ޢަލީ އިޙްސާން ފިރާޤު
ޚަލީފައިންގެ ދައުރުގައި
ޚަލީފައިންގެ ދައުރުގައި ކުރެވުނު ބޮޑެތި ބޮޑެތި ވަރުގަދަ ހަނގުރާމަތަކުގައި އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހު ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން މުސްލިމުން ޝާމުކަރަ ފަތަޙަކުރުމަށް ކުރެވުނު ހަނގުރާމަ އާއި ބައިތުލް މަޤުދިސް ފަތަޙަ ކުރުމަށް ކުރެވުނު ހަނގުރާމައިގައި އަބޫ ޛައްރުގެފާނު ބައިވެރިވެވަޑައިގެންނެވި ކަމަށް އިމާމު ޛަހަބީ ސިޔަރު ޢައުލާމުއް ނުބަލާއުގައި ލިޔުއްވައިފައިވެއެވެ.
ޚަލީފާއިންގެ ދައުރުގައި އިސްލާމީ ފުތޫޙާތު ފުޅާވެގެން ދިޔައެވެ. މުސްލިމުންގެ މާލީ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވެގެން ދިޔައެވެ. މުސްލިމުން އެބައިމީހުންގެ ސާދާ ދިރިޅުން ދޫކޮށް މުދަލާއި ފައިސާ އެއްކުރަން ފެށިއެވެ. މުދަލާމެދު އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހު ގެންގުޅުއްވީ ވަރަށް ތަފާތު ވިސްނުންފުޅެކެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެހެން ތިމާގެ ހާޖަތްތައް ފުއްދި އިތުރުވާވަރަށް މުދާ ރައްކާތެރިކޮށް ޚަޒާނާ ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ނަމަވެސް ޞަހާބީންގެ ދެން ތިއްބެވި ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި މުދަލުގެ ޙައްޤުތައް އަދާ ކުރުމަށްފަހު މުދާ ރައްކާކުރުން ނުވަތަ މުދަލުގެ ނިއުމަތުގެ އުފާ ލިބިގަތުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.
އެޒަމާނުގައި މީސްތަކުން ސަވާރީތަކާއި ފޭރާން ގިނައިން ގަންނަ މަންޒަރު ފެނިވަޑައިގެންނެވުމުން އަބޫޛައްރުގެފާނު އެބައިމީހުންނަށް އެކަން މަނާ ކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނު އެބައިމީހުންނަށް އަންގަވަމުން ގެންދެވީ އެބައިމީހުންގެ މުދާ ފަޤީރުންނާއި މިސްކީނުންނަށް ސަދަޤާތް ކުރުމަށެވެ. މުދަލު ޒަކާތަކީ ވާޖިވެކެވެ. ނަމަވެސް ޞަދަޤާތަކީ އެއީ ވާޖިބެއް ނޫނެވެ.
އަބޫޛައްރުގެފާނު ޝާމުކަރައިގައި ހުންނެވި ދުވަސްވަރު އެކަލޭގެފާނާ މުޢާވިޔަތުގެފާނާ ދޭތެރޭގައި މައްސަލައެއް ޖެހުނެވެ. އެ މައްސަލައިގައި އަބޫޛައްރުގެފާނު މަދީނާއަށް ވަޑައިގެންނެވިއެވެ. މަދީނާގައިވެސް އަބޫޛައްރުގެފާނު މުދަލާމެދު ޒާހިދުވުމުގެ ނަޒަރިއްޔާތު ބަޔާން ކުރައްވަމުން ގެންދެވިއެވެ. އެހެންކަމުން ޢުޘްމާނުގެފާނު އެކަލޭގެފާނު މީސްތަކުންނާ އެކަހެރި ތަނެއްގައި ވަޒަންވެރިވުމުގެ އިރްޝާދު ދެއްވިއެވެ. އެކަލޭގެފާނު ޢުޘްމާނުގެފާނުގެ ހުއްދަ ހޯއްދަވައިގެން [ރަބަޛާ] ގައި ވަޒަންވެރިވެވަޑައިގެންނެވިއެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞަލާބީ، ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 424}
އަބޫޛައްރުގެފާނުގެ މާތްކަން
އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހު އަކީ ޞަޙާބީންގެ ތެރެއިން ޚާއްޞަ އިމްތިޔާޒީ މަޤާމެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. އިސްލާމްދީނުގެ އެންމެހައި މަކާރިމްތަކަކުން ޒީނަތްތެރިވެވަޑައިގެން ހުންނެވި ބޭކަލެކެވެ. ތެދުވެރިކަމާއި، އަމާނާތެރިކަމާއި، ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމާއި، ފަގީރުންނާއި މިސްކީނުންނަށް ހޭދަކުރެއްވުމަކީ އެކަލޭގެފާނުގެ ފާހަގަކޮށްލެވޭ ޚާއްޞަ ބައެއް ސިފަތެކެވެ. އަބޫޛައްރުގެފާނުގެ ތެދުވެރިކަމަށް ތާރީފުކުރައްވައި، މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ.
[ مَا أَظَلَّتِ الْخَضْرَاءُ وَلاَ أَقَلَّتِ الْغَبْرَاءُ أَصْدَقَ مِنْ أَبِي ذَرٍّ "{ جامع الترمذي، كتاب المناقب عن رسول الله صلى الله عليه وسلم، ޙަދީޘް 4171}
މާނައީ: [ބިން އެމީހަކު އޭގެ މަތީގައި އުފުލި އަދި އުޑު އެމީހެއްގެ މައްޗަށް ހިޔާއެޅި، އެންމެ ތެދުވެރި މީހަކީ އަބޫޛައްރެވެ.]
އަދި އިމާމު ތިރުމިޒީ ރިވާކުރެއްވި އެހެން ރިވާޔަތެއްގައި އައިސްފައިވަނީ މިދަންނަވާ އިބާރާތުންނެވެ. ބިން އެމީހަކު އޭގެ މަތީގައި އުފުލި އަދި އުޑު އެމީހެއްގެ މައްޗަށް ހިޔާއެޅި، ބަހުގައި އެންމެ ތެދުވެރި، ވަޢުދު ފުއްދާ މީހަކު އަބޫޛައްރު މެނުވީ ނުވެއެވެ. މި ސިފަތަކުގައި އެކަލޭގެފާނު އެންމެ ވައްތަރުކޮޅީ މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނާ ކަމަށް މާތް ނަބިއްޔާ صلّى اللّـه عليه وسلّم ވަނީ ޙަދީޘު ކުރައްވައިފައެވެ. {جامع الترمذي، كتاب المناقب عن رسول الله صلى الله عليه وسلم، ޙަދީޘް 4172}
އެއްފަހަރަކު އަބޫޛައްރުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ގަވަރުނަރުކަން އެކަލޭގެފާނަށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެހިނދު މާތް ރަސޫލާ صلّى اللّـه عليه وسلّم އަބޫޛައްރުގެފާނުގެ ބުރަކަށިފުޅުގައި މަޑުމަޑުން ޖައްސަވައިލައްވާ ޙަދީޘު ކުރެއްވިއެވެ. [އޭ އަބޫޛައްރެވެ. ތިމަންކަލޭގެފާނަށް ކަލޭގެފާނު ފެނިވަޑައިގަންނަވަނީ ބަލިކަށި ޠަބީއަތެއްގެ ވެރި ބޭކަލެއްގެ ގޮތުގައެވެ. ތިމަންކަލޭގެފާނު އަމިއްލަ ނަފްސަށް އެދިވަޑައިގަންނަވާ ކޮންމެ ހެވެއް ކަލޭގެފާނަށް ލިބުމަށް ތިމަންކަލޭގެފާނު އެދިވަޑައިގަންވަމެވެ. ކަލޭގެފާނު ދެމީހެއްގެ މައްޗަށްވެސް ވެރިއަކު ކަމުގައި ވުމަށް އެދިވަޑައިނުގަންނަވާށެވެ. އަދި ޔަތީމު ކުއްޖާގެ މުދާ ބެލެހެއްޓުމުގެ ވެރިއަކަށްވެސް ވެވަޑައި ނުގަންނަވާށެވެ.] {مشكاة المصابيح ،كتاب الإمارة والقضاء، الفصل الأول، ޙަދީޘް ނަންބަރު 3682}
ނުނިމޭ