ކަހްފި ސޫރަތުގެ މާނައާ ތަފްސީރުން: މީސްތަކުންގެ 4 ދަރަޖަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ
ކަހްފި ސޫރަތުގެ މާނައާ ތަފްސީރުން: މީސްތަކުންގެ 4 ދަރަޖަ-

(إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا ﴿٣٠﴾ )

ކީރިތި ޤުރުއާނަކީ މަޘާނީގެ ނަމުން ނަންދެވިފައިވާ ފޮތެކެވެ. އެފަދައިން ނަން ދެވުނީ ކަމެއްގެ ވާހަކަދެއްކުމަށްފަހު އޭގެ އަނެއްކޮޅުގެ ވާހަކަވެސް ބަޔާންކުރައްވާތީއެވެ. ނަރަކައިގެ އަހަލުވެރިންގެ ވާހަކަދެއްކެވުމަށްފަހު ސުވަރުގޭގެ އަހަލުވެރިންގެ ވާހަކަ ބަޔާންކުރައްވައެވެ. ބިރުވެރިކަމުގެ އާޔަތްތައް ބަޔާންކުރެއްވުމަށްފަހު އުންމީދުގެ އާޔަތްތައްވެސް ބަޔާންކުރައްވައެވެ. އެހެނިހެން ކަންކަމުގައިވެސް މިފަދައިންނެވެ. އެކަމުގެ ބޭނުމަކީ އުންމީދާ ބިރުވެރިކަމުގެ މަތީގައި ﷲ ގެ ޙަޟްރަތަށް އިންސާނާ ދަތުރުކުރުމެވެ. އޭގެ ސަބަބަކީ އިންސާނާ ފޫހިނުވުމެވެ. ފަހެ ހަމަކަށަވަރުން އުސްލޫބުތަފާތުވެ އެކިތަންތަނުގައި ތަފާތު ގޮތްތަކަށް ގެނައުމަކީ ނަފްސަށް ބާރާއި އާރޯކަން ލިއްބައިދޭނެ ކަމެކެވެ. އެއާ ޚިލާފަށް އެއްހަމައެއްގައި އަބަދު ވާހަކަދެއްކޭނަމަ އޭގެ ސަބަބުން އިންސާނާ ފޫހިވެސް ވެދާނެއެވެ. އަދި އޭނާގެ ނަފްސަށް އޭގެ ސަބަބުން އެއްވެސް އަޘަރެއް ނުކޮށްފާނެއެވެ.

ފަހެ އަޅުތަކުންކުރެ އެންމެ ހެޔޮ މީހުންނަކީ އީމާންވެ ޞާލިޙު ޢަމަލުކުރި މީހުންނެވެ. އެބައިމީހުންވަނީ ހަތަރު ދަރަޖައެއްގައެވެ. އެކަންވަނީ ﷲ ތަޢާލާ ބަޔާންކުރައްވާފައެވެ. ސޫރަތުއް ނިސާގެ 169 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

﴿وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ﴾ 

މާނައީ: ” ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނައެވެ!) ފަހެ، އެއުރެންވަނީ، ﷲ އެބަޔެއްގެ މައްޗަށް ނިޢުމަތްދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ.”

މިއީ މުއުމިނުންގެ ހަތަރު ދަރަޖައެވެ. އޭގެ އެންމެ މަތީ ދަރަޖައަކީ ނަބީކަމެވެ. އަދި ނަބީ ކަމުގެ އެންމެ މަތީ ދަރަޖައަކީ ރަސޫލުކަމެވެ.

ދެން އެއަށްފަހުގައިވަނީ ޞިއްދީޤުންނެވެ. ޞިއްދީޤުންގެ އެންމެ މަތީ ދަރަޖައިގައިވަނީ އަބޫ ބަކުރު އައްޞިއްދީޤު رضي الله عنه އެވެ.

ތިންވަނަ ދަރަޖައިގައިވަނީ الشهداء އިންނެވެ. އެއީ ޢިލްމުވެރިންކަމުގައިވެސް ބުނެވެއެވެ. އަދި އެއީ ﷲ ގެ މަގުގައި ހަނގުރާމަކޮށް މަރުވި ބޭކަލުންކަމުގައިވެސް ބުނެވެއެވެ. މިދެމާނައަށްވެސް މިއާޔަތުން އިޙްތިމާލު އެބައޮތެވެ. އަދި އެދެމާނައިގައި ފުށުއެރުމެއް ނެތެވެ. ފުށުއެރުމެއް ނެތި އާޔަތަކުން ދެމާނަ ނެގޭނަމަ ތަފްސީރު ޢިލްމުވެރިންނަށް އެންމެ އެކަށީގެންވަނީ އެ މާނަވެސް ނެގުމެވެ. އެހެންކަމުން މިތަނުގައި الشهداء އިންނަކީ ޢިލްމުވެރިންނާއި ﷲ ގެ މަގުގައި ޤަތުލުވެގެން ދިޔަ ބޭކަލުންނެވެ. ނަބީ ބޭކަލުންނަށް ތަބާވީ ބޭކަލުންގެ ތެރެއިން މިބޭކަލުންވަނީ ދަރަޖައިގެ ގޮތުން އެންމެ މަތީގައެވެ. އެއީ ޞިއްދީޤުން ފިޔަވައެވެ.

﴿الصَّالِحِينَ﴾

އެއީ މިދަރަޖަތަކުގެ ތެރެއިން އެންމެ ތިރި ދަރަޖައެވެ.

(إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا ) މާނައަކީ: "ހެޔޮކޮށް ކަންތައްކުޅަ މީހެއްގެ ދަރުމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ."

މިތަނުގައި (إِنَّا لَا نُضِيعُ أَجْرَهُمْ ) "އެބައިމީހުންގެ އަޖްރޭ" ބަޔާން ނުކުރައްވާ "ހެޔޮކޮށް ކަންތައްކުޅަ މީހެއްގެ ދަރުމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ." އޮތުމުގެ ޙިކްމަތަކީ އެބައިމީހުންނށް މިމަތިވެރި ދަރަޖަ ލިބުނު ސަބަބު ބަޔާން ކުރެއްވުމެވެ. އެސަބަބަކީ އެބައިމީހުން ހެޔޮޢަމަލު ކުރުމުގެ ސަބަބުންނެވެ. ސޫރަތުއް ރަޙްމާންގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ   ) މާނައަކީ: "ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثواب ކަމުގައި މެނުވީ ވާނެހެއްޔެވެ؟"

ހެޔޮޢަމަލެއް ކަމުގައިވާނީ އެޢަމަލެއްގައި އިޚްލާޞްތެރި ކަމާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އިގްތިދާކުރުން ހިމެނިގެންނެވެ. 

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

މިއަދު އޮންލައިން