އަބޫޛައްރުގެފާނު 2: އަބޫޛައްރުގެފާނުގެ ދިރިއުޅުއްވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 14ސ
އަބޫޛައްރުގެފާނު 2: އަބޫޛައްރުގެފާނުގެ ދިރިއުޅުއްވުން

ޢަލީ އިޙްސާން ފިރާޤު

ތަބޫކު ހަނގުރާމައަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ނިކުމެވަޑައިގެންނެވި ދުވަހު އަބޫޛައްރުގެފާނުވެސް މާތް ރަސޫލާއާ އެކުވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ޖަމަލު ބަލިވުމުގެ ސަބަބުން އެކަލޭގެފާނު ވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ ލަޝްކަރުގެ މާ ފަހަތުންނެވެ. އެދުވަހު މާތް ރަސޫލާ صلّى اللّـه عليه وسلّم މީސްތަކުންނާ މުޚާތަބު ކުރައްވާ ޙަދީޘު ކުރެއްވިއެވެ.

[އަބޫޛައްރުގެ ކިބައިގައި އެއްވެސް އެއްވެސް ހެޔޮކަމެއް ވާނަމަ، މާތް ﷲ އޭނާ އާ ތިޔަބައިމީހުންނާ ބައްދަލުކުރެވޭނެ ގޮތް މިންވަރު ކުރައްވާނެއެވެ. އޭނާގެ ކިބައިގައި އެއްވެސް ހެޔޮ ކަމެއް ނުވާނަމަ، އޭނާގެ ކިބައިން ތިޔަބައިމީހުން ސަލާމަތް ކުރައްވާނެއެވެ.]

އަބޫޛައްރުގެފާނު މަސައްކަތްޕުޅު ކުރައްވަ ކުރައްވާވެސް އެކަލޭގެފާނުގެ ޖަމަލު ކުރިއަށް ދާގޮތެއް ނުވިއެވެ. އެހެންކަމުން އެކަލޭގެފާނު އެކަލޭގެފާނުގެ ފޮށިތަންމަތި ކޮނޑުފުޅަށް ލައްވައިގެން ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ލަޝްކަރު ވަޑައިގެންނެވި ނިޝާންތައް ބައްލަވަމުން ދަތުރުފުޅު ކުރައްވަމުން ވަޑައިގެންނެވިއެވެ. މާތް ރަސޫލާ ދަތުރުފުޅު ކުރައްވަމުން ވަޑައިގެން މަންޒިލަކަށް ފައިބައިވަޑައިގެން މަޑުކޮށްލެއްވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. [އެ އަންނަ މީހަކީ އަބޫޛައްރު ކަމުގައި ލައްވަށީއެވެ.]

ޞަޙާބީން އެދިމާއަށް ނަޒަރު ހިންގަވައިލެއްވުމަށްފަހު، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އެއީ ހަމަ އަބޫޛައްރެވެ.] އެ އަޑު އައްސަވައި މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [މާތްﷲ އަބޫޛައްރަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ. އޭނާ ހިންގަވައިފައި އެވަޑައިގަންނަވީ އެކަންޏެވެ. އޭނާ އަވަހާރަވާނީވެސް އެކަންޏެވެ. އޭނާ މަހުޝަރު ކުރައްވާނީވެސް އެކަންޏެވެ.] {ޑރ. ޢަލީ މުޙައްމަދު އައްޞަލާބީ، ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 430-431}

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ގިނަ ވަގުތު ހޭދަކުރެއްވުމަކީ އަބޫޛައްރުގެފާނަށް ލިބިވަޑައިގަންނަވާ ޚާއްޞަ އުފާފުޅެކެވެ. މާތް ރަސޫލާވެސް އެކަލޭގެފާނަށް ނުހަނު ބޮޑަށް ރިޢާޔަތް ކުރައްވައެވެ. ހެޔޮ ނަޞޭހަތްޕުޅާއި އިރްޝާދުތައް ދެއްވައެވެ. އެއްފަރަކު އަބޫޛައްރުގެފާނަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އޭ އަބޫޛައްރެވެ. ކަލޭގެފާނުގެ ގޭގައި ރިހައެއް ނުވަތަ ސުރުވާ ފޮދެއް ކައްކަވާނަމަ، އެއަށް ގިނައިން ފެން އަޅުއްވައިގެން ކައްކަވާށެވެ. އަދި އެއިން ކަލޭގެފާނުގެ އަވައްޓެރިންގެ ފޯރުކޮށްދެއްވާށެވެ.] {صحيح مسلم ، كتاب البر والصلة والآداب، باب الْوَصِيَّةِ بِالْجَارِ وَالإِحْسَانِ إِلَيْهِ ‏ ، ޙަދީޘް ނަންބަރު 2625} 

އެހެން ފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم އަބޫޛައްރުގެފާނަށް ޙަދީޘް ކުރެއްވިއެވެ. [މާތްﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ކަލިމަތަކަކީ ކޮބައިން ކަލޭގެފާނަށް ބުނެދޭން ހެއްޔެވެ؟] އަބޫޛައްރުގެފާނު ވިދާޅުވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. މާތްﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ކަލިމަތަކަކީ ކޮބައިކަން އަޅުގަނޑަށް ވިދާޅުވެ ދެއްވާށެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [މާތްﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ކަލިމަތަކީ سُبْحَانَ اللَّهِ وَبِحَمْدِهِ އެވެ. {صحيح مسلم ، كتاب الذكر والدعاء والتوبة والاستغفار، باب فَضْلِ سُبْحَانَ اللَّهِ وَبِحَمْدِهِ ‏، ޙަދީޘް 2731}

 

އަދި ނުނިމޭ

މިއަދު އޮންލައިން