ފުރަތަމަ ކޮށްލާނީ ސުވާލެކެވެ. އެ ސުވާލަކީ ބިޒީކަމުން ޖަމާޢަތުގަ ނަމާދުކުރަން އުނދަގޫވާ ކަމަށް ބުނާ މީހުން ދުވާލަކު ދެތިން ގަޑިއިރު ފޯނުގަ ތިބޭނަމަ އާޚިރަތް ހޯދަން އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟
ބައެއް މީހުން ބުނެއެވެ. މެންދުރު ނަމާދާއި ޢަޞްރު ނަމާދު ވަގުތު މަސައްކަތުގައި އުޅެން ޖެހޭތީ މިސްކިތަށް ނުދެވެނީއެވެ. އެހެންވެ މިސްކިތަށް ޖަމާއަތަށް ދާން ފަރުވާ ކުޑަކުރެވެނީއެވެ.
އެގޮތަށް ނުވިސްނާށެވެ! ފަތިހު ތިބާ ހުންނަނީ ގޭގައި ނޫންހެއްޔެވެ؟ ވީމާ ފަތިސް ނަމާދު ޖަމާޢަތުގައި ކުރަން ފަށާށެވެ! އެއިރުން ދެން ހުރި ނަމާދުތައް މިސްކިތުގެ ޖަމާއަތުގައި ނުކޮށް ހިތްހަމަވެސް ނުޖެހޭނެއެވެ. ފަތިސްނަމާދު ޖަމާޢަތުގައި ކުރަން ފަށައިފި މީހަކަށް ކުރާނެ އެންމެ ބޮޑު އެއް ފައިދާއަކީ އެއީއެވެ. އެހެނީ މީހާގެ ހުރިހާ ކަމަކަށްވުރެ އިސްކަންދޭންޖެހޭނެ ކަމަކީ ފަރުޟު 5 ނަމާދު ޖަމާޢަތުގައި ކުރުން ކަމުގައިވާތީއެވެ.
ބައެއް މީހުން ބިޒީވެގެން ސުންނަތް ނަމާދެއްވެސް ނުކުރެވިގެން މިއަދު އެބަ އުޅެއެވެ. އެކަމަކު ފޯނުގައި ދުވާލަކު 3،4 ގަޑިއިރު އެބަ ހޭދަ ކުރެއެވެ. ނިކަން ބުނެބަލާށެވެ! މިއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެއްކިދާނެ ބަހަނާއެއް ހެއްޔެވެ؟ އެމީހާގެ ހިތުގައި އާޚިރަތް ދުވަހަށް ބިރުވެތިކަމެއްވޭ ހެއްޔެވެ؟
ރަވާތިބް ސުންނަތުގެ 12 ރަކްޢަތް ކުރުމުގެ މުހިންމުކަން އެންމެންނަށްވެސް އެނގެއެވެ. މިހާރުި ނުކުރާ މީހަކަށް ކުއްލިއަކަށް 12 ރަކްޢަތް ކުރަން ފަށަން އުނދަގޫވެދާނެއެވެ. ކަންބޮޑު ނުވާށެވެ! 2 ރަކްޢަތުން ފާށާށެވެ. ނަމަވެސް 12 ރަކްޢަތް ކުރުން ފުރިހަމަ ކުރާނެ ތާރީޚެއް ކަނޑައަޅައި އެ ތާރީޚަށް 12 ރަކްޢަތް ކުރަން ފެށުން ހަމަ ކުރުމަކީ ލަނޑުދަނޑިއަކަށް ހަދާށެވެ! އެމީހަކަށް އެއްވެސް ބުރައަކަށްނުވެ އެކަން ޙާޞިލުކުރެވޭނެއެވެ. އިން ޝާ ﷲ!
- މުފްތީ މެންކުގެ ދަރުސަކުން