ކަންކަމަށް އެދި ދުޢާކުރަންވާނީ އެކަމެއް ލިބިގަތުމަށް ތައްޔާރުވެހުރެއެވެ. ނޫންނަމަ ލިބޭ ގެއްލުން މާބޮޑުވެދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ކަންކަމަށް އެދި ދުޢާކުރަންވާނީ އެކަމެއް ލިބިގަތުމަށް ތައްޔާރުވެހުރެއެވެ. ނޫންނަމަ ލިބޭ ގެއްލުން މާބޮޑުވެދާނެއެވެ!

ބައެއް މީހުން ކުރާ ބައެއް ދުޢާ ވަރަށް އަވަހަށްވެސް ޢިޖާބަކުރައްވަވަތެވެ! އެކަމެއް ހިންމަވައިދެއްވަވަތެވެ! ހަމައެއާއިއެކު ފެނިގެންދަނީ އެ ނިޢްމަތް ދާދި އަވަހަށް އަތުން ބީވެގެންދާތަނެވެ. އެގޮތަށް އެކަންތައްތައް މެދުވެރިވަނީ ތިމާ ދުޢާކުރިކަންތައް ޙާޞިލުވުމުން އެއިގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ތައްޔާރުނުވެވޭތީއެވެ.

ކަންކަމަށް އެދި ދުޢާ ކުރުމާއިއެކު އެ ކަމެއް ލިބިގަންނަން ތައްޔާރުވުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ. ތައްޔާރު ނުވެވި ހުއްޓައި ދުޢާ އިޖާބް ކުރައްވަވައިފި ނަމަ އެކަމުގެ ސަބަބުން ތިމާއަށް ކިތަންމެ ބޮޑު ދެރައެއް ވެސް ލިބިދާނެއެވެ. މުޅި އުމުރަށް ހިތާމަކުރަން ޖެހޭ ކަމަކަށްވެސް ވެދާނެއެވެ. ދުނިޔެ އާއި ޢާޚިރަތް ގެއްލިގެން ހިނގައިދާނެ ކަމަކަށްވެސް ވެގެން ހިނގައިދާނެއެވެ.

އެގޮތުން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ތަޤްވާވެރިކަން ފުރިހަމަކުރުމެވެ. މިސާލަކަށް ތިބާ އެދެނީ ތަނަވަސްކަމަށެވެ. ތަނަވަސްކަން ލިބުނުއިރު ތިބާގެ ކިބައިގައި ތަޤްވާވެރިކަން ނެތިއްޖެ ނަމަ އެ ތަނަވަސްކަމުގެ ސަބަބުން ތިބާއަށް އެތައް ގިނަ ފާފަތަކެއް ކުރެވި މަގު ފުރެދިގެން ހިނގައިދާނެއެވެ.

ހަމައެފަދައިން ތިބާ އެދެނީ ވަޒީފާއަކަށް ކަމަށްވެސް ވެދާނެއެވެ. ވަޒީފާ ލިބޭއިރު ތިބާގެ ކިބައިގައި ތަޤްވާވެރިކަން ނެތިއްޖެ ނަމަ ކުރެވޭ ކުށެއްގެ ސަބަބުން މީހާ ފަޟީޙަތްވެ ޢުމަށް ޖަލަށް ވަންނަން ވެސް ޖެހިދާނެއެވެ.

 

ތިބާ އެދެނީ ތިބާ އެންމެ ލޯބިވާ މީހާ އާއި ކައިވެނި ކުރެވެން ކަމަށްވެސް ވެދާނެއެވެ. ތިބާގެ ކިބައިގައި ތަޤްވާވެރިކަން ނެތި ކައިވެނި ކުރެވިއްޖެ ނަމަ ކުރެވޭ ކަންކަމުގެ ސަބަބުން އެންމެ ލޯބިވީ މީހާ މުޅި ޢުމުރަށް ގެއްލިގެންވެސް ހިނގައިދާނެއެވެ. ކައިވެނި ރޫޅި ދެން ކުރަންޖެހޭ ހިތާމަ މާބޮޑުވެދާނެއެވެ.

ވީމާ ކަންކަމަށް އެދި ދުޢާ ކުރުމާއިއެކު އެކަމެއް ފުއްދަވައި ދެއްވެވުމުން އެކަމުގެ ފައިދާ އެންމެ ރަނގަޅަށް ލިބިގަންނަން ތައްޔާރުވާން ޖެހޭނެއެވެ. ކުރިންވެސް ބުނިފަދައިން އެކަމަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ތަޤްވާވެރިކަން އިތުރުކުރުމެވެ. ވީމާ ދުޢާކުރަމުން ގެންދާއިރު ހަމަ އެކުއެކުގައި ތަޤްވާވެރިކަން އިތުރުކުރަންވެސް މަސައްކަތްކުރާށެވެ! ދުޢާ އިޖާބަ ކުރެއްވެވުމުން އެކަމުގެ ފައިދާ ޙާޞިލުކުރެވޭނީ އެއިރުންނެވެ! ހަމައެއާއިއެކު ވިސްނައިލާށެވެ!

އެހެން މީހުންގެ ބޭނުންތައް ފުދި އެދޭ ކަންކަން ޙާޞިލުވަމުންދާތީ އާއި އެހެން މީހުން ކުރާ ދުޢާ އިޖާބަވަމުން ދާތީ ކަންބޮޑުނުވާށެވެ! މާޔޫސްވެސް ނުވާށެވެ! އެހެނީ އަބަދުވެސް ބުނާ ފަދައިން ކޮންމެ މީހަކު ބޭނުންވާ ކަންކަން ވެސް ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. ކުރާ ދުޢާ ވެސް އައްސަވައި ވޮޑިގެންވެއެވެ. އަދި އެކަންކަން ހިންމަވައި ދެއްވެވުމަށް އެންމެ ރަނގަޅު ވަގުތު ދެމެވޮޑިގެންވަނީ ވެސް ހަމަ ﷲ ތަޢާލާއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން