ނަރަކައިން އޭނާ ސަލާމަތްކޮށްދިނީ އެރި ވަރުގަދަ ޠޫފާނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ނަރަކައިން އޭނާ ސަލާމަތްކޮށްދިނީ އެރި ވަރުގަދަ ޠޫފާނެވެ!

އޭނާއަކީ ތަނަވަސް މީހެކެވެ. ނަމަވެސް އޭނާގެ ކުރުމަތީގައި ފައިސާ ނޫން އެއްވެސް އެއްޗެއްގައި އެއްވެސް މުހިންމު ކަމެއް ނުވެއެވެ.

މައިންބަފައިންނާއި ގާތް ތިމާގެ މީހުން ހިމެނޭ ގޮތުން އެއްވެސް މީހަކީ އޭނާއަށް މުހިންމު މީހެއް ނޫނެވެ. ފަޤީރަކު ކުރިމަތީގައި އާދޭސްކުރިނަމަވެސް އެހީއެއް ނުވާތަނުގައި ދުލުން ބުނަނީ އޭނާގެ ހިތުގައި ޖެހޭފަދަ ނުބައި ބަސްތަކެވެ. މީގެ އިތުރުން ދުވަހަކުވެސް އަވަށްޓެރިއަކަށް ބަލައިވެސް ނުލައެވެ. އަތުން ޚަރަދުކުރަންޖެހޭނެތީ ކައިވެންޏެއްވެސް ނުކުރެއެވެ. 

އެފަދަ ގޮތަކަށް ދިރިއުޅެމުންދަނިކޮށް ރަށް އެރި ޠޫފާނެއްގައި އޭނާގެ ގެދޮރާއި ވިޔަފާރިތައް ނެތިގެން ގޮސް ޙާލުގައި ޖެހުނެވެ. ބޭންކަށް އިތުބާރު ނުކުރާތީ ބޭންކަށް ފައިސާ ޖަމާނުކުރާތީ ބޭންކުގައިވެސް އެއްވެސް ފައިސާއެއް ނެތެވެ. 

އޭނާއަށް އެންމެ އަސަރުކުރީ އަވަށްޓެރިން ގުޅިގެން ބޯހިޔާވަހިކަން ހޯދަން މަސައްކަތްކުރިއިރު އޭނާއަށް އެއްވެސް މީހަކު އެހީތެރިނުވުމުންނެވެ. އެއީ އޭނާއަކީ އަވަށްޓެރިއެއް ނަމަވެސް އެމީހުންނާއި ވަރަށް ބީރައްޓެހި މީހަކަށްވުމުންނެވެ. 

ނަޞީބު ދިމާކުރި ގޮތުން އަހަރެއްހައި ދުވަސްފަހުން އޭނާއަށް އިންޝުއަރަނަސުން ބަދަލު ލިބުނެވެ. އެހައިތަނަށް ދިރިއުޅެން ޖެހުނީ ޓެންޓް ގަނޑެއް ޖަހައިގެން ވަރަށް ނިކަމެތި ޙާލުގައެވެ. 

އޭނާއަށް ބަދަލުލިބުމުން އޭނާ ބަދަލުވީ ދީލަތި މީހަކަށެވެ. އެހެން މީހުންނަށް ހިތްހެޔޮ އަޅައިލާ މީހަކަށެވެ. ފަޤީރުންނަށާއި އަވަށްޓެރިންނަށް އެހީތެރިވާ މީހަކަށެވެ. ނަތީޖާއެއްގެ ގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ކުރިއެރުން ލިބި ތަނަވަސްކަން އިތުރުވާންފެށިއެވެ. 

އެކުވެރިންނޭވެ މިއީ މިއާމީގައި ހިނގިކަމެކެވެ. މިހިރީ ވިސްނައިލަން ޖެހޭނެ ކަންކަމެވެ. ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ނުހިފާނަމަ އެކަން އެމީހަކާއި ކޮންމެވެސް ސިފައެއްގައި އައިސް އަރައިހަމަކުރާނެއެވެ. 

އަޅުގަނޑަކީ ދިނީ ޢިލްމުވެރިއަކަށްނުވާތީ ދީނީ ގޮތުން ކަންކަން ކިޔައިދޭކަށް ނުއެނގެއެވެ. ނަމަވެސް ނަޞޭޙަތަކީ ތަނަވަސްކަން ހުރިނަމަ ދީލަތިވުމެވެ. ތަނަވަސްކަން ނެތްނަމަވެސް މީސްތަކުންނާއި ގުޅުން ބާއްވައި ކޮށްދެވެން ހުންނަ ކަންކަން ކޮށްދިނުމެވެ. ތިމާ ޙާލެއްގައި ޖެހޭ ދުވަހު އެކަމުގެ ފައަިދާކުރާނެތީއެވެ. 

މިހާދިސާގައި އެބުނާ މީހާއަށް އެ ޠޫފާންވީ އޭނާއަށް ބަދަލު އައިސް ނަރަކައިން ސަލާމަތްވުމަށް ލިބުނު ފުރުޞަތަކަށެވެ. ވީމާ މިހުންނަނީ ވަރަށް ޢިބްރަތްތެރި ޙާދިސާތަކެވެ. 

- ތުއްތުކަލޯ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން