ބައިވެރިޔާގެ ލޯތްބާ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެންމެ ފަސޭހައިން ލިބެން އޮތް މަގު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބައިވެރިޔާގެ ލޯތްބާ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެންމެ ފަސޭހައިން ލިބެން އޮތް މަގު-!

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމެވެ. ދެން އެންމެ ބޮޑަށް ބޭނުންވާނީ ބައިވެރިޔާގެ ލޯބި ލިބުމެވެ. ވީމާ މިކަމަށް އޮތް އެންމެ ފަސޭހަމަގަށް ބަލައިލަމާހެއްޔެވެ؟ 

ﷲ ތަޢާލާއަށްޓަކައި މީހަކު ދެކެ ނުވަތަ މީސްތަކުން ދެކެ ލޯބިވާނަމަ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ ބައިވެރިޔާ ދެކެ ލޯބިވާންވީ ވެސް ﷲ ތަޢާލާއަށްޓަކައެވެ. އެއިރުން ތިބާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ އެމީހަކަށްމަލާއިކަތުންގެ އިތުރުން ދުނިޔޭގެ އެންމެންގެ ލޯބިވެސް ލިބިގެންދާނެއެވެ. 

މިއަދު މިވާގޮތަކީ ޙަޔާތުގެ ބައިވެރިން އިޚްތިޔާރުކުރެވެނީ އޭނާގެ ސިފައަށް ލޯބިންނެވެ. ނުވަތަ އޭނާއަށް ލިބިފައިވާ ތަނަވަސްކަމަށް ލޯބިންނެވެ. މިއީ ލޯބިވާން އޮތްގޮތެއް ނޫނެވެ. ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ. 

ﷲ ތަޢާލާއަށްޓަކައި މީހަކު ދެކެ ލޯބިވެވިއްޖެނަމަ އެމީހަކަށް ވަފާތެރިވާނެއެވެ. ޚިޔާނާތްތެރިއެއް ނުވާނެއެވެ. ރަޙުމްކުރާނެއެވެ. އަޅައިލާނެއެވެ. ފަރުވާތެރިވާނެއެވެ. ބަސްބުނާނީވެސް ކަންކަންކޮށްދޭނީވެސް ލޯބިންނެވެ. އަނިޔާވެރި އެއްވެސް ޢަމަލެއް ނުކުރާނެއެވެ. ހަރުކަށިކަމާއެކު އެންމެ ކުޑަމިނުން ބަހެއްވެސް ނުބުނާނެއެވެ. 

މިކަންކަން ގެއްލިގެންދަނީ ﷲ ތަޢާލާއަށްޓަކައި ލޯބި ނުވެވޭތީއެވެ. އަދި އެނގިގެން މިދިއައީ ﷲ ތަޢާލާއަށްޓަކައި ލޯބިވުމުން ދިރިއުޅުމުގައި މިހާރު މިޖެހޭ އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމެވެ. ދެމަފިރިންގެ ދިރިއުޅުމުގެ އަމާޒަކަށްވާނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބި އާޚިރަތް ކާމިޔާބުކުރެވުން ކަމެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން