އަބޫޛައްރުގެފާނު 4: އަވަހާރަވުން، އެތައް ޒަމާނެއް ފަހުން މާތް ރަސޫލާ ޞޢވ, ގެ ނިމުތު ސީދާވުން

ކިޔުމަށް ހޭދަވާނީ 3މ 55ސ
އަބޫޛައްރުގެފާނު 4: އަވަހާރަވުން، އެތައް ޒަމާނެއް ފަހުން މާތް ރަސޫލާ ޞޢވ, ގެ ނިމުތު ސީދާވުން

ޢަލީ އިޙްސާން ފިރާޤު

 

އަވަހާރަވުން

ޒަމާނުގެ ބުރު އެނބުރެމުން ދެއެވެ. އަމީރުލް މުއުމިނީން ޢުޘްމާނު ރަޟިޔަﷲ ޢަންހު ގެ ހުއްދަ ހޯއްދަވައިގެން އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހު ރިބްދާގައި އުޅުއްވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހުގެ އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވުމުން އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އަޅުކުއްޖާއަށް ވިދާޅުވިއެވެ. [އަހަރެން މަރުއްވެޖެނަމަ ހިނަވައި، ކަފުންކޮށް، މަގުމަތީގެ އެއްފަރާތުގައި ބާއްވާށެވެ. އަދި އެތަނަށް އެންމެ ފުރަތަމަ އަންނަ ޤާފިލާގެ މީސްތަކުންނަށް މިއީ އަބޫޛައްރުގެ ގަބުރު ކަމުގައި ބުނާށެވެ.]

އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ އާއިލާގެ ބޭފުޅުން ވަރަށް ރަނގަޅަށް  އެކަލޭގެފާނުގެ ވަޞިއްޔަތްޕުޅާ އަމަލުކުރެއްވިއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ކަފުންކުރައްވައި މަގުމަތީގައި ބޭއްވިތަނުން ޤާފިލާއެއް ދަތުރުކޮށްފައި އަންނަ މަންޒަރު އެބޭފުޅުންނަށް ފެނިވަޑައިގެންފިއެވެ. އެ ޤާފިލާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ނުހަނު އަރިސް ޞަޙާބީއެއްކަމުގައިވާ ޢަބްދުﷲ ބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ޤާފިލާގެ މީސްތަކުން ދަތުރުކުރައްވަމުން ވަޑައިގެން އެ ގަބުރުފުޅާ އަރާ ހަމަކުރެއްވުމުން އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [މިއީ ކޮން އެއްޗެއް ހެއްޔެވެ؟] އެކަލޭގެފާނަށް ދެންނެވުނެވެ. [މިއީ އަބޫޛައްރުގެ ގަބުރުފުޅެވެ.] އެ ވާހަކަ އިވިވަޑައިގަންނަވާއިރަށް އިބްނު މަސްޢޫދުގެފާނު ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސުލާ ﷺ ޙަދީޘް ކުރެއްވީ ޙައްޤު ތެދު ބަސްފުޅެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވައިފައިވެއެވެ. [މާތްﷲ އަބޫޛައްރަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ. އޭނާ ހިންގަވައިފައި އެވަޑައިގަންނަވީ އެކަންޏެވެ. އޭނާ އަވަހާރަވާނީވެސް އެކަންޏެވެ. އޭނާ މަހުޝަރު ކުރައްވާނީވެސް އެކަންޏެވެ.]

އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވަރަށް ފުރިހަމައަށް އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހުގެ ކަށުކަމާ ކެމީގެ ކަންތައްތައް ކުރިއަށް ގެންދެވިއެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރައްވައި ފަސްދާނުވެޑުވިއެވެ. އެކަންތައްތަކުން އަވަދިވެވަޑައިގެން އެނބުރި ވަޑައިގަންނަވާން ފެއްޓެވުމުން އަބޫޛައްރުގެފާނުގެ ދަރިކަނބަލުން އަބޫޛައްރުގެފާނު އަވަހާރަވުމުގެ ކުރީން ކުރެއްވި ވަޞިއްޔަތް ހަނދުމަކޮށްދެއްވިއެވެ. އެކަމަނާ އެ ޤާފިލާގެ މީހުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. 

[އަބޫޛައްރު ތިޔަ ބޭކަލުންނަށް ސަލާމް ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ ކަށުކަމާކެމީގެ ކަންތައް ކުރާ ބަޔަކު، އެކަމުން އަވަދިވުމުން އެބޭކަލުން ފަރީއްކުޅުއްވައިގެން ނޫނީ ވަޑައިނުގަތުމަށް ވަނީ ވަޞިއްޔަތް ކުރައްވައިފައެވެ.]

އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު އާއި އެކަލޭގެފާނުގެ އެކުވެރީން ފަރީކުޅުއްވައި އަވަދިވެވަޑައިގެން މައްކާއަށް ވަޑައިގެންނެވުމަށް ދަތުރުފުޅު ފެއްޓެވިއެވެ. އެބޭކަލުން ވަޑައިގެންނެވީ އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހުގެ އަހުލުއިޔާލުންވެސް ގޮވައިގެންނެވެ. އޭރު އަމީރުލް މުއުމިނީން ޢުޘްމާނު ބުނު ޢައްފާން ރަޟިޔަﷲ ޢަންހު ހުންނެވީ ޙައްޖުވެވަޑައިގެންނެވުމަށްޓަކައި މައްކާގައެވެ. އިބްނު މަސްޢޫދު އާއި އެކަލޭގެފާނުގެ އެކުވެރީން އަބޫޛައްރުގެފާނު އަވަހާރަވީ ޚަބަރު ޢުޘްމާނުގެފާނަށް ދެއްވުމުން އަބޫޛައްރުގެފާނުގެ ދަރިކަނބަލުން ޢުޘްމާނުގެފާނުގެ ބެލެހެއްޓެވުމުން ދަށަށް ގެންނެވިއެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞަލާބީ، ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 430-431}

ސިޔަރު ޢައުލާމުއް ނުބަލާއުގައި، އިމާމް ޛަހަބީ ރަޙިމަހުﷲ ވިދާޅުވެފައިވަނީ އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހު އަވަހާރަވީ ހިޖުރައިން 31 ވަނަ އަހަރުގެ ޛުލްޙިއްޖާމަހުގެ ތެރޭގައި ކަމަށެވެ.

ޢިލްމުވެރިން

އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހަކީ ޞަޙާބީންގެ ތެރެއިން ވަރަށް ޢިލްމުވެރިކަމުގައި ވަރަށް ފާހަގަކޮށްލެވޭ ޞަޙާބީއެކެވެ. ސިޔަރު ޢައުލާމުއް ނުބަލާއުގައި ބަޔާން ކުރައްވައިފައިވާ ގޮތުގައި އަބޫޛައްރުގެފާނުގެ އަރިހުން 281 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. އޭގެ ތެރެއިން ބުޚާރީ އާއި މުސްލިމު އިއްތިފާޤުވެވަޑައިގަންނަވާ ޙަދީޘްތަކުގެ އަދަދަކީ ބާރައެވެ. މީގެ އިތުރަށް ބުޚާރީގައި ދެ ޙަދީޘް އަދި މުސްލިމުގައި ނަވާރަ ޙަދީޘް ވާރިދުވެގެން އައިސްފައިވެއެވެ.

އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ޙަދީޘް ރިވާ ކުރެއްވި ޞަޙާބީ ބޭކަލުންގެ ތެރޭގައި އަނަސް ބުނު މާލިކު ރަޟިޔަﷲ ޢަންހު އާއި ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ފަދަ ދަރަޖަ މަތިވެރި ޞަޙާބީ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. ޠާބިޢީންގެ ތެރެއިން އަބޫ އިދުރީސްއަލްޚައުލާނީ އާއި އަލްއަޚުނަފު ބުނު ޤައިސު އާއި ސަޢީދު ބުނު މުސައްޔަބު ފަދަ ދަރަޖަ މަތިވެރި ބޭކަލުން ހިމެނެއެވެ.

އަރަހުށި މާތްﷲ އެ މާތް ޞަޙާބީއަށް ރުއްސުން ލައްވާށި! އާމީން

 

(ނިމުތަކީ މުސްތަގުބަލުގައި ކަމެއް ވާނެ ކަމަށް ނުވަތަ ހިނގައިފާނެ ކަމަށް، އެކަމާއި ބެހޭ މައުލޫމާތު ނުލިބި ހުރެ، ބުނާ ބުނުމެކެވެ. ނުވަތަ ކުރިމަގުގައި ކަމެއް ވަކި ގޮތަކަށް ހިނގައިފާނެ ކަމަށް ކުރެވޭ ލަފަ އެކެވެ.)

މިއަދު އޮންލައިން