އަރަހުށި މާތް ﷲ އިންސާނާ ނެތުމުގެ ތެރެއިން ހައްދަވައި މިދުނިޔެއަށް ފޮނުއްވައި އެއިންސާނާއަށް ގިނަގުނަ ނިޢުމަތް ތައް ދެއްވައި އެއިންސާނާ އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް ބަޔާންކޮށް ދެއްވުމަށްޓަކައި ރަސޫލުން ފޮނުއްވައި އެބޭކަލުންގެ ޒަރިއްޔާއިން ﷲ ސުބުޙާނަހޫވަތަޢާލާ ގެ ހިދާޔަތުގެ ތެދުމަގު ބަޔާންކޮށްދެއްވައި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެކަލާނގެ މަނާކުރެއްވި ކަންތައްތައް ދޫކޮށްލައިގެން މިދުނިޔޭގައި ދިރިއުޅުނު ބަޔަކަށް އާޚުރަތްދުވަހުން ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާނޭކަން އަންގަވައި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންނުވެ އެކަލާނގެ މަނާކުރެއްވި ކަންތައްތަކަށް އަރައިގަންނަ މީހުންނަށް ނަރަކައިގެ ވޭންދެނިވި ޢަޛާބު ދެއްވާނޭކަން އަންގަވާފައިވާއިރު އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ވެގެންވަނީ އެނަރަކައިގެ ގަދަފަދަ ޢަޛާބުން ސަލާމަތްވެ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބޭގޮތަށް މިދުނިޔޭގައި ދިރިއުޅެމުން ގެންދިއުމެވެ. އަޅުގަނޑުމެން ދިރިއުޅެންވީ ފުރިހަމަގޮތް އެކުލެވިގެންވަނީ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައެވެ. މިދޭތީގައި ހިފަހައްޓައިގެން ތިބިބަޔަކު
މަގުފުރެދިގެން ނުދާނޭކަމުގެ އުފާވެރި ޚަބަރު ސަލާމާއި ޞަލަވާތް ލެއްވި އިތުރު ނަބީކަލޭގެފާނު ޙައްޖަތުލްވަދާޢުގައި މިއުންމަތަށް ދެއްވާފައި ވެއެވެ.
އާދޭހެވެ! މާތްވެގެންވާ އިސްލާމްދީނަކީ ޢަޤީދާ އާއި ޢިބާދާތާއި މުޢާމަލާތާއި ދިރިއުޅުމުގެ އެންމެހާ ނިޡާމުތައް އެންމެފުރިހަމަ ގޮތުގައި އެކުލެވިގެންވާ ދީނެވެ. އިސްލާމްދީނުގެ ބިންގަލަކީ ޢަޤީދާއެވެ. އީމާންކަމެވެ. އީމާންވެގެން މެނުވީ ތިމާގެ އެއްވެސް ޢަމަލެއް ޞައްޙައެއް ނުވާނެއެވެ.
މާތްވެގެންވާ އިސްލާމްދީނަކީ ކޮންމެ ޒަމާނަކާއި ކޮންމެ މަކާނެއްގައިވެސް އެދީނާއެއްގޮތައް އުޅެވޭނެ ލުއިފަސޭހަދީނެވެ. މާތް ﷲ އަޅުގަނޑުމެންނަށް ޖައްސަވާފައިވަނީ ލުއިފަސޭހަ ތަކްލީފުތަކެވެ. ލުއިފަސޭހަދީނޭ ބުނެވޭބަހުގެ މާނައަކީ، ތިމާގެ އަމިއްލަ އެދުމާއެއްގޮތަށް ދީނުގެ ޙުކުމްތައް ބަދަލުކުރާ ވާހަކައެއްނޫނެވެ. ކޮންމެ ޒަމާނަކާ ކޮންމެމަކާނެއްގައިވެސް މިދީނާއިއެއްގޮތަށް ދިރިއުޅެވޭނެއެވެ. މާތްﷲ ގެ ޙުކުމްފުޅާ އެއްގޮތަށް މީހުންގެ ދިރިއުޅުން ބަދަލުކުރަންޖެހޭނެއެވެ. އެއްވެސް ޙާލެއްގައި ޒަމާނާއެއްގޮތަށް ދީނުގެޙުކުމްތައް ބަދަލުކުރުމަކީ ހުއްދަވެގެންވާކަމެއްނޫނެވެ. ތަރައްޤީވުމަކީ ކޮބައިކަން އޮޅުވާލާކަށެއް ނުވާނެއެވެ. އެއިޑްސްބަލި އުފެދުމަށް މެދުވެރިވިކަހަލަ ވަޙްޝީ އަދި ފާޙިޝް ޢަމަލުތައް ކުރުމަކީ ތަރައްޤީވުމުގެތެރޭގައި ހިމެނޭކަމެއްނޫނެވެ. ފާޙިޝްކަންތައްތަކަށް އަރައިގަތުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމްތައް ހިންގުމަކީ ތަރައްޤީވުމުގެތެރޭގައި ހިމެނޭކަމެއްނޫނެވެ. މިފަދަކަންކަމީ ދުނިޔެވީގޮތުން ބެލިނަމަވެސް ތަރައްޤީވުމާއި ޚިލާފުކަންކަމެވެ.
ދެންފަހެ މިފަހަކަށްއައިސް މާތްވެގެންވާ އިސްލާމްދީނުގެ ޙުކުމްތައް ބައެއްމީހުންގެކައިރީގައި ދެބަޔަކަށް ބެހިފައިވާކަހަލައެވެ. އެއީ ބޮޑެތިކަންތައްތަކާއި ކުދިކަންތައްތައް ކަމުގައި އެބަޔަކު ދެކޭކަހަލައެވެ. މީގެ ތެރެއިން ބޮޑެތި ކަންތައްތަކުގެތެރެއިން ކަމަކާމެދު ވާހަކަދައްކައިފިނަމަ އޮންނަނީ ސިޔާސަތާބެހޭ ކަމަކަށްވެގެން ގޯސްވެފައެވެ. ނަމަވެސް ސިޔާސަތާބެހޭވާހަކަ ދެއްކުމަކީ ޑިމޮކްރަސީ އުޞޫލުގައި ކުރަންޖެހޭކަމެއްކަން މިބައިމީހުނެއް ނުދަނެއެވެ.
ކުދިކަންތައްތަކުގެ ތެރެއިން ކަމަކާމެދު ވާހަކަދައްކައިފިނަމަ އޮންނަނީ ޢާއްމުންގެ މެދުގައި ފިތުނަ އުފެދޭކަމަކަށްވެގެން ގޯސްވެފައެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ ކުޑަކަމުދިއުމަކީވެސް ކުޑަކަމެއްނޫނެވެ! ކުޑަކަމުދިއުމާއިގުޅިފައިވާ ޙުކުމްތަކަކީ މާތްﷲ އަށް އީމާންވާ މީހަކަށް ކުޑަކަމެއްނޫނެވެ. ކުޑަކަމުދާއިރު އެނަޖިހުން ރައްކާތެރިވާކަމުގައިނުވި މީހަކަށް ކައްވަޅުގެ އަޤާބު ދެއްވިކަމުގައި ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ.
ރައްކާތެރިވުމޭ ބުނެވޭބަހުގެ މުރާދަކީ ކުޑަކަމުގޮސްފައި اِسْتِبْرَاء ކުރުމާއި ކުޑަކަމުދާއިރު ބުރައިގެންދާތިކިތަކުން ރައްކާތެރިވުމާއި اِسْتِنْجَاء ކުރުން ނުވަތަ اِسْتِجْمَار ކުރުންފަދަ ކަންކަމެވެ. ދީނުގެ އެތައްގިނަ ޙުކުމްތަކެއް އެކުޑަކަމުގެމައްޗަށް ބިނާވެގެންވެއެވެ. ކެއިންބުއިމާއި ވުޟޫއާއި ނަމާދުފަދަ އެތައްކަމެއް ޞައްޙަވުމާއި ނުވުން އެކުޑަކަމުގެމައްޗަށް ބިނާވެގެންވެއެވެ. ވުމާއިއެކު ކުޑަކަމުގޮސްފައި ތާހިރުނުވާ މީހަކު ތިމާއަށް ފެނިއްޖެނަމަ އެއީ ކުޑަކަމެއްކަމުގައި ނުބަލައި ޙިކްމަތްތެރިކަމާއެކު އެމުންކަރާތްތައް މަނާކުރުމަކީ ތިމާގެ ވާޖިބެކެވެ. މިފަދަ މިފަދަ މުންކަރާތްތައް މަނާކުރުމަށްޓަކައި ޢަރަބިބަހުގެ ފާހެއް އޮންނާކަށެއް ނުޖެހެއެވެ. މުސްލިމަކަށް ވުމުގެ ނިޢުމަތް ލިބުމުން އެއޮތީ ފާސްލިބިފައެވެ. ހެއުލަފާބަހެއް ބުނުމަކުން ނުވަތަ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަމެއް ކުރުމަކުން ނުވަތަ ދީނުގެ ޙުކުމެއް އޮޅުންފިލުވައިދިނުމަކުން މީސްތަކުންގެމެދުގައި ފިތުނަފަސާދައެއް ނޫފެދޭނެއެވެ. ފިތުނަފަސާދަ އުފެދެނީ ހެއުކަންތަކާއި ދެކޮޅު ހެދުމުންނެވެ. ހެއުކަންތަކާއި ދެކޮޅުހަދާ މީހުންނާއިމެދު އިސްލާމީ ވެރިކަމުގެފަރާތުން ފިޔަވަޅު އަޅުއްވައި އެބަޔަކު އިޞްލާޙް ކުރުވަންވާނެއެވެ. ދީނުގެ ކަމަކާއިމެދު ހަޖޫކިއުމަކީ ހެއުކަންތަކާއި ދެކޮޅުހަދާ މީހުންގެ ކަމެކެވެ. އަދި ކީއްތޯއެވެ؟ އިސްލާމްދީނުގެ ޙުކުމާމެދު ހަޖޫކިޔުމަކީ ދީނުންބޭރުވެ މުރުތައްދުވާ ކަމެކެވެ. ކާފަރުވާކަމެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ، قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ (65) لا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ .
މާނައަކީ: " ހަމަކަށަވަރުން ކަލޭގެފާނު އެބައިމީހުންނާއި ސުވާލުކުރައްވައިފިނަމަ އެބައިމީހުން ދަންނަވާނެކަން ކަށަވަރެވެ. ތިމަންމެން ވީކަންކަށަވަރީ ހަމައެކަނި ވާހަކަދައްކާ އަދި ކުޅިވަރު ކުޅޭ ކަމުގައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ފުރައްސާރަކޮށް މަލާމާތްކުރަންވީ ﷲ އަށާއި އެކަލާނގެ އާޔަތްތަކަށާއި އެކަލާނގެ ރަސޫލާއަށްހޭ؟ ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އީމާންވުމަށްފަހު ތިޔަބައިމީހުން ކާފަރުވެއްޖެއީމުއެވެ."
އަދި ނުނިމޭ
- މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރި ލިޔުމަކުން