"ތިޔަބައިމީހުން ކާފިރުވާނަމަ، ފަހެ ﷲއީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އަޅުން ކާފިރުވުމަކަށް އެކަލާނގެ ނުރުއްސަވަތެވެ. އަދި ތިޔަބައިމީހުން ޝުކުރުކުރާނަމަ، އެކަލާނގެ އެކަމަށް ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން ރުޖޫޢަވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލިތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އައްޒުމަރު: 7)
ދުނިޔެ އެކަންޏެއް ނޫނެވެ! މިއީ މުޅި ކާއިނާތު (ޔުނިވަސް) އުފެއްދެވި އަދި ދުނިޔޭގައި މީސްތަކުން ލެއްވެވި ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. މިއާޔަތުގައިވާ ފުރަތަމަ ދެ ބަސްފުޅަށް ބަލައިލާށެވެ.
1 " ތިޔަބައިމީހުން ކާފިރުވާނަމަ، ފަހެ ﷲއީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ..."
2 " އަދި އެކަލާނގެ އަޅުން ކާފިރުވުމަކަށް އެކަލާނގެ ނުރުއްސަވަތެވެ..."
އަޅުގަނޑުމެންނަކީ ﷲ ތަޢާލާއަށް އީމާންވެ ރަސޫލް ﷺ ގެ ރަސޫލްކަން ޤަބޫލުކޮށް ކީރިތި ޤުރްއާން ޤަބޫލުކޮށްގެން ތިބި ބައަކީމުއެވެ. މުސްލިމުންނެވެ. ﷲ ތަޢާލާ އަހަރެމެންނާއި ދުރުވެވޮޑިގެންފިނަމަ ދުނިޔެއާއި އާޚިރަތް ގެއްލެނިވެގެން ދިއައީ ކަމަށްވެސް މިތިބީ ޤަބޫލުކޮށްގެންނެވެ.
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް މިފަދައިން ހުރިއިރު މިއާޔަތަށްވެސް ވިސްނައިލާށެވެ!
"ﷲ އީ، އީމާންވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، ކާފިރުވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، ޝައިޠޯނުންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ ޝައިޠޯނުން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ." (އަލްބަޤަރާ: 256)
މިއަދު މިފެންނަނީ ރައްޔިތުންގެ މަޖިލިސްގެ ނަމުގައި ނަންބޯޑު އަޅުވައިގެން އެމަޖިލީހުގެ މެންބަރުންގެ ޓެގް އަޅުވައިގެން ތިބި ޝައިޠޯނުންތަކެއް އަހަރެމެން ނަރަކައާއި ދިމާއަށް ކޮއްޕަމުން ގެންދާތަންކަން މިއާޔަތުން ވަރަށް ސާފެވެ. އެމެންބަރުން އެ ދައްކާ ޝައިޠޯނީ ވާހަކަތައް ދައްކައި މީސްތަކުން މަގުފުރައްދަން މަޖިލީހުން ފުރުޞަތު ދެނީ އެއީ ޝައިޠޯނުންގެ ކިއްލާއަކަށްވާތީކަން މިއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ
މިއީ ހަމަ ކޮންމެ ދިވެހިރައްޔިތަކުވެސް ވިސްނައި ފިކުރުކުރަންޖެހޭ ކަންކަމެވެ.
- ދީނީ ޢިލްމްވެރިން ދެއްވާފައިވާ މަޢްލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެއް