ދުޢާ އިޖާބަކުރެއްވެވުން ލަސްވާނަމަ ދުޢާ ކުރެވެނީ ޤުރްއާނުގައިވާ ގޮތަށްކަން ޔަޤީންކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ދުޢާ އިޖާބަކުރެއްވެވުން ލަސްވާނަމަ ދުޢާ ކުރެވެނީ ޤުރްއާނުގައިވާ ގޮތަށްކަން ޔަޤީންކުރާށެވެ!

ދުނިޔޭގައި ތިބި 6 ބިލިއަނަށްވުރެ ގިނަ އެންމެން ކުރާ ހުރިހާ ދުޢާތަކެއް އެކުގައި އެއްފަހަރާ އިޖާބަ ކުރައްވަވައި އެމީހުންގެ ހުރިހާ ބޭނުންތަކެއް ފުއްދަވައި ދެއްވެވި ނަމަވެސް ކަނޑަށް ތިނޯހެއް ބާނާފައި ނެގުމުން ކަނޑުން މަދުވާ ލޮނުތިއްކާ އެއްވަރުގެ އަދަދަކަށްވެސް ﷲ ތަޢާލާގެ ޚަޒާނާއިން މަދެއް ނުވާނެއެވެ.

މީސްތަކުންނޭވެ! ކުރާ ދުޢާ އިޖާބަކުރެއްވެވުން ލަސްވާނަމަ އެންމެ ފުރަތަމަ ވެސް ވިސްނައިލަންވީ ދުޢާ ކުރެވެނީ ﷲ ތަޢާލާ އެންގެވި ގޮތާއިމެދުގައެވެ. ތިމާއަށް އަޅުކަން މިކުރެވެނީ "އެކަލާނގެއަށް އަޅުކަން ޚާލިޞް ކުރާ ޙާލުގައި" ކަމާއިމެދުގައެވެ!

އަހަރެމެންގެ ތެރެއިން ގިނަ ބައަކު އަޅުކަން ކުރެއެވެ. ނަމަވެސް ދުޢާ ކުރުމާއިމެދު ޣާފިލުވެއެވެ. އެއީ ދުޢާކުރުމުގެ މުހިންމުކަމާއި ދަރަޖަ ނުއެނގޭތީއެވެ.

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ "ދުޢާކުރުމަކީ އަޅުކަންކުރުމުގެ (ޢިބާދާތުގެ) މައިބަދަ" ކަމުގައެވެ. އެހެންކަމަށްވާއިރު މައި ބަދަ ވަރުގަދަ ނުކޮށް ކަމެއް ވަރުގަދަ ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ބައިބަދަ ބަލިކަށިވެއްޖެނަމަ އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ އޮންނަން ޖެހޭނީ އެނދުމަތިވެފައި ނޫން ހެއްޔެވެ؟

އަންނަނިވި ދެ އާޔަތަށް ވިސްނާށެވެ!

"ފަހެ، ތިޔަބައިމީހުން ﷲ އަށް ދުޢާ ކޮށް، އަޅުކަން ކުރާށެވެ! އެކަލާނގެއަށް އަޅުކަން ޚާލިޞް ކުރާ ޙާލުގައެވެ. ކާފިރު ތަކުން ނުރުހުނު ކަމުގައިވިޔަސްމެއެވެ." (ޣާފިރް: 14)

"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިމަން ރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު އެއުރެން ނަރަކަޔަށް ވަންނާނެތެވެ." (ޣާފިރު: 60)

ފުރަތަމަ އާޔަތުގައި ވަރަށް ސާފު ޢިބާރާތުން ވަޙީކުރައްވަވާފައި އެވަނީ ދުޢާކޮށް އަޅުކަން ކުރުމަށެވެ. ކޮންފަދައަކުން ހެއްޔެވެ؟ އެކަލާނގެއަށް އަޅުކަން ޚާލިޞް ކުރާ ޙާލުގައެވެ.

ދެވަނަ އާޔަތުގައި އެވަނީ ދުޢާ ކުރުމަށް އަމުރުފުޅު ކުރައްވަވައިފައެވެ. އަދި ހަމަ ވިދިގެން ވަހީ ކުރައްވަވާފައި އެވަނީ " ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ." ވީމާ ކުރާ ދުޢާ ޢިޖާބަ ކުރައްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެވަނީ ދެއްވަވައިފައެވެ. އޮތީ ހަމައެކަނި އެންމެ ޝަރުޠެކެވެ. އެއީ "އެކަލާނގެއަށް އަޅުކަން ޚާލިޞް ކުރާ ޙާލުގައި" އަޅުކަންކޮށް ދުޢާ ކުރުމެވެ. ހަމައެއާއިއެކު މި ދެ އާޔަތުންވެސް އެނގިގެންދަނީ ދުޢާ ކުރުމަކީ އަޅުކަމުގެ ބައެއް ކަމާއި ދުޢާ ކުރުމަކީ ﷲ ތައާލާގެ އަމުރުފުޅެއް ކަމެވެ.

ވީމާ ދުޢާ ކުރަން ފަރުވާކުޑަނުކުރާށެވެ! ވީހައި ގިނަގިނައިން ދުޢާކުރާށެވެ!

--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން