ޢަލީ އިޙްޞާން ފިރާޤް
އަންހެނުންގެ ތެރެއިން އެންމެ ގިނަ ޙަދީޘް ރިވާކުރެއްވި ޞަޙާބީއަކީ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނެވެ. އެކަމަނާގެ ޢިލްމުވެރިކަމާއި، އެކަމަނާގެ ޙިކްމަތްތެރިކަމަކީ، މުޅި ދުނިޔެ ދަންނަ ޙަޤީޤަތެކެވެ.
ޙަޔާތްޕުޅުގެ އެންމެ ކުރީކޮޅުގެ ދުވަސްތައް މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ގެ އަރިހުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވުމަކީ، އެކަމަނާގެ ޢިލްމުވެރިކަމަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފުރިހަމަކަމެކެވެ. އަބަދުވެސް ދީނުގެ ޙުކުމަތަކާއި ޙިކުމަތްތައް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހުން އައްސަވައި އޮޅުންފިލުއްވައި ހައްދަވައެވެ.
އެކަމަނާގެ އަރިހުން 2210 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. ޞަޙާބީންގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ޙަދީޘް ރިވާ ކުރައްވައިފައިވަނީ އެކަމަނާއެވެ. ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްތަކުގެ ތެރެއިން ބުޚާރީ އާއި މުސްލިމު އިއްތިފާޤުވެވަޑައިގަންނަވާ ޙަދީޘުތަކުގެ އަދަދަކީ 174 އެކެވެ. މީގެ އިތުރަށް ބުޚާރީ އެކަހެރިކޮށް 54 ޙަދީޘް، މުސްލިމުގައި 69 ޙަދީޘްވެއެވެ.
އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހުގެ ޢިލްމުވެރިކަމާއި، ދީނީ ގޮތުން ކުރިމަތިވާ އުނދަގޫ ފިޤުހީ މައްސަލަތައް އަވަސް ފުރުޞަތެއްގައި ހައްލު ކުރައްވައި ހައްދަވާތީ، ޞަހާބީންނާއި ތާބިޢީންވެސް އެކަމާ އަޖާއިބުވެ ސުވާލު ކުރައްވައި ހައްދަވައެވެ.
އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ ޢުރުވަތު ބިން ޒުބައިރު އެއްފަހަރަކު އެކަމަނާއަށް ދެންނެވިއެވެ. [ފިޤުހު ޢިލްމަށާއި، ނަސަބުގެ ޢިލްމަށް ކަމަނާގެ މޮޅުފުޅުކަމާއި، ކުޅަދާނަފުޅުކަމުގެ މައްޗަށް އަޅުގަނޑު އަޖާއިބެއް ނުވަމެވެ. އެހެނީ، ކަމަނާއަކީ، އިސްލާމްދީނުގެ ނަބިއްޔާގެ އަނބިކަނބަލުންނެވެ. ޤުރައިޝުންގެ އެންމެ މޮޅު ޢިލްމުވެރިޔާ އަބޫބަކުރުގެފާނުގެ ދަރިކަނބަލުންނެވެ. ނަމަވެސް އަޅުގަނޑު އަޖާއިބުވަނީ، ކަމަނާ ބޭސްވެރިކަމުގެ ޢިލްމުގައި ކުރިއަރައި ވަޑައިގެންފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. ކަމަނާ ބޭސްވެރިކަން ދަސްފުޅު ކުރެއްވީ ކިހިނެތްތޯއެވެ؟]
މިއަޑު އައްސަވައި، ޢާއިޝަތުގެފާނު ޢުރުވަތުގެ އަތްޕުޅުގައި ހިތްޕަވައި ވިދާޅުވިއެވެ. [އޭ ޢުރުވަތެވެ. ނަބިއްޔާ صلّى اللّـه عليه وسلّم އަށް އާލާސްކަނފުޅެއް ޖެހިވަޑައިގަންނަވާ ކޮންމެ ފަހަރަކު، ޢަރަބީންނާއި، އަޖަމީންގެ މީހުން އެކަލޭގެފާނަށް ބޭސްކޮޅު ތައްޔާރުކޮށްދެއްވައި ހައްދަވައެވެ. އެތަނުން އެބޭސްތައް ތިމަންކަމަނާ ދަސް ކުރީމެވެ." {މުސްނަދު އިމާމު އަޙްމަދު: ހަވަނަ ޖިލްދުގެ 67 ވަނަ ޞަފްޙާ}
އިމާމު ޛަހަބީ ވިދާޅުވެފައިވެއެވެ. [ޢާއިޝަތުގެފާނަށްވުރެ، ޢިލްމުވެރިކަމަށް ބޮޑު އަންހެނަކު، ނަބިއްޔާ صلّى اللّـه عليه وسلّم ގެ އުއްމަތުގެ ތެރޭގައިވެސް އަދި، އެހެން އުއްމަތެއްގެ މީސްތަކުންގެ ތެރޭގައިވެސް އުޅުނުކަން އަހަރެންނަށް އެނގިފައެއް ނެތެވެ.] {އައްޛަހަބީ، ސިޔަރުއް ޢާލަމް އައްނުބަލާޢު، ވޮލިޔުމް 2، ޞަފްޙާ 140 }
އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [އަހަރެމެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޞަޙާބީން އެކަލޭގެފާނުގެ ޙަދީޘްކާމެދު އޮޅުމެއްއަރައި ދެބަސްވުމެއް އުފެދިޖެނަމަ އެ ކަމެއް ޢާއިޝަތުގެފާނަށް ހުށައަޅަމެވެ. އެފަދަ ކޮންމެ މައްސަލައެއް ޙައްލުކުރުމުގެ ޢިލްމު އެކަމަނާގެ ހުރެއެވެ.] {جامع الترمذي، كتاب المناقب عن رسول الله صلى الله عليه وسلم، ޙަދީޘް 4257}
އިމާމު ޒުހުރީ ވިދާޅުވަނީ، ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަﷲ ޢަންހާ ގެ ޢިލްމުވެރިކަމާއި، އެހެން ހުރިހާ އަންހެނުންގެ ޢިލްމުވެރިކަން އަޅައި ކިރައިފިނަމަ، އެކަމަނާގެ ޢިލްމުވެރިކަން އިތުރުވާނެ ކަމަށެވެ. {އަލް ޙާކިމް، މުސްތަދުރަކު، ވޮލިޔުމް 4، ޞަފްޙާ 11}
އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވައިފައިވަނީ ޢާއިޝަތުގެފާނު އަވަހާރަވީ ހިޖުރައިން 58 ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ އަންގާރަ ވިލޭރޭ އިރާކޮޅުގެ ވަގުތުގަކަމަށެވެ. އެންމެ މަޝްހޫރު ބަހަކީ މިއީ ކަމަށްވެސް އޭނާ ލިޔުއްވައިފައިވެއެވެ. އެރޭގެ ވިތުރިއަށްފަހު އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ މަޝްހޫރު ޞަޙާބީ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުއެވެ.