އަޅުތަކުންގެ ތެރެއިން ބޮޑާވެގެން އަނިޔާވެރިން ނިކަމެތި ކުރައްވާ އިލާހު، ފެންނަ ފެނުމަށް ނިޢްމަތުގެ މަތީގައި ތިބިނަމަވެސް ޙަގީގަތުގައި އެބައިމީހުންވަނީ ވަރަށް ބޮޑު ނިކަމެތި ކަމެއްގައި.

26.  ٱلْسَّمِيعُ: ހުރިހާ ކަމެއް އައްސަވާވޮޑިގެންވާ އިލާހު.

27.  ٱلْبَصِيرُ: ހުރިހާ ކަމެއް މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހު.

28.  ٱلْحَكَمُ: ޚަލްގުތަކުންގެ މެދުގައި ޙުކުމް ކުރައްވާ ނިޔާކަނޑައަޅުއްވާ އިލާހު,

29.  ٱلْعَدْلُ: ޙައްގު ގޮތުގައި ނިޔާ ކަނޑައަޅުއްވާ, އެއިލާހު ކަނޑައަޅުއްވާފައިވާ ޙުކުމްތަކުގައި ޢަދުލުވެރިވެވޮޑިގެންވާ އަދި އެކަންކަމުގައި އެއްވެސް އަނިޔާވެރިކަމެއް ނުވާ އިލާހު.

30.  ٱلْلَّطِيفُ: އަޅުތަކުންނަށް އިޙްސާންތެރި, އެބައިމީހުންގެ ދިރިއުޅުމުގެ ކަންކަން ހީވެސް ނުކުރާގޮތަށް ލުއިކޮށްދެއްވާ އިލާހު.

31.  ٱلْخَبِيرُ: ހުރިހާ ކަމެއްގެ ޙަގީގަތް މޮޅަށް ދެނެވޮޑިގެންވާ އިލާހު.

32.  ٱلْحَلِيمُ: ޢުގޫބާތް ޙައްގުވާ ފަރާތްތަކަށް އަދަަބު ލަސްކޮށްދެއްވާ އަދި އިރާދަ ކުރެއްވި އަޅަކަށް ޢަފޫކޮށްދެއްވާ އިލާހު.

33.  ٱلْعَظِيمُ: މަތިވެރި ކަމުގެސިފަ ޙައްޤުވެ ވޮޑިގެންވާ އިލާހު.

34.  ٱلْغَفُورُ: އަޅުތަކުންގެ ނުރަގަޅު ޢަމަލުތައް ފޮރުއްވައިދެއްވާ, ގިނަގިނައިން ޢަފޫކޮށްދެއްވާ އިލާހު.

35.  ٱلْشَّكُورُ: އެއިލާހުގެ އަޅާ ކިތަންމެ ކުޑަ ހެޔޮކަމެއް ކުރިނަމަވެސް އެކަމަށް ޝުކުރުވެރިވޮޑިގެންވާ, އަދި އެކަމަށް ބޮޑުވެގެންވާ ހެޔޮ ޖަޒާ ދެއްވާ އިލާހު.

36.  ٱلْعَلِيُّ: އެއިލާހުގެ ޚަލްގުތަކުންގެ މައްޗަށް މަތިވެރިވެވޮޑިގެންވާ, އެއްވެސް ފަރާތަކަށް އެއިލާހު ބަލިކަށި ނުކުރެވޭނެ އިލާހު.

37.  ٱلْكَبِيرُ: އެއިލާހު ފިޔަވާ އެހެން ހުރިހާ ފަރާތްތަކެއް ކުޑަކުރައްވާ, މަތިވެރިވަންތަ އިލާހު.

38.  ٱلْحَفِيظُ: އެއިލާހު ރައްކާތެރިކުރައްވަން އިރާދަ ކުރެއްވި ކޮންމެ ކަމެއް ރައްކާތެރިކޮށްދެއްވާ އިލާހު.

39.  ٱلْمُقِيتُ: ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހު.

40.  ٱلْحَسِيبُ: އަޅުތަކުންގެ ހިސާބު ބައްލަވާ ރަސްކަލާނގެ.

41.  ٱلْجَلِيلُ: ގަދަރުމަތިވެރިވެ ވޮޑިގެންވާ އިލާހު.ހުރިހާ ގަދަރަކާއި ޝަރަފަކަށްވުރެ އެއިލާހުގެ ގަދަރާއި ޝަރަފްމަތިވެރިވެ ވޮޑިގެންވާ އިލާހު .

42.  ٱلْكَرِيمُ: އެއިލާހުގެ ދެއްވުންތައް ހުސްނުވާ ދީލަތިވަންތަ އިލާހު.

43.  ٱلْرَّقِيبُ: އެއްވެސް ކަމެއް ވަންހަނާވޮޑިގެންނުވާ ބައްލަވާވޮޑިގެންވާ އިލާހު.

44.  ٱلْمُجِيبُ: ދަތިއުނދަގޫ ޖެހިފައިވާ މީހާ އެއިލާހަށް ދުޢާކޮށް ދަންނަވާހިނދު އެދުޢާ އިޖާބަކުރައްވާ، އަނިޔާ ލިބިގެންވާ މީހާ އެހީތެރިކަމަށް އެދޭހިނދު އިޖާބަ ދެއްވާ އިލާހު.

45.  ٱلْوَاسِعُ: ހުރިހާ ތަނަވަސްކަމެއްގެ މައްޗަށް އެއިލާހުގެ ތަނަވަސްކަން ފުޅާވެގެންވާ އިލާހު.

46.  ٱلْحَكِيمُ: ހުރިހާ ކަމެއް ފުރިހަމައަށް ކުރައްވާ, ޙިކްމަތްވަންތަ އިލާހު.

47.  ٱلْوَدُودُ: އެއިލާހުގެ އަޅުތަކުން ދެކެ ލޯބިވެވޮޑިގެންވާ އިލާހު.

48.  ٱلْمَجِيدُ: ގަދަރު އުފުއްލިގެންވާ މަތިވެރި, އިޙްސާންތެރި ދީލަތިދެއްވުން ދެއްވާ އިލާހު.

49.  ٱلْبَاعِثُ:  އެދުވަހަކާއި މެދު ޝައްކެއްނުވާ ދުވަހުގައި ޚަލްގުތަކުން މަރުވުމަށްފަހު ދިރުއްވާ, ޙިސާބު ބެއްލެވުމަށްޓަކައި މަޙްޝަރުގެ މައިދާނަށް އެއްކުރައްވާ އިލާހު.

50.  ٱلْشَّهِيدُ: އެއްވެސް ކަމެއް ވަންހަނާވެ ވޮޑިގެން ނުވާ އިލާހު.

51.  ٱلْحَقُّ: ޙައްގު ގޮތުގައި ވޮޑިގެންވާ އިލާހު.

52.  ٱلْوَكِيلُ: އެކަލާނގެއާ ވަކީލުކުރެވޭ ރަސްކަލާނގެ.

53.  ٱلْقَوِيُّ: ކޮންމެ ކަމަކަށްމެ ފުރިހަމަ ގޮތުގައި ކުޅަދުންވަންތަ އިލާހު.

54.  ٱلْمَتِينُ: އެއިލާހުގެ އެއްވެސް ކަމެއްގައި ބަލިކަށިކަމެއް ނުވާ އިލާހުގެ ގަދަފަދަވަންތަކަމަށް މެދުކެނޑުމެއް ނާންނަ ގަދަފަދަވަންތަ އިލާހު.

55.  ٱلْوَلِيُّ: ހުރިހައި ކަމެއް ބަލަހައްޓަވާ ރަސްކަލާނގެ.

56.  ٱلْحَمِيدُ: ޙަމްދުލިބިވޮޑިގަތުން ޙައްގުވެގެންވާ ޙަމްދު ލިބިވޮޑިގެންވާ އިލާހު.

57.  ٱلْمُحْصِيُ: ޢަދަދުކުރައްވާ ރަސްކަލާނގެ.

58.  ٱلْمُبْدِئُ:  ހުރިހާ ކަމެއްވެސް ފެއްޓެވި އިލާހު.

59.  ٱلْمُعِيدُ: ޚަލްގުތަކުން އުފެއްދެވި ފަދައިން ގިޔާމަތް ދުވަހު ޙިސާބު ބެއްލެވުމަށްޓަކައި އަލުން ކުރިން ތިބި ގޮތަށް ގެންނަވާ އިލާހު.

60.  ٱلْمُحْيِى: ދިރުއްވަވާ ރަސްކަލާނގެ.

61.  ٱلْمُمِيتُ: މަރު އުފެއްދެވި, އަދި އެއިލާހުގެ އަޅުތަކުންގެ މައްޗަށް މަރުލައްވާ, ދިރިދެމިވޮޑިގެންވާ އިލާހު .

62.  ٱلْحَىُّ: ދާއިމަށް ދިރިދެމިވޮޑިގެންވާ އިލާހު.

63.  ٱلْقَيُّومُ: އަވަހާރަފުޅު އައުމެއް، އަވަހަރަފުޅު ލެއްޕެވުމެއް ނެތި، ދާއިމަށް ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ

64.  ٱلْوَاجِد:  އެއްވެސް އެއްޗަކަށް އަދި ފަރާތަކަށް ބޭނުންވެ ވޮޑިގެން ނުވާ ފުދިވޮޑިގެންވާ އިލާހު:

65.  ٱلْمَاجِدُ: ދަރަޖަ މަތިވެރިވެވޮޑިގެންވާ, ގިނަގިނައިން ދަރުމަ އާއި ޘަވާބު ދެއްވާ އިލާހު.

66.  ٱلْوَاحِدُ:  އެއްވެސް ބައިވެރިޔަކުނުވާ އެއްކައުވަންތަ އިލާހު

67.  ٱلْأَحَد: އެއިލާހާއި އެއްފަދަ އެއްވެސް ފަރާތެއްނުވާ އިލާހު.

68.  ٱلْصَّمَدُ: އެންމެހާ ތަކެތި އެއިލާހަށް ބޭނުންތެރިވެގެންވާ, އަދި އެއްވެސް އެއްޗަކަށް އިއިލާހު ބޭނުންވެވޮޑިގެންނުވާ އިލާހު.

69.  ٱلْقَادِرُ: ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ, އެއިލާހު ބަލިކަށިކޮށްލެވޭނެ އެއްވެސް ފަރާތެއް ނުވާ ގަދަފަދަވަންތަ އިލާހު.

70.  ٱلْمُقْتَدِرُ: އެއިލާހު އިރާދަ ކުރެއްވި އެއްވެސް ކަމަކަށް ހުރަހެއް އެޅިގެންނުވާ, ކުޅަދުންވަންތަ އިލާހު.

71.  ٱلْمُقَدِّمُ: އެއިލާހު އިރާދަ ކުރެއްވި ކަމެއް އިސްކުރައްވާ އަދި އިރާދަ ކުރެއްވި ކަމެއް ފަސްކުރައްވާ, ކަންކަން ވަޒަން ކުރައްވާ އިލާހު.

72.  ٱلْمُؤَخِّرُ: އެއިލާހު އިރާދަ ކުރެއްވި ކަމެއް އިސްކުރައްވާ އަދި އިރާދަ ކުރެއްވި ކަމެއް ފަސްކުރައްވާ, ކަންކަން ވަޒަން ކުރައްވާ އިލާހު.

73.  ٱلأَوَّلُ: އެއިލާހުގެ ވުޖޫދުގައި ފެށުމެއް ނުވާ, އަދި ނިމުމެއް ނުވާ އިލާހު.

74.  ٱلْآخِرُ: އެއިލާހުގެ ވުޖޫދުގައި ފެށުމެއް ނުވާ, އަދި ނިމުމެއް ނުވާ އިލާހު.

75.  ٱلْظَّاهِرُ: ސިކުނޑިތަކަށް އެއިލާހުގެ ޙުއްޖަތް ފާޅު ކުރައްވާ, އެއިލާހު ވޮޑިގެންވާ ކަމުގެ ތަފާތު ހެކިތައް ފާޅު ކުރައްވާ އިލާހު.

76.  ٱلْبَاطِنُ: އެއިލާހުގެ ޚަލްގުތަކުންގެ ލޯތަކަށް ޙިޖާބުވެވޮޑިގެންވާ, އެއިލާހު ވޮޑިގެންވާ ކަމާއި މެދު ޝައްކެއް ވަހްމެއް ނުވާ އިލާހު.

77.  ٱلْوَالِي: ހުރިހާކަމެއް މިލްކުވެވޮޑިގެންވާ އިލާހު

78.  ٱلْمُتَعَالِي: އަޅުތަކުންގެ ޞިފަތަކުން ހުސްޠާހިރުވެ ވޮޑިގެންވާ އިލާހު

79.  ٱلْبَرُّ: ޚަލްގުތަކުންގެ ޙާލަތު ރަގަޅު ކުރައްވާ އެބައިމީހުންނަށް އިޙްސާންތެރިވޮޑިގެންވާ އިލާހު.

80.  ٱلْتَّوَّابُ: އަޅުތަކުންގެ ތައުބާ ގިނަގިނައިން ގަބޫލު ކުރައްވާ އިލާހު

81.  ٱلْمُنْتَقِمُ : ބަދަލުހިއްޕަވާ ރަސްކަލާނގެ.

82.  ٱلْعَفُوُّ : ކުށްފާފަތަކަށް ޢަފޫ ކުރައްވާ އިލާހު.

83.  ٱلْرَّؤُفُ: އެއިލާހުގެ އަޅުތަކުންނަށް ގިނަގިނައިން އޯގާތެރިވެވޮޑިގެންވާ އިލާހު

84.  مَالِكُ ٱلْمُلْكُ: ހުރިހާ ކަމެއްގެ މިލްމުވެރި, އަދި ހުރިހާ ކަމެއް އެއިލާހުގެ ބާރުގެ ދަށުގައިވާ އިލާހު.

85.  ذُو ٱلْجَلَالِ وَٱلْإِكْرَامُ: ގަދަ ކީރިތިވަންތަ ޤަދަރު މަތިވެރިވެގެންވާ ރަސްކަލާނގެ

86.  ٱلْمُقْسِطُ: ނިޔާކަނޑައެޅުއްވުމުގައި ޢަދުލުވެރިވެވޮޑިގެންވާ އިލާހު

87.  ٱلْجَامِعُ: ޙިސާބު ބައްލަވާ ދުވަހު އެންމެހައި ޚަލްގުތަކުން އެއްކުރައްވާ އިލާހު

88.  ٱلْغَنيُّ: އެއިލާހުގެ އަޅުތަކުންގެ ކިބައިން ފުދިވޮޑިގެންވާ, އަދި އެއިލާހުގެ އަޅުތަކުން އެއިލާހުގެ ރަޙްމަތަށް ބޭނުން ޖެހިފައިވާ އިލާހު

89.  ٱلْمُغْنِيُّ: އެއިލާހުގެ ޚަލްގުތަކުންނަށް މުދަލާއި ދަރިން ދެއްވާ ތަނަވަސްކޮށްދެއްވި އިލާހު.

90.  ٱلْمَانِعُ: އިރާދަ ކުރެއްވި ކަމެއް މަނާކުރައްވާ, އިރާދަ ކުރެއްވި ބަޔަކަށް ދެއްވުން މަނާ ކުރައްވާ, އަނެއް ބަޔަކަށް ބަލިމަޑުކަން އަޔާ ނުދީ މަނާ ކުރައްވާ އިލާހު.

91.  ٱلْضَّارُ: އެއިލާހު އިރާދަ ކުރެއްވި ފަރާތަކަށް ގެއްލުންވާނެ ގޮތް, އަދި އިރާދަ ކުރެއްވި ފަރާތަކަށް ފައިދާވާނެ ގޮތް މިންވަރު ކުރައްވާ އިލާހު.

92.  ٱلْنَّافِعُ: ފައިދާ މިންވަރުކުރައްވާ ރަސްކަލާނގެ.

93.  ٱلْنُّورُ: އެއިލާހުގެ ހިދާޔަތުން މަގުފުރެދިފައިވާ މީހާ އަށް ހެޔޮމަގު ދައްކަވާ, އެއިލާހުގެ ނޫރުގެ ސަބަބުން ހުރިހާކަމެއް ދެކެވޮޑިގެންވާ އިލާހު.

94.  ٱلْهَادِي: އެއިލާހުގެ ހިދާޔަތުން މީސްތަކުންނަށް ތެދުމަގު ދައްކަވާ, އަދި އެއިލާހުގެ ހިދާޔަތުން ޙައިވާނުންނަށް އެބައިމީހުންނަށް އެންމެ މަޞްލަޙަތު ރަގަޅުގޮތް ދައްކަވާ އެތަކެއްޗަށް ގެއްލުންވަނިވި ގޮތްތަކުން ދުރުހެލި ކުރައްވާ އިލާހު.

95.  ٱلْبَدِيعُ: ކުރީގެ މިޘާލެއް ނުވާ ދުނިޔެ އީޖާދު ކުރެއްވި އަދި އެކަމުގައި އެއިލާހާއި އެކު އެއްވެސް ބައިވެރިޔަކު ނުވާ އިލާހު

96.  ٱلْبَاقِي: ދާއިމަށް ދިރިދެމިވޮޑިގެންވާ އިލާހު.

97.  ٱلْوَارِثُ: ހުރިހާ މަޚްލޫގުން ހަލާކުވެދިޔުމަށްފަހު ދެމިވޮޑިގެންވާ އިލާހު

98.  ٱلْرَّشِيدُ: އަޅުތަކުންގެ މަޞްލަޙަތުހުރި ގޮތް އަންގަވާ ދެއްވާ, ސުވަރުގެ އާއި ޘަވާބު ލިބެނިވި މަގުތައް ބަޔާންކޮށްދެއްވި އިލާހު.

99.  ٱلْصَّبُورُ: އުރެދޭ މީހުންނަށް ޢުގޫބާތްދެއްވުމުގައި އަވަސްވެވޮޑިގެން ނުވާ އިލާހު 

އޮނަސައްތަ އިސްމްފުޅުގެ މާނަ އާއި ޝަރަހަ ބަޔާންކޮށް ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އެވެ. މިއީ ޑރ. އިޔާޟް އާއި ގުޅިގެން މިއަދުނޫހުން ކޮށްފައިވާ މަސައްކަތެކެވެ. އޮނަސައްތަ އިސްމްފުޅަކީ ކޮންމެ މުސްލިމަކަށްވެސް ކޮންމެހެން އެނގެން ޖެހޭ ﷲ ތަޢާލާގެ އިސްމްފުޅުތައް ނަމަވެސް މިހާރު ގިނަބައަކަށް ނުއެނގޭތީ ފަސޭހައިން އަންގައިދިނުމަށް މިއަދުނޫހުން ޑރ. އިޔާޟްގެ އެހީތެރިކަމާއިއެކު ކޮށްފައިވާ މަސައްކަކަތެކެވެ. 

ދުޢާއަކީ މިމަސައްކަތުގެ ފައިދާ ވީހާގިނަ ބައަކަށް މިންވަރުކުރެއްވެވުމެވެ. އާމީން

          

                

 

މިއަދު އޮންލައިން