އެއް ބާވަތުގެ ފާފަކުރެވިގެން ގިނަގިނައިން ތައުބާވާން ބިރުވެތިވެ އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އެއް ބާވަތުގެ ފާފަކުރެވިގެން ގިނަގިނައިން ތައުބާވާން ބިރުވެތިވެ އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ!

ﷲ ތަޢާލާ އީ މީސްތަކުން ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާ ރަސްކަލާނގެއެވެ. މީސްތަކުން ގިނަގިނައިން ތައުބާވުމަށް ލޯބިފުޅު ކުރައްވަވާ ރަސްކަލާނގެއެވެ. އެހެންކަމާއިއެކުވެސް އެއްބާވަތުގެ ފާފަ ގިނަގިނައިން ކުރެވިގެން ތައުބާވާން ޖެހޭނަމަ އެކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. ބިރުވެތިވާން ޖެހޭނެއެވެ. ލަދުވެތިވާންވެސް ޖެހޭނެއެވެ. އެހެނީ އެކަން އެގޮތަށް މެދުވެރިވާނަމަ އެކަމުން އެނގެނީ ތިމާ އިޞްލާޙްކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމާއި އެކަންކަން އިޞްލާޙްކުރަން ޖެހޭ ކަމެވެ.

މި ބަޔާންކުރި ފަދަ ޙާލަތު މެދުވެރިވާނަމަ ރަނގަޅަށް ވިސްނާށެވެ! ގާތް އެކުވެރިންނާއި މަޝްވަރާކުރާށެވެ! ޢިލްމުވެރިންގެ ލަފާވެސް ހޯދާށެވެ! ތިމާގެ ހުރި ބަލި ފައަކީ ކޮބައިކަން ދެނެގަނެ އެކަން އިޞްލާޙްކުރަން މަސައްކަތްކުރާށެވެ!

ފާފައެއް ކުރެވިއްޖެނަމަ ވީހައި އަވަހަކަށް ތައުބާވުމަށް އެންގެވީ ވެސް ﷲ ތަޢާލާއެވެ. ކިތަންމެ ގިނަފަހަރު ފާފަކުރެވުނު ނަމަވެސް، ކިތަންމެ ގިނަ ފާފަކުރެވުނު ނަމަވެސް ތައުބާވުމަށް އެންގެވީވެސް ﷲ ތަޢާލާ އެވެ. ހަމައެއާއިއެކު ވިސްނަންޖެހޭ އެންމެ މުހިންމު ކަމަކީ ފާފަނުކުރުމަށާއި ފާފަ ކުރެވޭނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށް އަމުރުފުޅު ކުރެއްވެވީވެސް ހަމަ ﷲ ތަޢާލާ ކަމެވެ.

"މިފަހަރު އަދި ފާފަކޮށްލާނީ! ﷲ ތަޢާލާ ފާފަ ފުއްސަވައި ދެއްވަވާނެ!" ކަމުގެ ވިސްނުން ގެންގުޅެން ހެޔޮ ނުވާނެއެވެ! ﷲ ތަޢާލާ ފާފަ ފުއްސަވައި ދެއްވަވާނީ އެކަލާނގެ ރުހިވޮޑިގަންނަވާ އަޅުންނަށް ކަމަށް ކީރިތި ޤުރްއާނުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ އަހަރެމެން ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންގެތެރޭގައި ހިމެނުމަށެވެ. އެފަދަ މީހަކަށް ވެވޭނީ ފާފަކުރުމުން ދުރުހެލިވެހުރެގެންނެވެ.

އާޚިރަތް އެދޭ މީހާ މިބަޔާންކުރި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ޤިޔާމަތް ދުވަހު ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ ފާފަކުރުމާއި ދުރަށް ޖެހުނު ވަރަކުންނެވެ. ވީމާ މި ބަޔާން ކުރި ކަންކަމަށް ވަރަށް ބޮޑަށް ވިސްނައި ފާފަކުރުމާއި ދުރުހެލިވާން ގަދައަޅައި މަސައްކަތްކުރާށެވެ!

ކޮންމެވެސް މީހަކީ ތިބާ އެހީއަށް އެދުމުން އެހީތެރިވެދޭ މީހަކަށްވެދާނެއެވެ. އެހެން ކަމާއިއެކުވެސް އެއް ބާވަތެއްގެ ކަންކަމުގައި ތަކުރާރުކޮށް އެހީއަށް އެދޭނަމަ އެމީހާ ވެސް ފޫހިވާނެއެވެ.

--ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން