މުސްލިމުން އަބަދުވެސް ސާބިތުވެ ތިބެންވީ 3 ޖިހާދު- ޤުރްއާނުން: ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
މުސްލިމުން އަބަދުވެސް ސާބިތުވެ ތިބެންވީ 3 ޖިހާދު- ޤުރްއާނުން: ނޫމާން ޢަލީ ޚާން

"އަދި ﷲ ގެ މަގުގައި ޖިހާދު ކުރުން ޙައްޤު ވެގެންވާ ގޮތުގައި ތިއަބައިމީހުން ޖިހާދު ކުރާށެވެ! (އުއްމަތް ތަކުގެތެރެއިން) އެކަލާނގެ ތިއަބައިމީހުން ޚިޔާރު ކުރެއްވިއެވެ. އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިއަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ. ތިއަބައިމީހުންގެ ބަފައިކަލުނަވި އިބްރާހީމް ގެފާނުގެ މިއްލަތަށް ތިއަބައިމީހުން ތަބަޢަ ވާށެވެ! ކުރީގެ ފޮތްތަކުގައްޔާއި، މި ޤުރްއާނުގައި ތިއަބައިމީހުންނަށް މުސްލިމުންގެ ނަން ދެއްވީ އެކަލާނގެއެވެ. (

އެއީ) ތިއަބައިމީހުންގެ މައްޗަށް ހެކިވެވަޑައިގަންނަވާ ބޭކަލަކުކަމުގައި ރަސޫލާ ވުމަށްޓަކައެވެ. އަދި މީސްތަކުންގެ މައްޗަށް ހެކިވާ ބައަކު ކަމުގައި ތިއަބައިމީހުން ވުމަށްޓަކައެވެ. ފަހެ، ތިއަބައިމީހުން ނަމާދު ޤާއިމް ކުރާށެވެ! އަދި ޒަކާތް ދޭށެވެ! އަދި ތިއަބައިމީހުން ﷲ ގެ ދީނުގައި ގަދައަށް ހިފަހައްޓާށެވެ! އެކަލާނގެއީ، ތިއަބައިމީހުންނަށް ނަޞްރު ދެއްވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އެހީތެރިވެވޮޑިގެންވާ ކަލާނގެ މޮޅުކަމާއެވެ! އަދި ނަޞްރު ދެއްވަވާ ކަލާނގެ މޮޅުކަމާއެވެ!" (އަލްޙައްޖު: 78)

މިއާޔަތުގައި ﷲ ތައާލާގެ މަގުގައި ޖިހާދުކުރާށެވެ! އޮތް ބަސްފުޅަކީ ވަރަށް ފުޅައު މާނައެއްގައި އޮތް ބަސްފުޅެކެވެ. މިބަސްފުޅުގެ މާނައިގައި އިސްލާމް ދީނުގައި ސާބިތުވުމަށް ކުރާ މަސައްކަތްތަކާއި އިސްލާމް ދީނުގެ ފަރުޟުތައް އަދާކުރަން ކުރާ މަސައްކަތްވެސް ހިމެނެއެވެ. އިސްލާމް ދީނުގައި މަނާކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމަށް ސާބިތުވެ ހުރުންވެސް ހިމެނެއެވެ.

ބައެއް މީހުން ދައްކާ ވާހަކަތަކުގައި ދުނިޔެއަށް އައުދެވުނު ޒަމާން ކުށްވެރިކުރެއެވެ. މިޒަމާނުގައި ދުނިޔެއަށް ފޮނުއްވެވީތީ ކަންބޮޑުވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ އެއްވެސް މީހަކު ކަންބޮޑުވާން ޖެހެންވީ ކަމެއް ނޫނެވެ. އެހެނީ ކޮންމެ މީހަކުވެސް ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވަވަނީ އެކަންވުމަށް އެންމެ ރަނގަޅު ޒަމާނުގައެވެ. އެއީ މީސްތަކުން ކަނޑައަޅާ ކަމެއް ނޫނެވެ. އެކަން ކަނޑއަޅުއްވަވާފައިވަނީ ﷲ ތަޢާލާ އެވެ.

އެމީހަކު ދުނިޔެއަށް ފޮނުއްވަވާ ޒަމާނުގައި ކަންކަން ހުންނާނެ ގޮތް އެންމެ މޮޅަށް ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. ވީމާ މީސްތަކުންނަށް ކަންކަން ކުރެވޭނެ މިންވަރުވެސް ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.

މީސްތަކުންނޭވެ! އިސްލާމް ދީނަސް ނަޞްރު ދިނުމާއި އިސްލާމް ދީނުގައި ސާބިތުވުމަކީ ވެސް ހަމަ ޖިހާދެވެ. އަހަރެމެން ކޮންމެ މީހަކުވެސް ކުރަންވީ އެ ޖިހާދެވެ! އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ އިސްލާމް ދީނުގެ ޢަދާވާތްތެރިންގެ އެތައް ބައިވަރު ޙަމަލާތައް އަމާޒުވެގެންދާ ދުވަހެކެވެ. އެ ހަމަލާތަކުން އިސްލާމް ދީން ޙިމާޔަތްކުރަން އެމީހަކަށް ކުރެވެން އޮތްކަމެއް ކުރުމާއި އިސްލާމް ދީނަށް ނަޞްރު ދިނުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ހަމަ ޖިހާދުކުރުމެވެ.

މުސްލިމުންގެ ޢަދާވާތްތެރިން އެވަނީ އިންތަކުން ބޭރުވެފައެވެ. ފާލުން ނެއްޓިފައެވެ. ބުއްދި ރަންވެފައެވެ. ނަމަވެސް މުސްލިމުންނަކީ އެފަދައިން ވެގެންވާނެ ބައެއް ނޫނެވެ. މުސްލިމުން އަބަދުވެސް ހަރަކާތްތެރިވާންވާނީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އިންތަކުގެ ތެރެއިންނެވެ. ނަޞްރާއި ކާމިޔާބު ދެއްވެވުން ވަނީ ﷲ ތަޢާލާގެ ހަޟްރަތުގައެވެ. އަހަރެމެންނަށް އޮތީ ޙައްޤު މަގުގައި ސާބިތުވުމެވެ. ޙައްޤު މަގުގައި ސާބިތުވެވިއްޖެ ނަމަ ނަޞްރު ދެއްވެވުމަކީ ﷲ ތަޢާލާގެ ވަޢުދުފުޅެކެވެ. އެކަން އަބަދުވެސް ޔަޤީންކުރާށެވެ!

--ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން